ތަޢުލީމު

ޕޮލިޓެކްނިކުގެ ވިލިނގިލީ ކެމްޕަސް ރަސްމީކޮށް ހުޅުވައިފި


މޯލްޑިވްސް ޕޮލިޓެކްނިކުގެ ގއ. ވިލިނގިލީ ކެމްޕަސް ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.

މި ކެމްޕަސް ހުޅުއްވައިދެއްވީ، މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.އާއިޝަތު ޝިހާމެވެ. ގއ.ވިލިނގިލީގައި ހުޅުވި މި ކެމްޕަހަކީ، މޯލްޑިވްސް ޕޮލިޓެކްނިކުން އަތޮޅުތެރޭގައި ރަސްމީކޮށް ހުޅުވި ތިންވަނަ ކެމްޕަސް. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޝިހާމް ވިދާޅުވީ، ޒުވާނުންނަށް ބޭނުންވާ ހުނަރާއި ފަންނު ދަސްކޮށްދީ މަސައްކަތްތަކަށް ޒުވާނުން އަހުލުވެރިކުރުވުމަކީ މުޙިންމުކަމެއްކަމަށާއި، އެކިއެކި ސިނާޢަތްތަކަށް ބޭނުންވާ މީހުން ބިނާކުރުމަށްޓަކައި، ހިންގާ ތަމްރީނު ޕްރޮގްރާމްތަކަކީ، ހަމައެކަނި މާލޭގައި ހިންގޭ ޕްރޮގްރާމްތަކަކަށް ވުމުގެ ބަދަލުގައި އެފަދަ ޕްރޮގްރާމްތައް އަތޮޅުތަކަށް ފުޅާކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށެވެ.

މިހާރުވެސް އެކިއެކި ކޯސްތަށް ފަށާފައިވާ ގ.އ. ވިލިގިލީ ކެމްޕަހަކީ، މާލެ ފިޔަވައި މިހާރު އެންމެ ގިނަ ދަރިވަރުން ކިޔަވަމުން ގެންދާ ކެމްޕަހެވެ. މި ކެމްޕަހުގައި މިހާރު ހިނގަމުންދާ ކޯސްތަކުގެ އިތުރުން އާ ކޯސްތައް މިހާރުވަނީ އިއުލާންކޮށްފައެވެ.

ވިލިނގިލީގައި ޤާއިމްކުރެވިފައިވާ ކެމްޕަސް ހިނގަމުން ދަނީ ވިލިނގިލީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި އިމާރާތެއް އެއްވެސް ކުއްޔަކާއި ނުލައި 5 އަހަރު ދުވަހުގެ މުއްދަތަށް ޕޮލިޓެކްނިކާއި ހަވާލުކޮށްގެންކަމަށް ޕޮލިޓެކްނިކުން މައުލޫމާތުދެއެވެ. އަދި ވިލިނގިލީގައި ޕޮލިޓެކްނިކްގެ ދާއިމީ އިމާރާތެއް އެޅުމަށްޓަކައި އެރަށު ކައުންސިލުން މޯލްޑިވްސް ޕޮލިޓެކްނިކަށް ރަސްމީކޮށް ބިމެއްވެސް ވަނީ ދެއްވާފައެވެ.