ޚަބަރު

މައްސަލަ ހައްލުކޮށް ކުޅުދުއްފުށި ސިޓީއަށް ކަރަންޓުދީފި


  • ރަށުން އެއްކޮށް ކަރަންޓު ކެނޑުނީ ބޯޑުތަކެއްގައި ރޯވުމުން

  • ކަރަންޓު ދިނީ މިރޭ 8:10 ހާއިރު

ކުޅުދުއްފުށި ސިޓީއަށް ދިމާވެފައިވާ ކަރަންޓު މައްސަލަ ހައްލުކޮށް މުޅި ރަށަށް ކަރަންޓު ދީފިއެވެ.

މިކަން ހާމަކޮށް ފެނަކަ ކޯޕަރޭޝަނުން ބުނީ މައްސަލަ ހައްލުކޮށް މުޅި ރަށަށް ކަރަންޓު ދެވުނީ މިރޭ 8:10 ހާއިރު ކަމަށެވެ. މިއަދު ހެނދުނު ކުޅުދުއްފުށިން އެއްކޮށް ކަރަންޓު ކަނޑައިގެން ދިޔައީ އެ ސިޓީއަށް ކަރަންޓު ދިނުމަށް ބޭނުންކުރާ 7 ޖަނެރޭޓަރުގެ ތެރެއިން 3 ޖެނެރޭޓަރެއްގެ ކޮންޓްރޯލް މޮޑިއުލް އެނދުމުގެ ސަބަބުންނެވެ.

މިމައްސަލަ ހައްލު ކޮށްފައިވަނީ ސްޓެލްކޯގެ އެހީތެރިކަމާއެކުއެވެ. އެގޮތުން މައްސަލަ ހައްލުކޮށްފައިވަނީ ފެނަކައިގެ އެދުމަށް ސްޓެލްކޯގެ މެކޭނިކަލް އަދި އިލެކްޓިރިކަލް އިންޖިނިއަރުން ހިމެނޭ ޓީމަކުން ކުޅުދުއްފުއްޓަށްގޮސް ދެ ކުންފުނިން ގުޅިގެން ކުރި މަސައްކަތުންނެވެ.

ކުޅުދުއްފުށްޓަށް ދިމާވި ކަރަންޓު މައްސަލަ ހައްލުކޮށްފައި މިވަނީ ގިނަ ދުވަސްތަކެއް ވަންދެން އެ ސިޓީގެ ކަރަންޓު މައްސަލަ ހައްލު ނުވެ އޮތުމައްފަހުއެވެ. އެގޮތުން ޑިމާންޑާއި އެއްވަރަށް ކަރަންޓު ފޯރުކޮށް ނުދެވި ބައެއް ގަޑިތަކުގައި ކަރަންޓު ކަނޑަން ވަނީ ޖެހިފައެވެ.

އެ މައްސަލަ ހައްލު ކުރުމަށް ކުޅުދުއްފުށި ސިޓީއަށް 800 ކިލޯ ވޯޓުގެ ޖެނެރޭޓަރެއް ގެނެސް ވަނީ އިންސްޓޯލްކޮށްފައެވެ. މިއާއެކު ޑިމާންޑާއި އެއްވަރަށް ކަރަންޓު ފޯރުކޮށް ދިނުމުގައި ދިމާވި ދަތިތައްވެސް ޙައްލުވީކަމަށް ފެނަކަ ކޯޕެރޭޝަނުން މަޢޫލޫމާތުދެއްވިއެވެ.