ކުޅިވަރު

ބުރު، ކުލަބު ކާސިންޖީ، ޔުނައިޓެޑް އީސްޓް ކޯސްޓް އަދި ޖޭކޭ ސެމީއަށް


އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖް 1445 ގެ ސެމީ ފައިނަލަށް ބުރު ސްޕޯޓްސް ކުލަބާއި، ކުލަބު ކާސިންޖީ އާއި، ޔުނައިޓެޑް އީސްޓް ކޯސްޓް އަދި ޖެކޭ ސްޕޯޓްސް ކުލަބު ދަތުރުކޮށްފިއެވެ.

ޖުމްލަ 34 ޓީމާއެކު ކުރިއަށްދާ މި އަހަރުގެ ބައިބަލާ މުބާރާތުގެ ސެމީއަށް ބުރު ސްޕޯޓްސް ކުލަބު ދަތުރުކޮށްފައިވަނީ ކުއާޓާ ފައިނަލުގެ ފުރަތަމަ މެޗުގައި ވިއެނާ ސްޕޯޓްސްއާ ވާދަކޮށް ސީދާ ދެ ގޭމުން މޮޅުވެގެންނެވެ. ފުރަތަމަ ގޭމް ބުރު ސްޕޯޓްސް ކުލަބުން ކާމިޔާބުކޮށްފައިވަނީ 5-8 ގެ ނަތީޖާއަކުންނެވެ. އަދި ދެވަނަ ގޭމް ބުރު ސްޕޯޓްސް ކާމިޔާބުކޮށްފައިވަނީ 8-10 ގެ ނަތީޖާއަކުންނެވެ.

މި މުބާރާތުގެ ދެވަނަ ކުއާޓާ ފައިނަލުގައި ޓީސީ ސްޕޯޓްސް ކުލަބު އަތުން ކާސިންޖީވެސް މޮޅުވީ ސީދާ ދެ ގޭމުންނެވެ. ކާސިންޖީން ފުރަތަމަ ގޭމް ކާމިޔާބުކޮށްފައިވަނީ 2-9 ގެ ނަތީޖާއަކުންނެވެ. އަދި ދެވަނަ ގޭމް ކާމިޔާބުކުރީ 2-20 ގެ ނަތީޖާއަކުންނެވެ.

އީސްޓް ކޯސްޓް ސެމީގެ ޖާގައެއް ހޯދީ ރޭ ކުޅުނު ތިންވަނަ ކުއާޓާގައި ކުޑަ ހެންވޭރު ޔުނައިޓެޑް އަތުން ސީދާ ދެ ގޭމުން މޮޅުވެގެންނެވެ. ފުރަތަމަ ގޭމުގެ ފުރިހަމަ ވަގުތު ހަމަވެގެންދިޔައިރު އެތެރެއިން ކުޅެމުންދިޔަ ޔުނައިޓެޑް އީސްޓް ކޯސްޓް ކުރީގައި އޮތީ 4-13 ގެ ނަތީޖާއަކުންނެވެ. އަދި ދެވަނަ ގޭމް ޔުނައިޓެޑް އީސްޓް ކޯސްޓަށް ލިބުނީ 5-5 ގެ ނަތީޖާއަކުން އެއްވަރުވުމާއެކު، ކުޑަހެންވޭރު ޔުނައިޓެޑުން މި ގޭމް ދޫކޮށްލުމުންނެވެ.

ޖޭކޭ ސްޕޯޓްސްއިން ފުރަތަމަ ފަހަރަށް ސެމީގެ ޖާގައެއް ހޯދާފައިވަނީ ރޭ ކުޅުނު ކުއާޓާ ފައިނަލުގެ ފަހު މެޗުގައި ކުލަބު އޯވަންއޯ އަތުން ސީދާ ދެ ގޭމުން މޮޅުވެގެންނެވެ. ފުރަތަމަ ގޭމުގައި ޖޭކޭ ސްޕޯޓްސްއިން ވަނީ ބޭރުން އަރަމުންދިޔަ ކުލަބު އޯވަންއޯގެ ގިނަ ކުޅުންތެރިން ނުބައިކޮށްފައެވެ. އެއާއެކު މި ގޭމް ޖެކޭ ސްޕޯޓްސް ކުލަބުން ކާމިޔާބުކޮށްފައިވަނީ 3-15 ގެ ނަތީޖާއަކުންނެވެ. އަދި ދެވަނަ ގޭމް ޖޭކޭ ސްޕޯޓްސްއިން ކާމިޔާބުކުރީ ގޭމު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް 5-6 ގެ ނަތީޖާއަކުންނެވެ.

މި މުބާރާތުގެ ސެމީ ފައިނަލް ދެ މެޗާއި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހުގެ ރޭގަނޑެވެ. މި މެޗުތައް "ޔެސް ޓީވީ" އިން ވަގުތުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.