ޚަބަރު

ފ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސް ފުރާވަޑައިގެންފި


  • ފ. އަތޮޅުގެ ހުރިހާ ކައުންސިލްތަކާ ބައްދަލުކުރައްވާނެ

  • މިހާތަނަށް ރައީސް ވަނީ 162 ކައުންސިލަކާ ބައްދަލުކުރައްވާފައި

ނިލަންދެ އަތޮޅު އުތުރުބުރީގެ ބައެއް ރަށްތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ފުރާވަޑައިގެންފިއެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅުގައި ފާފުއަތޮޅުގެ ބައެއް ރަށްތަކަށް ޒިޔާރަތްކުރައްވައި އެ ރަށްތަކުގެ ރައްޔިތުންނާ ބައްދަކުރައްވާނެއެވެ. އަދި އެ އަތޮޅުގެ ހުރިހާ ރަށެއްގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކާ ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި ބައްދަލުކުރެއްވުންތަކުގައި އެއަތޮޅުގެ ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުން އެންމެ އެދޭކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ.

ރާއްޖޭގެ ހުރިހާ ކައުންސިލުތަކާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މިއަހަރު ފެއްޓެވި ސިލްސިލާ ދަތުރުފުޅުތަކުގައި، މިހާތަނަށް ވަނީ ޖުމްލަ 162 ކައުންސިލަކާ ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައެވެ. އެގޮތުން، އެންމެފަހުން އެމަނިކުފާނު ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންނެވީ ހައްދުންމަތީގެ ބައެއް ރަށްތަކަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެމަނިކުފާނުގެ އަމާޒަކީ ފަސްއަހަރުގެ މި ރިޔާސީ ދައުރުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށަކަށްވެސް މަދުވެގެން ދެ ފަހަރު ޒިޔާރަތްކުރެއްވުން ކަމަށް ވިދާޅުވެފައެވެ. އަދި މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގައި ހުރިހާ ރަށަކަށް ވަޑައިނުގެންނެވުނު ނަމަވެސް ހުރިހާ ރަށެއްގެ ކައުންސިލްތަކާ ބައްދަލުކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއެވެ.