ޚަބަރު

ރައީސްގެ ވަޢުދާ އެއްގޮތަށް އިތުރުކުރި ބިމާއެކު ގުޅިފަޅު ހިއްކާ ނިންމާލައިފި


  • ގުޅިފަޅު ހިއްކުމަށް 18 މިލިއަން ކިއުބިކް މީޓަރުގެ ސަރަހައްދަކަށް ވެލި އަޅާފައިވޭ

  • މީގެ ކުރިން ނިންމާފައިވަނީ ގުޅިފަޅުން 2218 ބިން ދޫކުރުމަށް

  • ގިރާވަރުފަޅުން ދޫކުރި 1347 ބިމެއް ގުޅިފަޅަށް ބަދަލުކުރުމަށް މިސަރުކާރުން ނިންމާފައިވެ

މާލެ އަތޮޅު ގުޅިފަޅުގެ ބިން ހިއްކާ އެއްކޮށް ނިންމާލައިފިއެވެ.

ގުޅިފަޅުގެ ބިން ހިއްކާ ނިންމިފައިވާކަން ހާމަކޮށްފައިވަނީ ޢިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ކުރި ޕޯސްޓެއްގައެވެ. އެވުޒާރައިން ވިދާޅުވީ ހިއްކާ ނިމުމާއެކު ބިން އެއްވަރުކުރުމުގެ މަސައްކަތްވެސް ނިންމާލާފައިވާ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން ޖުމްލަ 18 މިލިއަން ކިއުބިކް މީޓަރުގެ ސަރަހައްދަކަށް ވެލި އަޅާފައިވާކަމަށް ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ގުޅިފަޅުގެ ދެވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 2 ވަނަ ދުވަހުއެވެ. ގުޅިފަޅު ހިއްކުމުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ ނެދަލޭންޑްސްގެ ބޮސްކާލީސް ކުންފުންޏާއެވެ. ގުޅީފަޅުގެ ފުރަތަމަ ފިޔަވަހީގެ ބިން ހިއްކާފައިވަނީވެސް އެކުންފުނިންނެވެ.

މީގެ ކުރިން ގުޅިފަޅުން ހިއްކުމަށް ހަމަޖެހިފައިވަނީ 150 ހެކްޓަރުގެ ބިމެވެ. އެހެންނަމަވެސް ރައީސް ޑރ. މުޢިއްޒު ވަނީ ގުޅީފަޅުން އިތުރު 85 ހެކްޓަރުގެ ބިން ހިއްކުމަށް ނިންމަވާ ބިން އިތުރުކޮށްދެއްވާފައެވެ.

ގުޅިފަޅު ހިއްކުމަށް ހަވާލުކޮށްފައިވަނީ 120 މިލިއަން ޑޮލަރު ނުވަތަ 2 ބިލިއަން ރުފިޔާއަށެވެ. ގުޅިފަޅުން 2218 ބިން ދޫކުރުމަށް ކުރީ ސަރުކާރުން ނިންމަވާފައިވެއެވެ. އެހެންނަމަވެސް ގިރާވަރުފަޅުން 1347 ބިމެއް ގުޅިފަޅަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.