ޚަބަރު

އެންޓި-ޑިފެކްޝަން ބިލަށް ދަނީ ޤާނޫނީ ލަފާ ހޯދަމުން: ޕީޕީއެމް/ޕީއެންސީ


  • ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުއްވާފައިވަނީ މި މަހުގެ 7 ވަނަ ދުވަހުގެ ރޭ

  • މިހާރު ކުރައްވަމުންގެންދަވަނީ ބިލާ ގުޅޭގޮތުން ޤާނޫނީ ލަފާ ހޯއްދެވުމުގެ މަސައްކަތް

އެންޓިޑިފެކްޝަން ބިލް ތަސްދީގުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ލިބިވަޑައިގަންނަވާ މުއްދަތު އަދި ހަމަނުވާކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ.

އެޕާޓިން މިހެން ބުނީ އެންޓިޑިފެކްޝަން ބިލު މަޖިލީހުން ފާސްކުރިނަމަވެސް ރައީސުލްޖުމްހޫރިއްޔާ އެ ބިލު މިހާތަނަށް ތަސްދީގްކޮށްފައިނުވާތީ އިދިކޮޅު ބައެއް ފަރަތްތަކުން ކަންބޮޑުވުން ފާޅުކުރުމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ވަމުން އަންނަ ތައްޔާރީތަކާ ގުޅޭގޮތުން އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ތަރުޖަމާން ހީނާ ވަލީދު ރައްޔިތުންގެ މަޖިލީހުން އެންޓިޑިފެކްޝަން ބިލު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުއްވާފައިވަނީ މި މަހުގެ 7 ވަނަ ދުވަހުގެ ރޭ 9:35 ހާއިރު ކަމަށެވެ. މަޖިލީހުން ބިލު ރައީސް އޮފީހަށް ފޮނުވުމަށްފަހު، ބިލު ތަސްދީގު ކުރެއްވުމުގެ ކުރިން އެ ބިލަކާ ގުޅޭގޮތުން ޤާނޫނީ ލަފާ ހޯއްދެވުމުގެ ފުރުސަތު ރައީސަށް ލިބިވަޑައިގަންނަވާ ކަމަށާއި މިހާރު ކުރިއަށްދަނީ އެ މަރުހަލާ ކަމަށް ހީނާ ވިދާޅުވިއެވެ.

މީގެ އިތުރުން ބިލް ތަސްދީގު ކުރެއްވުމަށް ނުވަތަ އިތުރަށް ބިލާ މެދު ވިސްނުމަށް އަނބުރާ ފޮނުވުމަށް ރައީސުލްޖުމްހޫރިއްޔާއަށް 15 ދުވަހުގެ މުއްދަތެއް ލިބިވަޑައިގަންނަވާކަމަށާއި، އެ މުއްދަތު ހަމަވާނީ މި މަހުގެ 22 ވަނަ ދުވަހުކަމަށްވެސް ހީނާ ވިދާޅުވިއެވެ.

"މާނަކުރުމާއި ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ހަމަތަކަށް ބަލާއިރު ބިލު ތަސްދީގު ކުރެއްވުމަށް ނުވަތަ އަނބުރާ ފޮނުވާލުމާމެދު ގޮތެއް ނިންމުމަށް ފުރުސަތު ލިބިވަޑައިގަންނަވާ،" ހީނާ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހަށް ހޮވާ މެންބަރުން ޕާޓީ ބަދަލުކުރުމުން ނުވަތަ ޕާޓީން އެ މެންބަރަކު ވަކިކުރުމުން މެންބަރު އިސްތިއުފާ ދޭން ޖެހޭގޮތަށް އެންޓިފިކެޝަން ބިލް މަޖިލީހުން ފާސްކުރީ މި މަހުގެ 1 ވަނަ ދުވަހުއެވެ.