ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވަނީ ޒިންމާދާރު ރައްޔިތުންގެ މަޖިލީހެއް: އިޙްސާން


  • ޤައުމަށް ރަނގަޅުގޮތްވުމަށް ތަރުހީބުދޭ ތަނަކަށް މަޖިލިސް ވާންޖެހޭކަން ފާހަގަކުރެއްވި

  • މެންބަރުން ޒިންމާދާރުވުމުގެ މުހިންމުކަން ފާހަގަކުރެއްވި

ރައިސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބޭނުންފުޅުވަނީ ޒިންމާދާރު މަޖިލީހެއް ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ގުރައިދޫ ދާއިރާއަށް ދަ ޑިމޮކްރެޓްސް ޕާޓީން ވާދަކުރައްވާ ކެންޑިޑޭޓް އެ ދައިރާއަށް ވާދަކުރައްވާ ސަރުކާރު ކެންޑިޑޭޓަށް ތާޢީދު ކުރުމާއި ގުޅިގެން ބޭއްވި ހަރަކާތުގައި ދާޚިލީ ވަޒީރު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ހަރަކާތުގައި ވާހަކަދައްކަވަމުން ވަޒީރު އިޙްސާން ވިދާޅުވީ، ވެރިކަން ކުރާ ޕީއެންސީން މަޖިލީހަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނަކީ ސަރުކާރުން އެދޭ ހުރިހާ ގޮތަކަށް ވޯޓުލާން މަޖިލީހަށް ވަޑައިގަންނަވާ ބޭފުޅުންނެއް ނޫން ކަމުގައެވެ.

އޭގެ ބަދަލުގައި ރައީސުލްޖުމުހޫރިއްޔާ ބޭނުންފުޅުވަނީ ޒިންމާދާރު ރައްޔިތުންގެ މަޖިލީހެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

"ޒިންމާދާރު ރައްޔިތުންގެ މަޖިލީހެއް ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވަނީ. ޒިންމާދާރު ރައްޔިތުންގެ މަޖިލީހަކީ ޤައުމަށް ރަނގަޅު ޤައުމަށް ހެޔޮގޮތްތަކަށް ތަރުހީބުދޭ، ޤައުމަށް ނުރަނގަޅު ގޮތްތަކަށް ނޫނެކޭ ބުނާ ފަރާތްތައް. އެގޮތަށް މިކަން ކުރުން އެއީ އަޅުގަނޑުމެންގެ މެންބަރުންގެ ފަރާތުން އެދޭ އެދުމަކީ. އެއީ އަސްލު ދިވެހި ރާއްޖޭގެ 3 ބާރު ވަކިވެފައި އޮންނަ އަސާސަކީ ނުވަތަ އެ ބޭނުންވާ ގޮތަކީ." ވަޒީރު އިޙްސާން ވިދާޅުވިއެވެ.

އިޙްސާން ވިދާޅުވީ އެއް ޕާޓީއެއްގައި ނުވަތަ އެއް ކުލައެއްގައި ނެތީނަމަ އަނެކަކު ދައްކާ ހުރިހާ ވާހަކައަކަށް ނޫނެކޭ ބުނަން ޖެހޭ ކަމަށް ބައެއް ފަރާތްތަކަށް ހީވެފައި އޮތް ކަމަށެވެ. އެގޮތަށް މިވަގުތު އޮތް ރައްޔިތުންގެ މަޖިލީސް ފެނިގެންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.