ކުޅިވަރު

އޭދަފުށި ފުޓްސަލް ކަޕް: ގްރޫޕުގެ އެއްވަނަ ސީސީއަށް، އެއިޓީފޯ ކުއާޓާއަށް


ބ. އޭދަފުށީ ކައުންސިލުން އިންތިޒާމުކޮށްގެން އެ ރަށުގައި ބާއްވާ "އުރީދޫ އޭދަފުށި ފުޓްސަލް ކަޕް 2024" ގެ ކުއާޓާ ފައިނަލަށް ސީސީ ސްޕޯޓްސް ކުލަބާއި އެއިޓީފޯ އެފްސީ ދަތުރުކޮށްފިއެވެ.

މި ފަހަރުގެ މުބާރާތުގައި 16 ޓީމެއް ބައިވެރިވެފައިވާއިރު، މުބާރާތް ކުރިއަށްދަނީ ހަތަރު ގްރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގްރޫޕަކުންވެސް އެއްވަނަ އާއި ދެވަނަ ޓީމު ކުއާޓާ ފައިނަލަށް ދަތުރުކުރާއިރު، މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހެވެ.

އޭދަފުށީ ފުޓްސަލް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގެ ގްރޫޕް ބީގައި މިރޭ ކުޅުނު މެޗުން ސީސީ މޮޅުވީ އެފްސީ ސަޑަންލީ އަތުން 4-2 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ސީސީގެ ނާއިޒް ހަސަން (ދާދު) ވަނީ ހެޓްރިކެއް ހަދާފައެވެ. އަދި އެ ޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ މުއާޒް އަލީއެވެ. މި މެޗުގައި ސަޑަންލީގެ ފުރަތަމަ ލަނޑު މުޙައްމަދު ޖައިލަމް ކާމިޔާބުކޮށްދިންއިރު، އެ ޓީމުގެ އަނެއް ލަނޑަކީ ސީސީގެ މުއާޒް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މި މޮޅާއެކު ކުއާޓާއަށް ސީސީ ދަތުރުކުރީ ގްރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. މި ގްރޫޕުގެ ދެވަނައަށް ދިޔަ އެންމެ ފަހުގެ ޗެމްޕިއަން އެފްރޯ ސްޕޯޓްސް ކުލަބާއި ސީސީއަށް ހަތް ޕޮއިންޓް ލިބުނުއިރު، ދެ ޓީމު ވަނީ ލަނޑުގެ ތަފާތުންވެސް އެއްވަރުވެފައެވެ. އެއާއެކު ސީސީއަށް ކުރި ލިބުނީ ޖެހި ލަނޑު އިތުރުވުމުންނެވެ.

މީގެ އިތުރުން ކުއާޓާގެ ޖާގައެއް އެއިޓީފޯ އެފްސީން ހޯދީ މިރޭ ކުޅުނު ގްރޫޕް ސީގެ މެޗުގައި ވީ ވެލާ އަތުން ފަސޭހަކަމާއެކު 7-3 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. މި މެޗުގައި އެއިޓީފޯ އެފްސީގެ މުޙައްމަދު އިމްރާން ވަނީ ހެޓްރިކެއް ހަދާފައެވެ. ދެން މި މެޗުގައި އެއިޓީފޯ އެފްސީން ކާމިޔާބުކުރި ލަނޑުތައް ޖަހައިދިނީ އަބްދުﷲ ޖާހް ޖާދުﷲ އާއި، ކެޕްޓަން ލިސާން އަބޫބަކުރު އަދި އާފިއު މުޙައްމަދު ހާމިދެވެ. އަދި އެ ޓީމުގެ އަނެއް ލަނޑަކީ ވީ ވެލާގެ އަޙްމަދު އަލްހާން މުޙައްމަދު ޚާލިދު އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މި މެޗުގައި ވީ ވެލާއިން ކާމިޔާބުކުރި ލަނޑުތައް ޖަހައިދިނީ ދެ ލަނޑު ޖެހި އަޙްމަދު އަފްލާހް އަލީ އާއި މުޙައްމަދު އަނޫފް ނާޝިދެވެ.

މީގެ އިތުރުން މި މުބާރާތުގައި މިއަދު ހަވީރު ކުޅުނު ފުރަތަމަ މެޗުގައި 12-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކޭބަލް ބްރަދާސް ބަލިކޮށް، މުރިންގް އެފްސީން ވަނީ ގްރޫޕް ސީގެ އެއްވަނަ ހޯދާފައެވެ. އަދި އެންމެ ފަހުގެ ރަނަރަޕް އޯލް ވުލްވްސްއިން ވަނީ 4-1 ގެ ނަތީޖާއަކުން ވެލާ ސްޕޯޓްސް ކުލަބު ބަލިކޮށް، ގްރޫޕް ޑީގެ އެއްވަނަ މަގާމު ހޯދާފައެވެ.

ގްރޫޕް ސްޓޭޖުގެ ފަހު މެޗުތައް މިރޭ ކުޅުނުއިރު، ގްރޫޕް އޭގައި ބީކޭ ސްޕޯޓްސް ކުލަބުން ވަނީ ފަސޭހަކަމާއެކު 8-2 ގެ ނަތީޖާއަކުން ކީވަން އެފްސީ ބަލިކޮށްފައެވެ. އަދި މިރޭގެ ފަހު މެޗުގައި ގްރޫޕް ޑީގައި ހިމެނޭ ފްރެންޑްސްއިން ވަނީ 6-3 ގެ ނަތީޖާއަކުން އެފްސީ ދުންތަރި ބަލިކޮށްފައެވެ.

އޭދަފުށި ފުޓްސަލް ކަޕުގެ ކުއާޓާ ފައިނަލް މެޗުތައް މާދަމާރޭ ކުޅޭއިރު، ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ޔުނައިޓެޑް ވީ އާއި އެއިޓީފޯ އެފްސީއެވެ. އަދި ދެވަނަ މެޗުގައި ސީސީ އާއި ވެލާ ސްޕޯޓްސް ކުލަބު ބައްދަލުކުރާއިރު، ކުއާޓާގެ ތިންވަނަ މެޗުގައި މުރިންގް އެފްސީ ނުކުންނާނީ ނަލަ ބްރަދާސްއާ ދެކޮޅަށެވެ. އަދި ފަހު މެޗުގައި އެފްރޯ ބައްދަލުކުރާނީ އޯލް ވުލްވްސްއާއެވެ.