ކުޅިވަރު

ބައްސާމާއި އާއިލާގެ ބޭނުންތަކަށް 12 މިލިޔަން ޑޮލަރުގެ ބޮޑު ބައެއް ބޭނުންކުރި: ޕީޖީ


ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ އަމިއްލަ ބޭނުންތަކަށް، ފީފާ އާއި އެކި ޖަމުއިއްޔާތަކުން ދިން 12 މިލިޔަން ޑޮލަރު (191 މިިލިޔަން ރުފިޔާ) ގެ ބޮޑު ބައެއް ބޭނުންކޮށްފައިވާ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) ގެ އޮފީހުން ބުނެފިއެވެ.

ފުލުހުންނާއި ޕީޖީ އޮފީހުން މި މައްސަލަ ތަހުގީގުކުރަމުން އަންނައިރު، މި މައްސަލައިގައި ޕީޖީ އޮފީހުގެ ނިއުސްލެޓާ، "އުންސުރު" ގެ މިދިޔަ މަހުގެ އަދަދުގައި ވަނީ ގިނަ މައުލޫމާތުތަކެއް ހާމަކޮށްފައެވެ.

އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، އެފްއޭއެމް ހިންގަނީ ދުނިޔޭގެ ފުޓްބޯޅައިގެ މައި ޖަމުއިއްޔާ، ފީފާ އާއި އެހެނިހެން ގައުމުތަކުގެ އެސޯސިއޭޝަންތަކުން ދޭ ސްޕޮންސަރ ފައިސާގެ އިތުުރުން ދިވެހި ސަރުކާރުން ދޭ ބަޖެޓާއި އެފްއޭއެމުގެ ދަނޑުތައް ކުއްޔަށް ދީގެން ލިބޭ ފައިސާއިންކަން އެނގެއެވެ. އެގޮތުން ފެޑެރޭޝަން އިންޓަރނޭޝަނަލް ޑި ފުޓްބޯލް އެސޯސިއޭޝަން (ފީފާ) އަދި ބޭރު ގައުމުތަކުގެ ފުޓްބޯލް އެސޯސިއޭޝަންތަކުން އެހީގެ ގޮތުގައި ދޭ ފައިސާ އަދި މީގެ އިތުރުން ދިވެހި ސަރުކާރުން ކޮންމެ އަހަރަކު ދޭ ގްރާންޓް ފައިސާ އާއި، އެފްއޭއެމްގެ ދަނޑުތައް ކުއްޔަށް ދީގެން ލިބޭ ފައިސާއިންނެވެ.

އެފްއޭއެމަށް ފުޓްބޯޅައިގެ މައި އިދާރާ ފީފާއިން ދޭ ފައިސާގެ ތެރެއިން 10،000 ޑޮލަރު، އެފްއޭއެމްގެ ރައީސް ބައްސާމް އަމިއްލަ އެކައުންޓަށް ފޮނުވައި ބޭނުންކޮށްފައިވާތޯ، އޭނާގެ މައްޗަށް މަނީ ލޯންޑަރިން އާއި ޚިޔާނާތުގެ ދައުވާ ކުރަން ޕީޖީ އޮފީހުން ވަނީ ފޮނުވާފައެވެ.

އެ ގޮތުން ބަލަމުން އަންނަ މައްސަލައިގެ ތަހުގީގަށް މިހާތަނަށް ލިބިފައިވާ ހެކިތަކަށް ބަލާއިރު، 2018 ވަނަ އަހަރުގެ ޖެނުއަރީން ފެށިގެން 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހާ ހަމައަށް ގާތްގަނޑަކަށް 12.4 (ބާރަ ޕޮއިންޓް ހަތަރެއް މިލިޔަން ޔޫއެސް ޑޮލަރު) ފީފާއިން އެފްއޭއެމަށް ދީފައިވެއެވެ. އެއީ ދިވެހި ރުފިޔާއިން ނަމަ 19 މިލިޔަން ރުފިޔާއެވެ.

ތަހުގީގަށް ދެން ލިބުނު މައުލޫމާތުން އެނގިގެންދިޔައީ، ފީފާއިންނާއި ބޭރުގެ އެހެނިގެން ގައުމުތަކުން އެފްއޭއެމަށް ފައިސާ ޖަމާކުރަނީ ބޭރު ފައިސާއިން ކަމަށެވެ. އަދި އެފްއޭއެމުން އެ ފައިސާ އެހެން ފަރާތްތަކަށް ވިއްކައިގެން، "ދިވެހި ރުފިޔާ ހޯދަމުން ގެންދިޔައީ އެއްވެސް އުސޫލެއް ނެތި، އެކަމާ ގުޅޭ ރިކޯޑުވެސް ބެހެއްޓުމެއް ނެތި" ކަންވެސް ވަނީ އެނގިފައެވެ.

"
އެފްއޭއެމް އެކައުންޓުން އެފްއޭއެމްގެ ރައީސް ގ. ފަހިވާގެ، ބައްސާމް ޢަދީލް ޖަލީލްގެ އެކައުންޓަށް ގިނަ ޢަދަދެއްގެ ފައިސާ ޖަމާކޮށްފައިވާކަން ތަޙުޤީޤަށް ހޯދިފައިވެއެވެ. ބޭންކަށް ހުށަހަޅާ ލިޔުންތަކުގައި މި ފައިސާއަކީ "sales of dollars" ކަމުގައި ލިޔެފައިވީ ނަމަވެސް، އެ ފައިސާއަށްވާ ދިވެހި ރުފިޔާ އެފްއޭއެމްގެ އެއްވެސް ދިވެހި ރުފިޔާ އެކައުންޓަކަށް ޖަމާކޮށްފައިނުވެއެވެ. މާލީ މުއާމަލާތްތައް ހެކިދޭ ގޮތުގައި އެ ފައިސާ ބައްސާމް ބޭނުންކޮށްފައި ހުންނަނީ އަމިއްލަ ބޭނުންތަކަށެވެ.
ޕީޖީ އޮފީހުގެ ނިއުސްލެޓާ، "އުންސުރު"

މީގެ އިތުރުން، އެފްއޭއެމްގެ ފައިސާ ބޭނުންކޮށްގެން ބައްސާމް އެކިއެކި، ޕްރޮޕަޓީސް ގަނެފައިވާ ކަމާއި، އޭނާގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރީގެ ޚަރަދުތައް ކުރަމުން ގެންދާކަމާއި، އާއިލާގެ ޚަރަދުތައް ބަލަހައްޓައި ބޭރު ދަތުރުތައް ކުރަމުންގެންދާކަމުގެ މައުލޫމާތުވެސް ތަހުގީގަށް ވަނީ ލިބިފައެވެ.

މިފަދަ އެއް މުއާމަލާތުގެ މައްސަލައިގައި ބައްސާމްގެ މައްޗަށް މި އަހަރުގެ ޖެނުއަރީ 31 ވަނަ ދުވަހު ޚިޔާނާތުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ އުފުލަން ވަނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައެވެ.