މުނިފޫހިފިލުވުން

ގްރޭންޑް ފިނާލޭގައި ޕާފޯމްކުރުމަށް އަބީޖީތު ރާއްޖެ އަތުވެއްޖެ


މޯލްޑިވިއަން އައިޑަލްގެ ގްރޭންޑް ފިނާލޭގައި ޕާފޯމްކުރުމަށްޓަކައި އިންޑިޔާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަބީޖީތު ބަޓަޗާރިޔާ މިއަދު ރާއްޖެ އަތުވެއްޖެއެވެ.

އަބީޖީތަށް އިބްރާހީމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓުން ޕީ.އެސް.އެމްގެ ފަރާތުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.

އިންޑިޔާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަބީޖީތު ބަޓަޗާރިޔާ މިއުޒިކްގެ ދާއިރާއިން އާއްމުންނަށް އެންމެ ފުރަތަމަ ތަޢާފަރުވެގެންގޮސްފައި ވަނީ ނަވަރާ ސަތޭކަ ނުވަދިހައިގެ އަހަރުތަކުގެ ކުރީކޮޅެވެ. އެގޮތުން އޭނާ ވަނީ އެދުވަސް ވަރު ނިކުތް ބޮލީވުޑްގެ މަޝްހޫރު ގިނަ ފިލްމުތަކަށް ލަވަކިޔާދީފައެވެ. މީގެ ތެރޭގައި "ދިލްވާލޭ ދުލްހަނިޔާ ލޭ ޖައެންގޭ"، "ބާދްޝާޙް"، "ދަޅްކަން"، "ޖޯޝް"، "ޗަލްތޭ ޗަލްތޭ" އަދި "މޭ ހޫނާ" ފަދަ އާއްމުންގެ މެދުގައި ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ ފިލްމްތައް ހިމެނެއެވެ.

އަބީޖީތް ވަކިން ޚާއްސަގޮތެއްގައި އާއްމުންގެ މެދުގައި މަޤްބޫލުވެފައި ވަނީ ބޮލީވުޑްގެ ސުޕަރސްޓާރ ޝާހުރުކް ޚާންގެ އަޑުގެ ގޮތުގައެވެ. އެގޮތުން ޝާހުރުކް ޚާންނާއި، ޖޫހީ ޗައުލާ ލީޑްތަރިންގެ ގޮތުގައި ފެނިގެންދާ "ޔެސް ބޮސް"އަށް އޭނާ ކިޔައިދިން ލަވަ "މެ ކޯއި އޭސަގީތް ގާއޯ" އަށް ވަނީ "ފިލްމްފެއަރ ބެސްޓް ޕްލޭބެކް ސިންގަރ އެވޯޑް" ލިބިފައެވެ.

img:http://s3.psmnews.mv/images/660x400/14620851408905.jpg|އިންޑިޔާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަބީޖީތު ބަޓަޗާރި/ ފޮޓޯ: ޕީ.އެސް.އެމް

މާދަމާ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވިއަން އައިޑަލްގެ ގްރޭންޑް ފިނާލޭގައި ބައިވެރިވުމަށްޓަކައި، ޕީ.އެސް.އެމުން ދިން ދައުވަތު ޤަބޫލުކޮށް، އަބީޖީތު މިހާރު ރާއްޖެ އައިސްފައިވާއިރު، ގްރޭންޑް ފިނާލޭ ޝޯވގައި އޭނާ ލައިވްކޮށް ލަވަކިޔުމަށް ވަނީ ހަމަޖެހިފައެވެ. އޭނާ މިކަން ސިފަކޮށްފައިވަނީ އޭނާއަށް ލިބިގެންދިޔަ ވަރަށް ބޮޑު ޝަރަފެއްގެ ގޮތުގައެވެ.

ރާއްޖޭގެ ބައެއް މީޑިއާތަކާއި ވާހަކަދައްކަމުން އަބީޖީތު ބުނީ، އޭނާގެ މިއުޒިކް ކެރިއާރުގައިވެސް ރިއަލިޓީ ޓީވީ ޝޯވއެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންގޮސްފައިވަނީ ވަރަށް މަދުފަހަރެއްގައި ކަމަށާއި، ޚާއްސަގޮތެއްގައި އިންޑިއަން އައިޑަލް ފަދަ ޝޯވއެއްގައި އޭނާ ބައިވެރިވެފައިނުވާ ކަމަށެވެ. އެހެންނަމަވެސް، އެފަދަ ފުރުސަތަކަށް އެދިއެދި ހުއްޓާ، ރާއްޖެފަދަ ހިތްގައިމު ޤައުމެއްގައި ބާއްވާ މިފަދަ ޝޯވއެއްގައި ޕާފޯމްކޮށްލުމުގެ ފުރުސަތު އޭނާއަށް ލިބުމުން އެކަމާއި އުފާކުރާ ކަމަށެވެ.

މޯލްޑިވިއަން އައިޑަލްގެ ގްރޭންޑް ފިނާލޭގައި، އަބީޖީތު ޕާފޯމްކުރުމަށް ހަމަޖެހިފައިވާއިރު، މި މުބާރާތުގެ ގަދަ 3 ބައިވެރިންނާއެކު، ރާއްޖޭގެ މިއުޒިކް އިންޑަސްޓްރީގައި ހަރަކާތްތެރިވާ މަޝްހޫރު 3 ލަވަކިޔުންތެރިއެއް ޕާފޯމްކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. އެގޮތުން ޝަލަބީ އިބްރާހިމްއާއެކު މީރާ މުހައްމަދު މާޖިދު ފެނިގެންދާއިރު، ލައިޝާ ޖުނައިދާއެކު ޝަންމޫން މުހައްމަދު ފެނިގެންދާނެއެވެ. އަދި މުހައްމަދު އިޝާންއާއެކު ރާފިޔަތު ރަމީޒާ ފެނިގެންދާނެއެވެ. މޯލްޑިވިއަން އައިޑަލްގެ ޓައިޓަލަށް ވާދަކުރާ މި 3 ބައިވެރިންނަށް އެސް.އެމް.އެސް ކުރުމުގެ ފުރުސަތު މާދަމާ ހަވީރު 4 ޖެހުމާއި ހަމައަށް ހުޅުވާލާފައިވާއިރު، ގްރޭންޑް ފިނާލޭގައި ބައިވެރިންނަށް ވަރަށް އަގުހުރި އިނާމްތަކެއް ލިބިގެންދާނެކަމަށް ޕީ.އެސް.އެމުން ހާމަކުރެއެވެ.

img:http://s2.psmnews.mv/images/660x400/14619624144247.jpg|މޯލްޑިވިއަން އައިޑަލްގެ ގަދަ 3 ބައިވެރިން - ފޮޓޯ: ޕީއެސްއެމް

ފްރެންޗައިޒް އުސޫލުން ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ރިއަލިޓީ ޝޯވ "މޯލްޑިވިއަން އައިޑަލް" ސީޒަން 1ގެ ގްރޭންޑް ފިނާލޭ މާދަމާ ރޭ ބޭއްވުމަށް ހަމަޖެހިފައިވާއިރު، ފޯރިގަދަ ހުށައެޅުންތަކަކާއެކު މި މުބާރާތުގެ ގަދަ 3 ބައިވެރިންގެ އެންމެ ފަހު ޝޯވ މިދިޔަ ހުކުރު ދުވަހުގެރޭ ޓީ.ވީ.އެމުން ވަނީ ދައްކާފައެވެ.