ޚަބަރު

ދުވަސްނުފުރާ އުފަންވާ ކުދިންނަށް ދޭ އާރުއޯޕީ ލޭޒާ ޓްރީޓްމަންޓް ރާއްޖޭގައި އަލަށް ތަޢާރަފްކޮށްފި


  • ފުރަތަމަ ޕްރޮސީޖާ ހެދީ މިދިޔަ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހު

  • މިހާތަނަށް ކާމިޔާބުކަމާއެކު 10 އާރުއޯޕީ ލޭޒާ ޕްރޮސީޖާ ވަނީ ހަދާފައި

ދުވަސްނުފުރާވިހާ ތުއްތުކުދިންގެ ލޮލުގެ ފެނުން ގެއްލުން ހުއްޓުވުމަށް ދޭ "ރެޓިނޯޕަތީ އޮފް ޕްރިމެޗުއަރިޓީ"، އާރްއޯޕީ ލޭޒަރ ޓްރީޓްމަންޓް އައިކެއަރ ހޮސްޕިޓަލުން ރާއްޖޭގައި ތަޢާރަފްކޮށްފިއެވެ.

ރެޓިނޯޕަތީ އޮފް ޕްރިމެޗުއަރިޓީ އަކީ ދުވަސްނުފުރާ ވިހާ ކުދިންނަށް ކުރިމަތިވާ ވަރަށް ސީރިއަސް ލޮލުގެ މައްސަލައެކެވެ. މި މައްސަލަ ކުރިމަތި ވަނީ ދުވަސް ނުފުރާ ވިހެއުމުގެ ސަބަބުން ކުއްޖާ އަންޑަރޑިވެލޮޕްވެ ލޮލުގެ ރެޓިނާގެ ލޭ ނާރުތައް ހުންނަން ޖެހޭ ގޮތާއި ޚިލާފަށް އެބްނޯމަލްކޮށް އުފެދުމުންނެވެ. މިއީ އާއްމުކޮށް 32 ހަފްތާ ނުވަނީސް އުފަންވާ ކުދިންނާއި 1500 ގުރާމަށް ވުރެ ލުއިކޮށް އުފަންވާ ކުދިންނަށް ކުރިމަތިވާ މައްސަލަ އެކެވެ.

މި މައްސަލަ ކުރިމަތިވުމުގެ ސަބަބުން ލޮލުގެ ރެޓިނާ އެއްކޮށް ހަލާކުވެ ލޮލުގެ ފެނުން އެއްކޮށް ގެއްލުމަށް މަގުފަހިވެއެވެ. ހަމަ އެހެންމެ، މިކަމަށް ބޭނުންވާ ފަރުވާ ނުދެވި، ލޮލުގެ ފެނުން ގެއްލިއްޖެނަމަ، އިތުރު ފަރުވާއެއްދީ ލޮލުގެ ފެނުން އަލުން އިޢާދަ ނުކުރެވޭނެއެވެ.

ރާއްޖެއަށް އަލަށް ތަޢާރަފްކުރި މި ޓްރީޓްމަންޓުގެ ފުރަތަމަ ޕްރޮސީޖާ އައިކެއަރގައި ހެދީ މިދިޔަ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހުއެވެ. މި ޕްރޮސީޖާ ހަދާފައިވަނީ ރެޓިނާގެ ނާރުތައް އުފެދުމުގައި އެބްނޯމަލިޓީ ހުރި، 33 ހަފްތާގައި އުފަންވި ފިރިހެން ކުއްޖަކަށެވެ. މިފަރުވާއަށް ފަހު، ތުއްތު ކުއްޖާގެ ލޮލުގެ އެބްނޯމަލް ނާރުތައް ވަރަށް ބޮޑަށް މަދުކުރެވި، ކާމިޔާބުކަމާއެކު މި ޕްރޮސީޖާ ނިންމާލާފައިވާ ކަމަށް އައިކެއަރއިން ބުނެއެވެ. މި ޓްރީޓްމަންޓަކީ ރެޓިނާގެ ޓާގެޓު ތަންތަނަށް ލޭޒާ ފޮނުވާ، އެބްނޯމަލް ލޭ ނާރުތައް ކުޑަކޮށް، މި ކޮންޑިޝަން ހުއްޓުވުމަކަށް ގެނައުމަށް ދޭ ފަރުވާއެކެވެ.

މި ޕްރޮސީޖާ ހެދުމުގައި އިސްކޮށް އުޅުއްވި އައިކެއަރ ހޮސްޕިޓަލުގެ ވިޓްރިއޯ-ރެޓިނަލް ސްޕެޝަލިސްޓް އަދި ސާޖަން ޑރ. މުހައްމަދު އައްޒާމް އަލީވަނީ މިޓްރީޓްމަންޓަކީ ރާއްޖެއަށް ބޭނުންވެފައި އޮތް މުހިންމު ޚިދުމަތެއްކަން ފާހަގަކުރައްވާފައެވެ. އަދި، މި ޓްރީޓްމަންޓަކީ ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ލިބުނު ބޮޑު ކާމިޔާބީއަކާއި ކުރިއެރުމެއްކަމަށް ޑރ. ފާހަގަކުރެއްވިއެވެ.

އައިކެއަރ ހޮސްޕިޓަލުގައި މިހާތަނަށް ކާމިޔާބުކަމާއި އެކު 10 އާރުއޯޕީ ލޭޒާ ޕްރޮސިޖާ ވަނީ ހަދާފައެވެ. މި ޕްރޮސީޖާ ހަދާފައި ވަނީ އެއް މަހާއި ދެ މަހުގެ ކުދިންގެއެވެ. އަދި، ޖުމްލަ 14 ކުދިންގެ ލޯ ވަނީ ޓެސްޓްކޮށްފައެވެ.