ރާއްޖެއިން ބޭރުން ވެހިކަލް ގެނެސްދޭނެ ކަމަށް ބުނެ މޯލްޑިވްސް ވޭވް އިންޓަނޭޝަނަލްއިން މަކަރާއި ހީލަތުން ފައިސާ ނެގި މައްސަލަތަކެއްގެ ތަހުގީގަށް، އިތުރު ބައެއްގެ އަތުން ފައިސާ ނެގިތޯ ބަލަން ދިވެހި ފުލުހުންގެ ޚިދުމަތުން ފަށައިފިއެވެ.
ފުލުހުން މިއަދު ވިދާޅުވީ އެޚިދުމަތުގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން އަންނަނީ "މެގަޓްރޯން މޮޓޯސް މޯލްޑިވްސް ވޭވް އިންޓަނޭޝަނަލް" އަށް ތުހުމަތުކުރެވޭ މައްސަލަތަކެއް ކަމަށެވެ.
ފުލުހުންވަނީ ވެހިކަލް ގެންނަން އެ ކުންފުންޏަށް ފައިސާ ދައްކާފައިވާ ފަރާތެއްވާ ނަމަ އެކަން އެޑިޕާޓްމަންޓްގެ ނަންބަރު 9790048 އަށް ގުޅައި ހިއްސާކުރުމަށް އެދިފައެވެ.
މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާނެގުމާއި، ތަފާތު އެކި ސްކޭމްތައް ހިންގުން ފަދަކަންކަން މިފަހަކަށް އައިސް އިތުރުވެފައިވާތީ، އެފަދަކަންކަމަށް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.