ޚަބަރު

މިދިޔަ 5 އަހަރު ގެވެށި އަނިޔާއާ ގުޅޭ 3123 މައްސަލަ ރިޕޯޓުކޮށްފައިވޭ


  • 2023 ވަނަ އަހަރު 614 މައްސަލަ ހުށައަޅާފައިވޭ

  • މިދިޔަ އަހަރު 723 ރިފަރަލްއެއް ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއަށް ލިބިފައިވޭ

  • މިދިޔަ އަހަރު ހުށައަޅާފައިވާ މައްސަލަތަކުގައި 973 މީހަކަށް އަނިޔާ ލިބިފައިވޭ

މިދިޔަ 5 އަހަރު ގެވެށި އަނިޔާއާ ގުޅޭ 3123 މައްސަލަ ރިޕޯޓުކޮށްފައިވާކަމަށް ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ، އެފްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެފްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން 2013 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް ގެވެށި އަނިޔާއާ ގުޅޭ 2601 މައްސަލަ ހުށައަޅާފައިވެއެވެ. މިއީ މިދިޔަ 5 އަހަރާ އަޅާބަލާއިރު 522 މައްސަލަ ދަށް އަދަދެކެވެ.

މިދިޔަ 5 އަހަރު ހުށައަޅާފައިވާ މައްސަލަތަކުގެ އަދަދު:

• 2019 ވަނަ އަހަރު 558 މައްސަލަ
• 2020 ވަނަ އަހަރު 654 މައްސަލަ
• 2021 ވަނަ އަހަރު 577 މައްސަލަ
• 2022 ވަނަ އަހަރު 720 މައްސަލަ
• 2023 ވަނަ އަހަރު 614 މައްސަލަ

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެކި މުއައްސަސާތަކަށް މައްސަލަތައް ހުށައެޅުމުން އެ މުއައްސަސާތަކުގެ ފަރާތުން މިދިޔަ އަހަރު ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއަށް 723 ރިފަރަލްއެއް ލިބިފައިވެއެވެ. އަދި އެއޮތޯރިޓީއަށް ސީދާ 9 ރިފަރަލްއެއް ހުށަހަޅާފައިވާއިރު ދިވެހި ފުލުހުންގެ ޚިދުމަތުން 236 ރިފަރަލްއެއް ލިބިފައިވެއެވެ. އަދި ކުރީގެ ޖެންޑަރ މިނިސްޓްރީން 421 ރިފަރަލްއެއް ލިބިފައިވާއިރު ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުން 57 ރިފަރަލްއެއް ލިބިފައިވާކަން ތަފާސްހިސާބުތަކުން ހާމަވެއެވެ.

ގެވެށި އަނިޔާގެ ޢަމަލު ހިންގައިގެން މިދިޔަ އަހަރު ފެމިލީ އެންޑް ޕްރޮޓެކްޝަން އޮތޯރިޓީން ޖުމްލަ 691 މައްސަލަ ހުށަހަޅާފައިވެއެވެ. ގެވެށި އަނިޔާގެ ޢަމަލު ހިންގާފައިވާ މީހުންގެ ތަފާސްހިސާބަށް ބަލާއިރު އެންމެ ގިނައިން ގެވެށި އަނިޔާގެ ޢަމަލު ހިންގާފައިވަނީ ފިރިހެނުންނެވެ. އެގޮތުން 529 ފިރިހެނަކު ޢަމަލު ހިންގާފައިވާއިރު އަންހެނުންގެ ތެރެއިން މިފަދަ ޢަމަލު ހިންގާފައިވަނީ 160 މީހުންނެވެ. އަދި ޖިންސްގެ މަޢުލޫމާތު ލިބިފައިނުވާ 2 މީހުންވެސް ހިމެނެއެވެ.

ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި އަނިޔާލިބިފައިވާ މީހުންގެ އަދަދަކީ 973އެވެ. އަނިޔާ ލިބިފައިވާ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ 619 އަންހެނަކާއި 240 ފިރިހެނުންގެ ހިމެނެއެވެ. މީގެއިތުރުން ރިޕޯޓް ކުރިއިރު ޖިންސްގެ މަޢުލޫމާތު ލިބިފައިނުވާ 114 މީހަކުވެސް ހިމެނެއެވެ. އަނިޔާ ލިބުނު މީހުންގެ ތެރެއިން 503 މީހުންނަކީ 18 އަހަރުން މަތީގެ މީހުންނެވެ. އަދި 469 މީހުންނަކީ 18 އަހަރުން ދަށުގެ ކުޑަކުދިންނެވެ.

ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ވިދާޅުވީ މިދިޔަ އަހަރު އެއޮތޯރިޓީއަށް ލިބިފައިވާ ރިފަރަލްތަކުގެ 59 އިންސައްތައަކީ ތިން ވަނަ ފަރާތެއްގެ ހައިސިއްޔަތުން ލިބިފައިވާ ރިފަރަލްތައް ކަމަށެވެ. އަދި ބާކީ 41 އިންސައްތަ ރިފަރަލްއަކީ އަނިޔާ ލިބުނު ފަރާތުގެ ކިބައިން ހުށައަޅާފައިވާ ރިފަރަލްތައްކަމަށެވެ.

މުޖުތަމަޢުގައި ހިނގާ ގެވެށި އަނިޔާގެ މައްސަލަތައް ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން އަންނަނީ ކުރައްވަމުންނެވެ. އެގޮތުން ގެވެށި އަނިޔާގެ ޢަމަލުތައް ހިންގާ މީހުން ރީހެބިލިޓޭޓްކުރުމާއި އެފަދަ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އެޅުމަށް ކޯޓުތަކަށް މައްސަލަތައް ފޮނުވުން ހިމެނެއެވެ. އަދި ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންގެ ތެރެއިން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހަމަނުޖެއްސޭ ފަރާތްތަކަށް ޤާނޫނީ ވަކީލުން ހަމަޖައްސައިދިނުމުގެ ޚިދުމަތްވެސް ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީންވަނީ ފަށައިފައެވެ.