ސިއްހަތު

އައިޖީއެމްއެޗްގެ އާ އިމާރާތުގެ މަސައްކަތް ފެށުމަށް ތައްޔާރުވަނީ


ނޭޝަނަލް ޑައިގްނޯސްޓިކް ސެންޓަރ ހިމެނޭގޮތުން އައި.ޖީ.އެމް.އެޗްގައި ޢިމާރާތްކުރެއްވުމަށް ހަމަޖެހިފައިވާ 25 ބުރީގެ އާ ޢިމާރާތުގެ މަސައްކަތް ފެއްޓުމަށް ބޭނުންވާ ސައިޓް ތައްޔާރުކުރައްވަމުން އެބަގެންދަވާކަމަށް އައި.ޖީ.އެމް.އެޗްގެ ސީ.އީ.އޯ ފަރުޙަތު ޝަހީރު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް ޑައިގްނޯސްޓިކް ސެންޓަރ ހިމެނޭގޮތަށް، އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް، އައި.ޖީ.އެމް.އެޗްގައި ފަންސަވީސް ބުރީގެ އާ ޢިމާރާތެއް ބިނާކުރެއްވުމުގެ މަސައްކަތް ސަރުކާރުން ޙަވާލުކުރައްވާފައިވަނީ ސިންގަރޕޫރުގެ ކުންފުންޏެއް ކަމަށްވާ ޝެންހުއާ ކޮންސްޓްރަކްޝަނާއެވެ.

މި މަޝްރޫޢުގެ ދަށުން، މިހާރު އައި.ޖީ.އެމް.އެޗްގައި ދެއްވަމުން ގެންދަވާ ޚިދުމަތްތައް އިތުރަށް ފުޅާކުރެވި، ތަރައްޤީކުރެވިގެންދާނެއެވެ. އެގޮތުން ލައިފް ސަޕޯޓް ސިސްޓަމް އިންސްޓޯލް ކުރެއްވުމާއި، ރޭޑިއޭޝަން ނުފެތުރޭގޮތަށް ޝީލްޑްކުރެއްވުމާއި، ޞިއްޙީ ފަރުވާދިނުމަށް ބޭނުންކުރާ ގޭސް ފަދަ ތަކެތި ރައްކާތެރިކަމާއެކު ބެހެއްޓޭނެ އިންތިޒާމް، މި ޢިމާރާތުގައި ހަމަޖެހިގެންދާއިރު، މިއީ ރާއްޖޭގައި މިހާރު ހުރި ހޮސްޕިޓަލްތަކާ ޚިލާފަށް، ވަރަށް ތަފާތު ކޮންސެޕްޓަކަށް ތަރައްޤީކުރެވިގެންދާނެ ބިލްޑިންގެއްކަމަށް އައި.ޖީ.އެމް.އެޗުން ވިދާޅުވެއެވެ.

އައި.ޖީ.އެމް.އެޗްގެ އާ ޢިމާރާތުގެ މަސައްކަތް ފެއްޓެވުމަށް މިހާރު ކުރައްވަމުން ގެންދަވާ ތައްޔާރީތަކާ ގުޅޭގޮތުން އެ ހޮސްޕިޓަލުގެ ސީ.އީ.އޯ ފަރުޙަތު ޝަހީރު ވިދާޅުވީ، އާ ޢިމާރާތުގެ ޢަމަލީ މަސައްކަތްތައް ފެއްޓެވުމަށްޓަކައި މިވަގުތު އެންމެ ބާރު ދުވެލީގައި ކުރައްވަނީ އެ ޢިމާރާތް ބިނާކުރައްވާ ސައިޓު ވަށައިގެން ފެންސްޖައްސަވައި، ތައްޔާރުކުރެއްވުމުގެ މަސައްކަތްކަމަށެވެ. އަދި ސިންގަރޕޫރުގެ ކުންފުނީގެ ޓެކްނިކަލް ޓީމް މިހާރުވެސް ރާއްޖޭގައި ޙަރަކާތްތެރިވަމުން އަންނަކަމަށް ފަރުޙަތު ވިދާޅުވިއެވެ. އައި.ޖީ.އެމް.އެޗްގެ އާ ޢިމާރާތް އެޅުއްވުމަށް ހަމަޖެހިފައިވަނީ އެ ހޮސްޕިޓަލުގެ ދެކުނަށް އޮތް ހުސް ބިމުގައެވެ.

އައި.ޖީ.އެމް.އެޗްގެ އާ ޢިމާރާތް ފަރުމާކުރައްވާފައިވާ ގޮތުން، ހަ ފަންގިފިލާއެއް ޚާއްޞަކުރެވިފައިވަނީ ނޭޝަނަލް ޑައިގްނޯސްޓިކް ސެންޓަރ ޤާއިމްކުރައްވައި ހިންގެވުމަށެވެ. މި ސެންޓަރުން މި ސަރަޙައްދުގައި ދެވޭ އެންމެ ފެންވަރު ރަނގަޅު ޚިދުމަތްތައް ލިބޭނެއެވެ. އެހެންނަމަވެސް، މި ޢިމާރާތުގެ މަސައްކަތް އެއްކޮށް ނިމިގެންދާއިރު، އައި.ޖީ.އެމް.އެޗަށް މިހާރު ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކުރެއްވުމަށްޓަކައި، މިހާރު ދެއްވަމުން ގެންދަވާ ބައެއް ޚިދުމަތްތައް އާ ޢިމާރާތަށް ބަދަލުކުރެވި، އެ ހޮސްޕިޓަލްގެ ބެޑް ކެޕޭސިޓީ 500 އެނދަށް އިތުރުކުރެވޭނެކަމަށް ފަރުޙަތު ވިދާޅުވިއެވެ. އެގޮތުން ޑޮކްޓަރަށް ދެއްކުމާއި، އެކަމާ ގުޅިގެން ކުރަންޖެހޭ ހުރިހާ ތަޙުލީލުތަކެއް މި ޢިމާރާތައް ބަދަލުކުރެވިގެންދާނެ އޭނާ ވިދާޅުވިއެވެ.

އައި.ޖީ.އެމް.އެޗްގެ އާ ޢިމާރާތުގައި ޗައިލްޑް ކެއަރ ސެންޓަރަކާއި، ޖިމާއި، ރިހެބިލިޓޭޝަން ސުއިޓެއްވެސް ހިމެނެއެވެ. އަދި ހައިޑްރޯ ތެރަޕީ ސުއިޓެއްގެ ގޮތުގައި ބޭނުންކުރައްވާނެ ސްވިމިންގޕޫލްވެސް ހިމެނެއެވެ. ޖުމްލަ 140 މިލިއަން ޑޮލަރު ޚަރަދުކުރައްވައިގެން ބިނާކުރައްވާ 25 ބުރީގެ މި ޢިމާރާތް ނިންމަވައި 2018 ވަނަ އަހަރު ބޭނުންކުރަން ފެށޭނެކަމަށް ސަރުކާރުން ހާމަކުރައްވައެވެ.