ޚަބަރު

ބޭނުންވަނީ ދިވެހި ބަހަށް އިސްކަންދޭ، ދިވެހި ބަހުން ވިސްނާ ޖީލުތަކެއް ބިނާ ކުރަން: ރައީސް


  • އުފެއްދުންތެރި، މަސައްކަތްތެރި ބައެއްގެ ގޮތުގައި ދެމި ތިބުމަށް ދިވެހި ބަހުގެ ދައުރު މުހިއްމު

  • ދިވެހި ބަހަށް އިސްކަން ދިނުމުގެ ޤާނޫނަށް ތަބާވުމަށް އެދިވަޑައިގެންނެވި

ދިވެހި ބަހަށް އިސްކަންދޭ، ދިވެހި ބަހުން ވިސްނާ ޖީލުތަކެއް ބިނާ ކުރުމަށް ބޭނުންފުޅުވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ދިވެހި ބަހުގެ ދުވަހާ ގުޅިގެން ދެއްވި ޚިޠާބުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ޤައުމުގެ އެއްބައިވަންތަކަމާއެކު ފަސްގަނޑު ރައްކާތެރިކޮށްގެން އުފެއްދުންތެރި މަސައްކަތްތެރި އަދި ގުޅުންތެރި ބައެއްގެ ގޮތުގައި ދެމި ތިބުމުގައި ދިވެހި ބަހުގެ ދައުރު ފުޅާ ކަމަށެވެ. އަދި ދިވެހި ބަހުގެ އަސަރު ވެސް ވަރުގަދަ ކަމަށާއި އެހެންވެ ދިވެހި ބަހުގެ ދުވަސް ކުލަގަދަކޮށް ފާހަގަކޮށް އެ ދުވަހުގެ ހައިބަތު ދިވެހި ދަރީންގެ ހިތްތަކުގައި މަތިވެރިކުރުމަކީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ދިވެހި ބަހުގެ ދުވަސް ނިސްބަތްކުރެވެނީ ފަޟީލަތުއްޝައިޚް އަލްމަރްޙޫމް ޙުސައިން ޞަލާޙުއްދީނަށްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެމަނިކުފާނުގެ ހަޔާތްޕުޅުން ވެސް ލިބޭ ފިލާވަޅުތަކެއް އެބަހުރި ކަމަށެވެ. އެގޮތުން، އެމަނިކުފާނަކީ ރާއްޖޭން ކިޔަވާ ވިދާޅުވި ޢިލްމީ އަދި ދިވެހި ބަހަށް މޮޅު ބޭފުޅަކަށްވާއިރު ދިވެހި ބަހުން ކިޔަވައިގެންވެސް ޢިލްމުވެރިވެވިދާނެ ކަމަށާއި އެހެނިހެން ބަސްތަކުގެ ޢިލްމުތައް ދިވެހި ވެއްޓަށް ގެނެވިދާނެކަން ހާމަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އިލްމީ ދިރާސާތަކަށް އަލިއަޅުއްވާލައްވައި ރައީސް ވިދާޅުވީ މާދަރީ ބަހުން ވިސްނައި ފިކުރުކުރަން ދަސްވުމުން އެހެން ބަސްބަހާއި ޢިލްމުތަކަށް ލޯ ހުޅުވޭލެއް ފަސޭހަކަމަށެވެ. އަދި ޤައުމުގެ ރައްޔިތުން މާދަރީ ބަހުން ފިކުރުކޮށް އެބަހުގެ ދޭހަ ފުންވިވަރަކަށް ޤައުމާމެދު ވިސްނުމުގެ ޝައުގާއި ރޫހު އުފެދޭ ކަމަށް ވެސް ވިދާޅުވިއެވެ.

"އަޅުގަނޑު ބޭނުންވަނީ ދިވެހި ބަހުން ވިސްނާ ޖީލުތަކެއް ބިނާކުރަން. އަޅުގަނޑު އެދެނީ ދިވެހި ބަހުން ދޫ ހިނގާ ގަލަން ހިނގާ ޒުވާނުންތަކެއް އުފެދެން. އަޅުގަނޑު ތަރުޙީބުދެނީ ދިވެހީންގެ ޤައުމާއި ދިވެހި ރާއްޖެއަށް ރައްކާތެރިކަން އެދި ހިތްތަކާއި ލޯތައް ހުޅުވިފައިވާ ރައްޔިތެއް މި ޤައުމުގައި ތިބެން. އަޅުގަނޑު އިލްތިމާސް ކުރަނީ އެހެން ބަސްބަހާއި ޢިލްމުތަކަށް މޮޅުވުމާއެކު ދިވެހި ބަހަށް ލޯބިކުރުމާއި ދިވެހި ބަހަށް ފަރިތަކަން ލިބިގަންނަން. ދިވެއްސަކަށް ވީތީ ފަޚުރުވެރިވާ ދިވެހީންގެ ރާއްޖެއަކަށް އަލުން މި ޤައުމު އަލިވިލޭން ޖާގަ ދެއްވާ،" ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިބަހުގެ ދުވަހަކީ ޤައުމުގެ ހުރިހާ ދާއިރާއަކުން ދިވެހި ބަހާމެދު ފިކުރު ހިންގާންވި ދުވަހެއްކަން ފާހަގަކުރައްވައި ދިވެހި ބަހަށް އިސްކަން ދިނުމުގެ ޤާނޫނަށް ތަބާވުމަށް އެދިވަޑައިގަންނަވާފައެވެ. އަދި ދިވެހި ބަސް ހެޔޮ ގޮތުގައި ބޭނުންކުރުމަށް ޢަޒުމު ކަނޑައަޅައި އޮފީސްތަކާއި ޚަބަރު ފަތުރާ ވަސީލަތްތަކާއި ތަޢުލީމާއި، މުޢާމަލާތުގެ ހުރިހާ ދާއިރާއަކުން ވެސް ދިވެހިބަހަށް އިސްކަން ދިނުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.

ޤައުމިއްޔަތު އިޔާދަކުރުމުގެ ޤައުމީ ނިޒާމަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ ޤައުމިއްޔަތު މާއްދާގެ ފިލާވަޅުތަކުން ކިޔަވާ ކުދީންނަށް ހެޔޮ އަސަރުތަކެއް ފޯރާނެ ކަމަށާއި ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުގެ ކިޔެވުން ފެށުމުން ޒުވާނުންނާއި އާންމުންނަށް ވެސް އޭގެ ފައިދާ ކުރާނެ ކަމަށެވެ. އަދި ޤައުމީ ޗާޕުޚާނާ އުފެދުމުން ދިވެހިބަހުން ލިޔެވިފައިވާ ޒަމާނީ ފޮތްތަކާއި ޒަމާނީ ޑިޖިޓަލް އުފެއްދުންތައް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދިވެހި ބަހުން އާންމުވެގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.