ޚަބަރު

އިދިކޮޅު ފަރާތްތަކުން އިރާޤުގެ ގްރީން-ޒޯންގައި މުޒާހަރާކޮށްފި


އިރާޤުގެ ޝިއީ ޢިމާމް މޮގްތާދާ އަލް-ސަދްރަށް ތާއީދުކުރާ ފަރާތްތަކުން ކުރިއަށްގެންދިޔަ މުޒާހަރާގައި ބަޣްދާދުގެ ގްރީން ޒޯންގައި ހުންނަ އެޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ ޢިމާރާތުގެ ތެރެއަށް ވަދެގަނެފިއެވެ.

މުޒާހަރާކޮށްފައި މިވަނީ ސިޔާސީ އިސްލާހީ ބަދަލުތައް ގެނައުމަށް ރައްޔިތުންގެ މަޖިލީހާއި ސަރުކާރުން ނުކުޅެދިފައިވާކަމަށް ވިދާޅުވެ މޮގްތާދާ ފާޑުކިޔާފައިވަނިކޮށެވެ. އިރާޤުގެ ގްރީން ޒޯންއަކީ ސަރުކާރުގެ އޮފީސްތަކާއި، ބޭރުގެ އެންބަސީތައް ހުންނަ ސަރަހައްދެވެ. 

މިމުޒާހަރާގެ ތެރެއިން ސެކިއުރިޓީ ބަލަހައްޓާ ފަރާތްތަކާއި އާންމުންގެ މެދުގައި ކުރިމަތިލުންތަކެއް ހިނގާފައިވާކަމުގެ ރިޕޯޓެއް ލިބިފައެއްނުވެއެވެ. ނަމަވެސް އަސްކަރިއްޔާގެ ޓީމުތަކާއި، ވެހިކަލްތައް މުޒާހަރާ ކުރަމުންދިޔަ ސަރަހައްދުގައި ވަނީ ހަރަކާތްތެރިވެފައެވެ. ބަޤްދާދުގެ ސެކިއުރިޓީ އޮފިޝަލުން ބުނީ މިމުޒާހަރާގެ ސަބަބުން ކާފިއު އިއުލާންކޮށްފައި ނުވިނަމަވެސް ސަލާމަތީ ސަބަބުތަކަށްޓަކައި ބަޣްދާދަށް ވަންނަ މަގުތައް ވަގުތީގޮތުން ބަންދުކުރެވިފައިވާކަމަށެވެ.  

އދގެ ތަރުޖަމާން އަދި ޑިޕްލޮމެޓިކް މިޝަންތަކުގެ އޮފިޝަލުން މައުލޫމާތުދެއްވި ގޮތުގައި ބަޣްދާދުގެ ގްރީން ޒޯންގައި ހުންނަ އެފަރާތްތަކުގެ އޮފީސްތައް ވަނީ ސަލާމަތީ ސަބަބުތަކަށްޓަކައި ބަންދުކުރެވިފައެވެ. ބަޣްދާދުގެ މަގުތަކުގައާއި ބްރިޖްތަކުގައިވެސް ވަނީ ސަލާމަތީ ސަބަބުތަކަށްޓަކައި ޗެކް ޕޮއިންޓްތަކާއި ކޮންކްރީޓް ހުރަސްތައް ބަހައްޓާފައެވެ. ޤާނޫނު ހަދާ މަޖިލީހުގެ ޢިމާރާތަށް ވަދެގަތުމަށްފަހު މުޒާހަރާގެ ބައިވެރިން ދިދަތައް ހިފައިގެން، އަޑުއުފުލަމުން ދިޔައެވެ. އަދި މީގެތެރެއިން ބައެއް މީހުން ޤާނޫނުހަދާ މަޖިލިސް ޢިމާރާތުގައި ހުރި ބައެއް ފަރުނީޗަރުތަކާއި އެހެނިހެން އެއްޗެއްސަށް ވަނީ ގެއްލުން ދީފައެވެ.