ޚަބަރު

ޕީއެސްއެމްގެ ކުޑަކުދިންގެ ޤުރުއާން މުބާރާތަށް ބޮޑު ތަރުޙީބެއް


ކުޑަކުދިންގެ ހިތްތަކުގައި ކީރިތި ޤުރުޢާން ކިޔެވުމުގެ ލޯބި އަށަގަންނުވާ، ތަޖުވީދު މަގުން ޤުރުއާން ކިޔަވާ ކުދިންތަކެއް ބިނާކުރުމުގެ އަޒުމުގައި ކޮންމެ އަހަރެއްގެވެސް ރަމްޟާން މަހު ބާއްވާ ކުޑަކުދިންގެ ޤުރުއާން ކިޔެވުމުގެ މުބާރާތުގެ މާލޭ އޮޑިޝަން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ފަށާފައެވެ. މާލޭ އޮޑިޝަން މާދަމާގެ ނިޔަލަށް ކުރިއަށްދާނެއެވެ.

ޕީއެސްއެމުން އިންތިޒާމްކޮށްގެން ކުރިއަށްދާ މިއަހަރުގެ މުބާރާތް ބާއްވަނީ އެހެން އަހަރުތަކާ ޚިލާފަށެވެ. އެގޮތުން މިއަހަރުގެ މުބާރާތުގެ އޮޑިޝަންގައި ކިޔެވުމަށް އެޕްލިކޭޝަން ފޯމެއް ހުށަހަޅާކަށް ނުޖެހެއެވެ. މުބާރާތުގައި ބައިވެރިވުމަށް މުބާރާތުގެ އޮޑިޝަންގައި ބައިވެރިވުމަށްޓަކައި ކޮންމެ ކުއްޖަކުވެސް އެކުއްޖެއްގެ އުމުރުފުރާއިން ވާދަކުރަން ބޭނުންވާ ގޮފީގެ ކިޔެވުން އޮންނަ ގަޑިތަކުގެ ތެރެއިން ގަޑިއެއްގައި ފޮޓޯޖެހި ރަސްމީ ލިޔުމެއް ހިފައިގެން ދިވެހިރާއްޖޭގެ އަޑަށް އައުމުން، އޮޑިޝަނުން ފުރުޞަތު ލިބޭނެއެވެ.

މާލޭގެ އޮޑިޝަންގައި ރާއްޖޭގެ އެހެން ސަރަޙައްދުތަކަށް ނިސްބަތްވާ ކުދިންނަށްވެސް ބައިވެރިވޭނެއެވެ. މާލޭގެ އިތުރުން އަތޮޅުތެރޭގެ 4 ސަރަޙައްދެއްގައި އޮޑިޝަން ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ހދ. ކުޅުދުއްފުށީގެ އޮޑިޝަން އޮންނާނީ، މެއިމަހުގެ ހަތަރަކުން ފަހަކަށެވެ. އައްޑޫ ސިޓީގެ ހިތަދޫގެ އޮޑިޝަން އޮންނާނީ، މެއި ބާރައިން ސާދައަށެވެ. ރ. އުގޫފާރުގެ އޮޑިޝަން އޮންނާނީ، މެއި މަހުގެ ނަވާރައިން އެކާވީހަށެވެ. ލ ފޮނަދޫގެ އޮޑިޝަން އޮންނާނީ، މެއި މަހުގެ ސައްބީހުން އަށާވީހަށެވެ. ޖުމްލަ 700 ކުދިން އޮޑިޝަނުން ހޮވުމަށް ނިންމާފައިވާއިރު، މީގެ ތެރެއިން 500 ކުދިން ހޮވާނީ މާލޭ އޮޑިޝަނުންނެވެ. އަދި މުބާރާތުގައި ވާދަކުރުމަށް އަތޮޅުތެރެއިން 200 ކުދިން ހޮވާނެއެވެ.

މާލޭ އޮޑިޝަންގައި މިހާތަނަށްވެސް 700 އަށްވުރެ ގިނަ ކުދިން ވަނީ ކިޔަވާފައެވެ. މި މުބާރާތުގައި ބައިވެރިވާ ދަރިވަރުންގެ ބެލެނިވެރިންވަނީ މިފަދަ މުބާރާތެއް ބޭއްވުމަކީ ކުދިންގެ ހިތްތަކުގައި ޤުރުއާނަށް އޮންނަ ލޯބި އިތުރުވެގެންދާނެކަމެއްކަން ފާހަގަކޮށްފައެވެ. މި މުބާރާތުގައި 5 އަހަރުން ފެށިގެން 13 އަހަރާ ދެމެދުގެ ޢުމުރުފުރާތަކުގެ ބަލައިގެން ކިޔެވުމާއި، ހިތުދަސްކުރުމުގެ ބައިން ވާދަކުރެއެވެ. މުބާރާތުގެ ޤަވާޢިދާއި މުޤައްރަރު ޕީއެސްއެމްގެ ރޭޑިއޯ އަދި ޓީވީ ބިލްޑިންގއިން ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.