ޚަބަރު

ގޮންޖެހުންތަކާއެކުވެސް އިޤްތިޞާދު ކުރިއަށް، މަޝްރޫޢުތައްވެސް ބާރު ދުވެލީގައި ކުރިއަށް


  • ޕަބްލިކް އެކައުންޓް އޯވަޑްރޯ ކުރުން ވަނީ ހުއްޓާލާފައި

  • ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގައި ހުރި ފައިސާގެ އަދަދު ވަނީ އިތުރުކޮށްފައި

  • ސަރުކާރުގެ އިގްތިސާދީ ތަސައްވުރަށް މާލީ އިދާރާތަކުން ވެސް ތައުރީފު ކުރޭ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގެ އިގްތިސާދީ ހާލަތު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައެވެ. ޑޮލަރުގެ އަގު އުފުލި، ދިވެހި ފައިސާގެ އަގު ވެއްޓިފައެވެ. ދިވެހި ފައިސާގެ އަގު ވެއްޓެން ދިމާވި މައިގަނޑު ސަބަބަކީ މިދިޔަ ސަރުކާރުގައި ފައިސާ ޗާޕުކުރުމުންކަމަށް އިޤްތިޞާދީ މާހިރުން ވިދާޅުވެއެވެ.

މިދިޔަ ތިން އަހަރުގެ ތެރޭގައި 8 ބިލިއަނަށްވުރެ ގިނަ ރުފިޔާ ޗާޕުކުރިކަމަށް މަރުކަޒީ ބޭންކު، އެމްއެމްއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

މިއީ ރާއްޖޭގެ ތާރީޚުގައިވެސް ރެކޯޑު ޢަދަދެކެވެ. އެހެނީ 40 އަހަރު ދުވަހުގެ ތެރޭގައި ޗާޕުކޮށްފައިވަނީ ޖުމްލަ 6 ބިލިއަން ރުފިޔާކަމަށްވާތީއެވެ. މީގެ ސަބަބުން ދިވެހި ފައިސާގެ އަގު ދަށްވެ، ޑޮލަރުގެ އަގު އުފުލިގެންދިޔައީއެވެ.

ހަމަމިއާއެކު ޤައުމުގެ ދަރަނިވެސް އޮތީ އިންތިހާއަށް އުފުލިފައެވެ. ރައީސް ޑރ.މުޢިއްޒުގެ ސަރުކާރަށް 119 ބިލިއަން ރުފިޔާގެ ދަރަންޏެއް ވާރުތަވިއެވެ. ރިޔާސީ އިންތިޚާބާ ދިމާކޮށް ދައުލަތުގައި ފައިސާ ނެތި ކުންފުނިތަކާ ހަވާލުކުރި އެކި މަޝްރޫޢުތަކާއި ކުރިން ހިންގި މަޝްރޫޢުތަކަށް ދައްކަންޖެހޭ ފައިސާގެ އަދަދު އެކަނިވެސް 9000 މިލިއަން ރުފިޔާއަށް އަރައެވެ. ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތައް އޮތީ ބަނގުރޫޓުވުމުގެ މަގުމަތީގައެވެ.

ސޮވެރިން ޑިވެލޮޕްމަންޓު ފަންޑުގައި ހުރީ އެންމެ 2 މިލިއަން ރުފިޔާއެވެ.


މި ހުރިހާ ގޮންޖެހުންތަކާއެކުގައި ވެސް އިޤްތިޞާދު ރަނގަޅުކުރުމުގެ ގިނަ މަސައްކަތް ރައީސް ޑރ. މުޢިއްޒު ފެއްޓެވިއެވެ. ނަތީޖާއެއްގެ ގޮތުން ސަރުކާރަށް ތިން މަސް ދުވަހުގެ ތެރޭގައި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ވަނީ 35 މިލިއަން ޑޮލަރު ޖަމާކޮށްފައެވެ. އަދި މިއަހަރު ނިމޭއިރު އެ ފަންޑުގައި ފައިސާ ހުންނަ އަދަދު 100 މިލިއަނަށްވުރެ އިތުރުވާނެ ކަމަށް ރައީސް ޑރ. މުޢިއްޒު ވަނީ ލަފާކުރައްވާފައެވެ.

ފައިސާ ޗާޕުކުރުން ހުއްޓާލުން، އެޅި އެންމެ ވަރުގަދަ ފިޔަވަޅު


ރައީސް މަސައްކަތް ކުރައްވަމުން ގެންދަވަނީ އެއްވެސް ވަރަކަށް ފައިސާ ޗާޕުނުކޮށް ރާއްޖޭގެ އިގްތިސާދު ފުޅާކުރެއްވުމަށެވެ. މިގޮތުން ފައިސާ ޗާޕުކުރުން ވަގުތުން ހުއްޓާލެއްވިއެވެ.

ރާއްޖެއަށް ކުރިމަތިވި އިގުތިސާދީ ހީނަރުކަމާ އެކު، ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ބައެއް މާއްދާތަކަށް އަމަލުކުރުން ވަގުތީ ގޮތުން ހުއްޓާލުމުގެ ހުއްދަ މަޖިލީހުން އެންމެ ފުރަތަމަ ދިނީ 2020 ވަނަ އަހަރުއެވެ.

ނަމަވެސް އައު ސަރުކާރު އައިސް އެންމެ ފުރަތަމަ އެޅުއްވި އެއް ފިޔަވަޅަކީ ފައިސާ ޗާޕްކުރުން ހުއްޓާލުމެވެ. ފައިސާ ޗާޕްކުރުން ހުއްޓާލާނެކަން އެއީ މި ސަރުކާރުގެ އެންމެބޮޑު ވަޢުދު ކަމަށާއި، އެ ފިޔަވަޅު އެޅިގެން ދިޔުމަކީ ރާއްޖޭގެ އިޤްތިޞާދު ކުރިއަށް ގެންދިއުމަށްޓަކައި މިސަރުކާރުން އެޅި އެންމެ މުހިންމު ފިޔަވަޅުކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

“އިޤްތިޞާދީ މިނިވަންކަން ގެއްލުނީމާ ޙަޤީޤަތުގައި ޤައުމުގެ މިނިވަންކަން އެދިޔައީ. އެހެން އޮތީ. އެހެން ނަމަވެސް، އިރާދަކުރެއްވީތީ އަޅުގަނޑުމެން މިވަނީ ވަރަށްގިނަ މަސައްކަތް ކޮށްފައި. ވަރަށް އުނދަގޫ މަރުޙަލާތަކެއް ކުރިއަށް މި ކަޑައްތުކުރީ. ކުރުމުގެ ސަބަބުން މިހާރު މިވަނީ އަޅުގަނޑުމެންގެ ރުފިޔާގެ އަގު މައްޗަށް އަރަން ފަށާފައި. ރުފިޔާގެ އަގު މައްޗަށް އަރަން ފަށާފައި. އެއީ، އަޅުގަނޑުމެން ފައިސާ ޗާޕްކުރުން ހުއްޓާލީމަ. ފައިސާ ޗާޕްކުރުން ހުއްޓާލުމަކީ މި ޤައުމުގެ އިޤްތިޞާދު މި ޤައުމުގައި އަޅުގަނޑުމެންނާ ހަވާލުވިއިރު އޮތް ހިސާބުން ކުރަން އެންމެ އުނދަގޫ ކަންތައް. އެހެންވީމާ، އައި.އެމް.އެފް. އިންވެސް އެކަން އެހާބޮޑަށް ފާހަގަކުރަނީ.“ މިމަހުގެ 11 ވަނަ ދުވަހު ލ.ފޮނަދޫގައި ރައީސް ވިދާޅުވިއެވެ.

ފައިސާ ޗާޕްނުކޮށް، ލުއިދެމުން، ބޭރުގެ ދަރަނި ދައްކަމުން، އެތެރޭގެ އެކި ކުންފުނިތަކަށް ސަރުކާރުން އެކި ތަންތަނުން ދަރާފައި ހުރި ދަރަނި ދައްކަމުން، ތަރައްޤީގެ މަސައްކަތްތައް ކުރިއަށް ގެންދަމުން، ރާއްޖޭގެ ފުދުންތެރިކަން އިތުރުކުރުން، އާމްދަނީ އިތުރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތެވެ.

އިންވެސްޓަރުންގެ ޝަޢުޤު އިތުރުކުރުން

ރާއްޖޭގެ އިޤްތިޞާދު ރަނގަޅުކުރުމުގެ ފިޔަވަޅުތަކާއެކު އިންވެސްޓަރުންގެ ޝަޢުގު އިތުރުކުރުމަށްވެސް ސަރުކާރުން މަސައްކަތްކުރެއެވެ. އެކަން ހާމަވަނީ މިހާތަަނށް ރާއްޖެއިން ބޭރުގައި ބޭއްވި 2 އިންވެސްޓްމަންޓް ފޯރަމުންނެވެ.


ރާއްޖޭގައި ބޭރުގެ އިންވެސްޓަރުންނަށް ހުރި ފުރުސަތުތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ޔޫއޭއީ އަދި ޗައިނާގައި މިހާތަނަށް އިންވެސްޓަރުންގެ ފޯރަމުތަކެއް ވެސް ސަރުކާރުން ވަނީ ކުރިއަށްގެންގޮސްފައެވެ. ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ ތަރައްގީއަށް ސަރުކާރުން އެކި ރަށްރަށުގައި ހިންގުމަށް ނިންމާފައިވާ ގިނަ މަޝްރޫއުތަކަށް އިންވެސްޓް ކުރާ ފަރާތްތައް ވަނީ ހަމަޖެހިފައެވެ.

މިގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބްރިޖު އެޅުމަށާއި، އައު ރިސޯޓު ތަރައްޤީކުރުމަށާއި، ކޯޒްވޭ އެޅުމަށާއި، ޑޮމެސްޓިކް އެއަރޕޯޓުތައް އެޅުމަށް ބޭރުގެ ގިނަ އިންވެސްޓަރުންގެ ޝަޢުގުވެރިކަން އެބަހުއްޓެވެ.

500އަށްވުރެ ގިނަ މަޝްރޫޢު ހިނގާ

ކުންފުނިތަކަށް ފައިސާ ނުދެއްކުމުގެ ސަބަބުން ސަރުކާރު ބަދަލުވިއިރު ހުއްޓިފައިހުރި މަޝްރޫޢުތައް ހިމެނޭހެން 527 މަޝްރޫޢެއްގެ ޢަމަލީ މަސައްކަތް މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނީ ކުރިއަށް ގެންދަމުންނެވެ. މިއީ އިޤްތިޞާދީ ގޮންޖެހުންތަކާއެކުވެސް ސަރުކާރުގެ ދުވެލި ހުރި މިންވަރެވެ.

ހިނގަމުންދާ އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓަކީ ކުރީ ސަރުކާރުން މަޖިލީހަށް ހުށައަޅާ ފާސްކޮށްފައިވާ ބަޖެޓެކެވެ. ރަައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހިންގަން ބޭނުންވާ މަޝްރޫޢުތައް ހިމަނައިދިނީ ވަރަށް މަދުންނެވެ. ހިމެނި މަޝްރޫޢުތަކަށް ފައިސާ ކަނޑައަޅާފައިވެސް ހުރީ މަޝްރޫޢުތައް ނުހިންގޭހާ މަދުންނެވެ.

ނަމަވެސް އެކި ގޮތްގޮތުން ޚަރަދުތައް މަދުކޮށް އަންނަނީ މުހިންމު މަޝްރޫޢުތަކެއް ހިންގަމުންނެވެ.

ހެޔޮ ފިޔަވަޅުތަކެއް


ރާއްޖޭގެ އިޤްތިޞާދު ރަނގަޅުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަކީ، ދުނިޔޭގެ ވެރިއަކު ނަންގަވާނެ އެންމެ ހަރުދަނާ އަދި ޒިންމާދާރު ފިޔަވަޅުތައް ކަމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު، އައި.އެމް.އެފުންވެސް ވަނީ ބުނެފައެވެ. އަދި ޕަބްލިކް އެކައުންޓް އޯވަޑްރޯ ކުރުން ހުއްޓާލުމަށް ސަރުކާރުން ނިންމި ނިންމުމަށް މަރުހަބާކިޔައި އައިއެމްއެފްގެ އެހީތެރިކަން ސަރުކާރަށް ދޭނެކަމުގެ ޔަގީންކަން ވެސް އެ އިދާރާއިން ވަނީ ދީފައެވެ.

މި ސަރުކާރުން ގެންގުޅުއްވާ އިޤްތިޞާދީ ސިޔާސަތުތަކާމެދު ހިތްހަމަޖެހޭ ކަމަށާއި އިޤްތިޞާދީ ދާއިރާއިން ސަރުކާރުން ނަންގަވަމުންދާ ފިޔަވަޅުތަކަކީ ރާއްޖޭގެ މުސްތަޤުބަލަށް މުހިންމު އަދި ޤައުމުގެ އިޤްތިޞާދީ މުސްތަޤުބަލު އުޖާލާވާނެ ފިޔަވަޅުތަކެއްކަމަށް ދިވެހި ވިޔަފާރިވެރިންގެ ޖަމިއްޔާއިން ވެސް ވަނީ ފާހަގަކޮށްފައެވެ. އެގޮތުން، ކުދި ވިޔަފާރިތަކަށް ޑޮލަރުގެ ދަތިކަން އޮތް ނަމަވެސް ސަރުކާރުގެ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ރަނގަޅުވެ ޑޮލަރުގެ އަގު އެއް ހަމައެއްގައި ހިފެހެއްޓޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް އެޖަމިއްޔާއިން ގަބޫލުކުރެއެވެ.

ސަރުކާރުން ލަފާ ކުރާ ގޮތުގައި މިއަހަރު ރާއްޖޭގެ އިޤްތިޞާދު 5.5 އިންސައްތަ ކުރިއަރާނެއެވެ. އަދި ރާއްޖޭގެ އިޤްތިސާދީ ހާލަތު ހުރި ގޮތް ހާމަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ރާއްޖޭގެ ޕްރައިމަރީ ބެލެންސް 1.6 ބިލިއަން ރުފިޔާގެ ދަރަނީގައި އޮތްއިރު މިއަހަރުގެ މިހާތަނަށް އެ އަދަދު 134 މިލިއަން ރުފިޔާގެ އަރަންޏަށް ބަދަލުކޮށްފައިވާ ކަމަށެވެ.

ސަރުކާރަށް އެންމެ ހަތަރު މަސްދުވަހުގެ ތެރޭގައި އިޤްތިޞާދު ހަމަމަގަށް އެޅުވުމަށް ކުރައްވާފައިވާ މަސައްކަތުން ކުރިއަށް އޮތްތަނުގައި ރާއްޖެގެ އިގްތިސާދީ ހާލަތު ރަނގަޅުވެގެންދާނެކަމަށް ދުނިޔޭގެ މާލީ އިދާރާތަކުން ވެސް ގަބޫލުކުރެއެވެ.