ޚަބަރު

މިހާރު ކުރަމުންދާ ވިއްސާރާގައި އެންމެ ބޮޑަށް ގެއްލުންވީ މާލެއަށް: އާދަމް ޝަރީފް


  • މިހާތަނަށް 85 ގެޔަކަށް ފެނުގެ އަސަރު ކޮށްގެން ރިޕޯޓް ކޮށްފައިވޭ

  • ފެން ވަންނާނެހެން ހުރި 241 ގޭގައި މިހާތަނަށް ވެލި ބަސްތާ ޖަހާފައިވޭ

  • މާލޭގެ 8 ސަރަހައްދެއްގައި 14 ޕަމްޕު ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތް ކުރިއަށްއެބަދޭ

ރާއްޖެއަށް މިހާރު ކުރަމުންމިދާ ވިއްސާރާގައި އެންމެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވަނީ މާލެއަށް ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ދައުލަތުގެ އިދާރާތަކުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި ބެހޭގޮތުން ޕީއެސްއެމް ނިއުސް އަށް މަޢުލޫމާތު ދެއްވަމުންނެވެ.

ވަޒީރު ވިދާޅުވީ، ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މާލެ ސަރަހައްދުގައި މިހާތަނަށް 85 ގެޔަކަށް ފެނުގެ އަސަރު ކޮށްގެން ރިޕޯޓްކޮށްފައިވާ ކަމަށާއި ފެން ވަންނާނެހެން ހުރި 241 ގޭގައި މިހާތަނަށް ވެލި ބަސްތާ ޖަހާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. މާލޭގެ 8 ސަރަހައްދެއްގައި 14 ޕަމްޕް ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފް އިން އަންނަނީ ކުރަމުންނެވެ.

މީގެ އިތުރުން، ވިއްސާރާގައި އާންމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދައުލަތުގެ ކަމާބެހޭ ހުރިހާ މުއައްސަސާއަކުން އެހީތެރިކަން ފޯރުކޮށްދެމުން ގެންދަވާކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން، އެމްއެންޑީއެފް، ޕޮލިސް، ސިޓީ ކައުންސިލް، ޑިޒާސްޓަރ މެނޭޖެމަންޓް ސެންޓަރާއި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ މުވައްޒަފުންގެ ފަރާތުން ލިބޭ އެހީތެރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން، ގެތަކުގައި ވެލި ބަސްތާ ޖެހުމާއި ވެލި ބަސްތާތައް އުފުލުމުގައި އާންމު ރައްޔިތުންގެ ފަރާތުން އެ ވުޒާރާއަށް ލިބެމުންދާ އެހީތެރިކަން ފާހަގަކޮށް ވަޒީރު ވަނީ މިކަމުގައި ހަރަކާތްތެރިވާ އެންމެހާ ފަރާތްތަކަށް ޝުކުރުދަންނަވާފައެވެ.

މާލޭގައި އެންމެ ފެން ބޮޑުވެފައިވަނީ މާފަންނު ސަރަހައްދުގައި ކަމަށް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން، މި ސަރަހައްދުގައި 4 ފުރޮޅުލީ އުޅަނދު ނުދުއްވުމަށް ކަމާ ބެހޭ ފަރާތްތަކުން ވަނީ އިލްތިމާސް ކުރައްވާފައެވެ.

"މިވަގުތު އަޅުގަނޑުމެން ވަރަށް ބޮޑަށް އެދެން، އެނގިވަޑައިގަންނަވާނެ ވަރަށް ބޮޑަށް މިއޮތީ ޚާއްސަކޮށް މާލޭގެ ހުޅަނގު ކޮޅުގަ ފެން ބޮޑުވެފަ. އެހެންވީމަ، މިވަގުތު ހަތަރު ފުރޮޅުލީ އުޅަނދުތައް ހަމަ ވީ ވަރަކުން އެހިސާބުގަ ދުއްވުން މަދުކުރެވޭނެ ގޮތެއްވުން ވަރަށް މުހިންމު. އެއީ ފެން ވަނުމާއި އަދި އޭގެ އިތުރުން ބޭރުގަ ހުންނަ ކާރު، ސައިކަލު ފަދަ ތަކެތި ވެސް ވެއްޓޭ ގޮތް ވަމުން ދާތީވެ ވީ ވަރަކުން އެކަން މަދުކުރެވޭތޯ ބެއްލެވުން އަޅުގަނޑުމެން ވަރަށް ބޮޑަށް އެދެން. އަޅުގަނޑުމެން މި އުންމީދު ކުރަނީ އިރާދަކުރެއްވިއްޔާ މާ ގިނަ އިރުތަކެއް ނުވެ މިއަށް ޙައްލެއް ހޯދައިދެވޭނެކަމަށް،" ވަޒީރު ވިދާޅުވިއެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ރާއްޖޭގެ ބައެއް ހިސާބުތަކަށް ވަނީ ހުދު އަދި ރީންދޫ ސަމާލުވެސް ނެރެފައެވެ. އަދި، މި ސަރަހައްދުތަކަށް ގުގުރުމާއިއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.