ޚަބަރު

އިލެކްޝަންސް ކޮމިޝަނުގެ މެންބަރަކަށް ޒަކަރިއްޔާ އައްޔަންކުރައްވައިފި


  • މަޖިލީހުން ވަނީ މި މަހުގެ 1 ވަނަ ދުވަހު ޒަކަރިއްޔާއަށް ރުހުން ދެއްވާފައި

  • ޒަކަރިއްޔާ ކުރިން ހުންނެވީ ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި

އިލެކްޝަންސް ކޮމިޝަނުގެ ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް މ. މުލައް، މުސްތަރީގެ ޙަސަން ޒަކަރިއްޔާ އައްޔަން ކުރައްވައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެ ކޮމިޝަނުގެ މެންބަރަކަށް ޒަކަރިއްޔާ އައްޔަން ކުރެއްވީ މިއަދުއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، ލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް ޢަލީ ރަޝީދެވެ. އަދި މެންބަރުކަމަށް ޢައްޔަންކުރެއްވިކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ޙަސަން ޒަކަރިއްޔާގެ އައްޔަންކުރެއްވުމަށް، ނަން މަޖިލީހުން ފާސްކޮށްފައިވަނީ މި މަހުގެ އެއްވަނަ ދުވަހުއެވެ. އިލެކްޝަންސް ކޮމިޝަނުގެ ސްކްރެޓަރީ ޖެނަރަލްގެ މަޤާމުގައި ހުންނެވި ޙަސަން ޒަކަރިއްޔާ އެކޮމިޝަނުގެ މެންބަރުކަމަށް އައްޔަން ކުރެއްވުމަށް ފާސްކޮށްފައިވަނީ 39 މެންބަރުންގެ ވޯޓުންނެވެ.

އިލެކްޝަންސްގެ މެންބަރެއްގެ މަގާމު ހުސްވީ ކުރިން އެ ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އިސްމާއީލް ޙަބީބު ޢަބްދުއްރަހީމްގެ ދައުރު މާރިޗު 13ގައި ހަމަވުމާއި ގުޅިގެންނެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރެއްގެ މުއްދަތަކީ 5 އަހަރެވެ.