ޚަބަރު

ޔޫއޭއީގައި ބޮޑުވެފައިވާ ފެންގަނޑު ހިންދައި, ސާފުކުުރުމުގެ މަސައްކަތް ފަށައިފި


އެކުވެރި ޢަރަބި އިމާރާތް (ޔޫއޭއީ)އަށް ބޯކޮށް ވާރޭވެހުމާ ގުޅިގެން ފެންބޮޑުވެފައިވާ ސަރަޙައްދުތަކުން ފެންގަނޑު ހިންދުމާއި, މަގުތައް ސާފު ކުރުމުގެ މަސައްކަތް ފަށައިފިއެވެ. ވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކޮށްފައި ވަނީ ޔޫއޭއީއާއި އޮމާން ގުޅޭ ސަރަޙައްދީ ރޮނގު އޮންނަ ސަރަޙައްދަށެވެ.

ޔޫއޭއީއަށް ބޯކޮށް ވާރޭވެހިފައި ވަނީ, އެ ސަރަޙައްދަށް އެރި އާދަޔާ ޚިލާފު ތޫފާނަކާ ގުޅިގެންނެވެ. އެންމެ ބޯކޮށް ވާރޭވެހިފައި ވަނީ އޮމާންގެ ސަރަޙައްދީ ރޮނގު ކައިރީގައި އޮންނަ ޔޫއޭއީގެ ރަށެއް ކަމުގައިވާ އަލް-ޢައިނަށެވެ. އެ ރަށަށް 24 ގަޑިއިރުގެ ތެރޭގައި 254 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމުގައި ޔޫއޭއީގެ މޫސުމާ ބެހޭ އިދާރާއިން ބުންޏެވެ. މިއީ, 1949 ވަނަ އަހަރު ރެކޯޑުތައް ބަލަހައްޓަން ފެށި ފަހުން ޔޫއޭއީއަށް އެންމެ ގިނައިން ވާރޭ ވެހިފައިވާ ފަހަރެވެ.

މި ވިއްސާރައިގައި ދުބާއީގެ ބޮޑު ސަރަޙައްދެއްގައި ވެސް ފެންބޮޑުވިއެވެ. އަދި, ފެންބޮޑުވުމާ ގުޅިގެން ހިނގި އެކި ހާދިސާތަކުގައި އެކަކު މަރުވިއެވެ. މި ވިއްސާރައިގައި އޮމާންގެ ބޮޑު ސަރަޙައްދެއްގައި ވެސް ފެންބޮޑުވެ, އެކި ހާދިސާގައި 19 ވަރަކަށް މީހުން މަރުވިއެވެ.

ޔޫއޭއީގައި ފެންބޮޑުވެފައިވާ މަގުތަކުން ފެން ހިންދައި, ލިބިފައިވާ ގެއްލުން ވަޒަން ކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. ފެންބޮޑުވުމާ ގުޅިގެން ޢާންމުން ދިރިއުޅޭ ޢިމާރާތްތަކާއި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އަދި, ގިނަ ޢަދަދެއްގެ ޢިމާރާތުގެ ފުރާޅުތައް ވެއްޓުނެވެ. މޫސުމާ ބެހޭ މާހިރުން ބުނީ, ޔޫއޭއީއާއި އޮމާނަށް ބާރުގަދަ ކޮޅިގަނޑެއް އަރައި, ބޯކޮށް ވާރޭވެހިފައި ވަނީ މޫސުމީ ބަދަލުތަކުގެ ސަބަބުން ކަމުގައެވެ.

ފެންބޮޑުވުމާ ގުޅިގެން ދުނިޔޭގެ އެންމެ ބާރުބޮޑު އެއް ވައިގެ ބަނދަރު ކަމުގައިވާ ދުބާއީ އިންޓަރނޭޝަލް އެއަރޕޯޓުގެ ދަތުރުތަކަށް ވެސް ހުރަސް އެޅުނެވެ. އަދި, ރަންވޭތަކުގައި ފެންބޮޑުވެ, ވައިގެ ދަތުރުތައް ކެންސަލް ކުރަން ޖެހުނެވެ. މި ކަމާ ގުޅިގެން ގިނަ ޢަދަދެއްގެ ފަސިންޖަރުން ވައިގެ ބަނދަރުގައި ތާށިވިއެވެ. ދުބާއީ ވައިގެ ބަނދަރުން ބުނީ, ކެންސަލް ކޮށްފައިވާ ވައިގެ އުދުހުންތަކުގެ ޚިދުމަތްތައް އަލުން ފެށުމަށް މަސައްކަތް ކުރަމުންދާ ކަމުގައެވެ.

ވިއްސާރައާއި ފެންބޮޑުވުމުގެ ސަބަބުން އޮމާނުން މަރުވި 19 މީހުންގެ ތެރޭގައި މަދަރުސާތަކެއްގެ ދަރިވަރުން ހިމެނެއެވެ. އެ ޤައުމުގެ މޫސުމާ ބެހޭ އިދާރާއިން ބުނީ, ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އެ ޤައުމުގެ ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމުގައެވެ. ފެންބޮޑުވުމާ ގުޅިގެން އޮމާންގެ ގިނަ ސަރަޙައްދުތަކުގައި ސަރުކާރު އޮފީސްތަކާއި މަދަރުސާތައް ވަނީ ބަންދު ކޮށްފައެވެ.