ޚަބަރު

ރައީސް ފ. އަތޮޅަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި


  • ކައުންސިލްތަކާއި އތމ ކޮމިޓީތަކާއި ބައްދަލުކުރައްވައި މަޝްވަރާކުރެއްވި

  • ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުން އެދޭ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރެއްވި

ނިލަންދެ އަތޮޅު އުތުރުބުރީގެ ބައެއް ރަށްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ކުރެއްވި ރަސްމީ ދަތުރުފުޅު މިއަދު ނިންމަވާލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ނިލަންދެ އަތޮޅު އުތުރުބުރީގެ ބައެއް ރަށްތަކަށް ޒިޔާރަތްކުރެއްވައި، އެ އަތޮޅުގެ އެކި ރަށްރަށުގެ ރައްޔިތުންނާއި ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކާ ބައްދަލުކުރެއްވިއެވެ. މި ބައްދަލުކުރެއްވުންތަކުގައި އެ އަތޮޅުގެ ރަށްތަކުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުން އެންމެ އެދޭކަންކަމާ ގުޅޭގޮތުން އެމަނިކުފާނު މަޝްވަރާ ކުރެއްވިއެވެ.

ރާއްޖޭގެ ހުރިހާ ކައުންސިލްތަކާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މިއަހަރު ފެއްޓެވި ސިލްސިލާ ދަތުރުފުޅުތަކުގައި، މިހާތަނަށް ޖުމްލަ 168 ކައުންސިލަކާ ވަނީ ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ފަސް އަހަރުގެ މި ރިޔާސީ ދައުރުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް މަދުވެގެން ދެ ފަހަރު ޒިޔާރަތްކުރެއްވުމަކީ އެމަނިކުފާނުގެ އަމާޒެއްކަމަށް ވިދާޅުވެފައެވެ.