ޚަބަރު

ޕާކިސްތާނާއި އަފްޣާނިސްތާނުގައި ފެންބޮޑުވެ 100އެއްހާ މީހުން މަރުވެއްޖެ


ޕާކިސްތާނާއި އަފްޣާނިސްތާނުގެ ބައެއް ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހި, ފެންބޮޑުވުމާ ގުޅިގެން 100އެއްހާ މީހުން މަރުވެއްޖެއެވެ. ޕާކިސްތާނުގައި ފެންބޮޑުވުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައި ވަނީ ޚައިބަރް ޕަޚްތުންޚާ ސަރަޙައްދަށެވެ. އެ ސަރަޙައްދުގައި ފެންބޮޑުވެ, ހިނގި އެކި ހާދިސާތަކުގައި 50 މީހުން މަރުވިއެވެ. އަފްޣާނިސްތާނުން ވެސް ވަނީ ފެންބޮޑުވުމާ ގުޅިގެން 50 މީހުން މަރުވެފައިވާ ކަން ރިޕޯޓު ކޮށްފައެވެ.

ބޯކޮށް ވާރޭވެހި ފެންބޮޑުވުމާ ގުޅިގެން ޕާކިސްތާނުގެ ޚައިބަރް ޕަޚްތުންޚާ ސަރަޙައްދުގެ ބައެއް ހިސާބުތަކުގައި ބިންގަނޑު ކެނޑި, ކިސަޑު ފޭބިއެވެ. އަދި, ޢާންމުން ދިރިއުޅޭ ގިނަ ޢަދަދެއްގެ ގެ ވެއްޓި, ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. ޕާކިސްތާނުގެ ހުޅަނގުއުތުރުގެ ސަރަޙައްދުތަކުގެ އިތުރުން އިރުމަތީގައި އޮންނަ ޕުންޖާބް ޕުރޮވިންސަށް ވެސް ފެންބޮޑުވުމާ ގުޅިގެން ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. ޕުންޖާބްގެ ކާރިސާތަކާ ބެހޭ އިދާރާއިން ބުނީ އެ ސަރަޙައްދުން 21 މީހުން މަރުވި ކަމުގައެވެ.

ޕާކިސްތާންގެ ވެރިރަށް އިސްލާމްއާބާދުގެ އިތުރުން ހުޅަނގުދެކުނުގައި އޮންނަ ބަލޫޗިސްތާނަށް ވެސް ފެންބޮޑުވުމުގެ އަސަރު ކުރިއެވެ. ފެންބޮޑުވުމާ ގުޅިގެން ހާލުގައި ޖެހިފައިވާ އެތަކެއް ސަތޭކަ މީހުންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ފޯރު ކޮށްދިނުމަށް އެ ޤައުމުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވަނީ އިރުޝާދު ދެއްވާފައެވެ. ފެންބޮޑުވުމާ ގުޅިގެން ޕާކިސްތާނުގެ ހުޅަނގުދެކުނުގައިވާ ސަރަޙައްދުތަކުގައި ވަނީ ކުއްލި ހާލަތު އިޢުލާނު ކޮށްފައެވެ.

އަފްޣާނިސްތާނުގެ ކާރިސާތަކާ ބެހޭ އިދާރާއިން ބުނީ, ފެންބޮޑުވުމާ ގުޅިގެން 50އެއްހާ މީހުން މަރުވެފައިވާއިރު, އިތުރު 36 މީހަކަށް އަނިޔާވެގެން ފަރުވާ ދޭން ޖެހުނު ކަމުގައެވެ. ޕާކިސްތާނުގައި ވެރިކަން ކުރާ ޠާލިބާނުން ބުނީ, ފެންބޮޑުވުމާ ގުޅިގެން ކުރިމަތިވި ހާދިސާތަކުގައި 600އެއްހާ ގެ ވެއްޓިފައިވާ ކަމުގައެވެ. އަދި, ގިނަ ޢަދަދެއްގެ ނައަމްސޫފި މަރުވެފައިވާ ކަމުގައެވެ. ފެންބޮޑުވުމާ ގުޅިގެން އެ ޤައުމުން ހާލުގައި ޖެހިފައިވާ 23,000 ޢާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމުގައި ވެސް ޠާލިބާނުން ބުނެއެވެ.