ޚަބަރު

އިސްލާމީ ފަތުވާދޭ މަޖިލީހަށް ޑރ.މޫސާ އަންވަރާއި ޑރ.ޢަލީ ޒާހިރު


  • އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް އެކުލެވިގެންވަނީ ފަސް މެމްބަރުންގެ މައްޗަށް

އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެ މެންބަރަކު އައްޔަންކުރައްވައިފިއެވެ.

އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކޮށްފައިވަނީ މ. ހިތިމާގެ، ޑރ. އަލީ ޒާހިރުއާއި ޏ. ފުވައްމުލައް، ދަނޑިމަގު، ރިހިވިލާގެ ޑރ. މޫސާ އަންވަރުއެވެ.

އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވީ ޑރ. އަލީ ޒާހިރު ފަތުވާ މަޖިލީހަށް އައްޔަންކުރެއްވީ ރާއްޖޭގެ ގައުމީ ޔުނިވާސިޓީ ނުވަތަ އިސްލާމިކް ޔުނިވާސިޓީގެ އެކަޑަމިކް މުވައްޒަފުންގެ ތެރެއިން، އައްޔަންކުރަންޖެހޭ މެމްބަރުގެ ގޮތުގައި ކަމަށެވެ. އަދި ޑރ. މޫސާ އަންވަރު އައްޔަންކުރެއްވީ މިނިސްޓްރީގެ ލަފާގެ މަތިން އައްޔަންކުރައްވާ މެމްބަރެއްގެ ގޮތުގައިކަމަށްވެސް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް އެކުލެވިގެންވަނީ ފަސް މެމްބަރުންގެ މައްޗަށެވެ. އެއީ މިނިސްޓަރ އައްޔަންކުރައްވާ މެމްބަރަކާއި، ޝަރުޢީކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އުއްތަމަ ފަނޑިޔާރުގެ ލަފާފުޅުގެ މަތިން ޢައްޔަންކުރައްވާ މެމްބަރަކާއި، އިސްލާމިކް ޔުނިވަރސިޓީގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ޢައްޔަންކުރާ މެމްބަރުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާ ދެ މެމްބަރުނެންވެ.

ފަތުވާ މަޖިލީހުގައި ތިއްބަވާ މެމްބަރުން:

- ޑރ. މުހައްމަދު ރަޝީދު އިބްރާހިމް- ރައީސް އައްޔަންކުރެއްވި މެމްބަރެއްގެ ގޮތުގައި
- ޑރ. އަބްދުއްސައްތާރު އަބްދުއްރަހްމާން- ރައީސް އައްޔަން ކުރެއްވި މެމްބަރެއްގެ ގޮތުގައި
- ޑރ. މޫސާ އަންވަރު ހަސަން- އިސްލާމިކް މިނިސްޓްރީގެ ލަފާގެ މަތިން އައްޔަން ކުރެއްވި މެމްބަރެއް
- ޑރ. އަލީ ޒާހިރު- ގައުމީ ޔުނިވާސިޓީ ނުވަތަ އިސްލާމިކް ޔުނިވާސިޓީގެ އެކަޑަމިކް މުވައްޒަފުންގެ ތެރެއިން ރައީސް އައްޔަން ކުރެއްވި މެމްބަރެއް
- އައްޝައިހް އިލްޔާސް ހުސެއިން- މިނިސްޓްރީގެ ލަފާގެ މަތިން އައްޔަން ކުރެއްވި ބޭފުޅެއް.

އިސްލާމިކް މިނިސްޓްރީގެ ދަށުން ހިންގަމުން އައި ފިގުހު އެކެޑަމީގެ ބަދަލުގައި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ނަމުގައި އޮފީހެއް އުފެއްދީ 2016 ވަނަ އަހަރެވެ.