ޚަބަރު

އެންޓިކެމްޕެއިން ކުރާނަމަ ފިޔަވަޅު އަޅާނަން: އިލެކްޝަންސް


  • އެންޓިކެމްޕެއިން ކުރާކަން ފާހަގަވެފައިވާ ކަމަށް އީސީން ވިދާޅުވޭ

  • އެގޮތަށް ޢަމަލުކުރާ ފަރާތްތަކާއި މެދު ޤާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އީސީން ދޭ

އެންޓިކެމްޕެއިން ކުރާނަމަ ޤާނުނުގައިވާ ގޮތުގެ މަތީން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމުގެ އިންޒާރު އިލެކްޝަންސް ކޮމިޝަނުން ދީފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، މަޖިލީސް އިންތިޚާބުގައި ކެނޑިޑޭޓުންނަށް ތާއީދު ހޯދުމަށް ކުރާ މަސައްކަތުގެ ތެރެއިން އެންޓިކެމްޕެއިން ކުރުމުގެ ޢަމަލުތައް ހިނގާކަން ފާހަގަކުރެވިފައިވާކަމަށެވެ. އެގޮތުން ތާއީދު ހޯދުމަށް ބޭނުންކުރާ ޕޯސްޓަރުތަކާއި ބެނާތަކުގައި ކެނޑިޑޭޓުންގެ އިންތިޚާބީ ހައްޤައް އުނިކަން ލިބޭގޮތަށް މެސެޖުތައް ދައުރު ކުރަމުންދާކަންވެސް ފާހަގަ ކުރެވިފައިވާ ކަމަށް އެ ކޮމިޝަނުން ވިދާޅުވިއެވެ.

އެކަމާއި ގުޅިގެން ކޮމިޝަނުން ވަނީ އިންތިޚާބުތަކާއި ބެހޭ ޤާނޫނާއި އެއްގޮތްވާ ގޮތުގެމަތިން އެފަދަ ޢަމަލުތައް ނުކުރުމަށާއި ކެނޑިޑޭޓުން ސުލޫކީ މިންގަނޑަށް ތަބާވުމަށް އިލްތިމާސްކޮށްފައެވެ. އަދި މިފަދަ ޢަމަލުތައް ހިނގާ ފަރާތްތަކާއިމެދު ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.

އިންތިޚާބުތަކާ ބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ ދަށުން ކެންޑިޑޭޓަކަށް ތާޢިދު ހޯދުމަށް ކުރާ މަސައްކަތުގައި އެހެން ކެނޑިޑޭޓެއްގެ އިންތިޚާބީ ހައްޤަކަށް އުނިކަމެއް އަންނަގޮތަށް ޢަމަލުކޮށްގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ހަމައެހެންމެ އެހެން ކެނޑިޑޭޓަކާއި ބެހޭ ގޮތުން ދޮގު މައުލޫމާތު ފެތުރުންވެސް މި މާއްދާގެ ދަށުން މަނާ ކުރެވިފައިވާކަން އިލެކްޝަންސް ކޮމިޝަނުން ފާހަގަ ކުރެއެވެ.