ޚަބަރު

އައްޑޫ ސިޓީގެ ފެނުގެ ނިޒާމު އަޕްގްރޭޑްކުރުމުގެ މަސައްކަތް އެމްޑަބްލިއެސްސީއާ ހަވާލުކޮށްފި


  • މިއީ 282 މިލިއަން ރުފިޔާގެ މަޝްރޫޢެއް

އައްޑޫ ސިޓީގެ ފެނުގެ ޚިދުމަތް އަޕްގްރޭޑް ކުރުމުގެ މަސައްކަތް މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ، އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފިއެވެ.

އައްޑޫ ސިޓީ ހިތަދޫ، ބޭއްވި ރަސްމިއްޔާތެއްގައި މިކަމާއި ގުޅޭ އެއްބަސްވުމުގައި ސޮއިކުރެއްވީ އިމާރާތްކުރުމާ ބިނާރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އިބްރާޙިމް ޠަޢާމް މުހައްމަދެވެ. މި އެއްބަސްވުމުގައި އެމްޑަބްލިއުއެސްސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަބްދުލް މަތީން މުހައްމަދު އެވެ. އައްޑޫ ހައިސްކޫލުގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މޫސުމީ ބަދަލުތަކާއި، ތިމާވެއްޓާއި ހަކަތައާބެހޭ ވަޒީރު ޠާރިޤް އިބްރާހިމްއެވެ.

282 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މިމަޝްރޫޢު އެކުންފުންޏާއި ހަވާލުކޮށްފައިވަނީ އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މިގޮތުން މި މަސައްކަތުގެ ދަށުން އައްޑޫ ސިޓީ ހިތަދޫގައި ހުންނަ ސެންޓްރަލް ޑީސެލިނޭޝަން ޕްލާންޓް އަޕްގްރޭޑް ކުރުމާއި ހުޅުމީދޫގައި ހުންނަ ޑީސެލިނޭޝަން ޕްލާންޓް އަޕްގްރޭޑް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މި ދެ ރަށުގެ ފެން ތަހުލީލު ކުރުމަށް ބޭނުންވާ ލެބޯޓަރީ ވަސީލަތްތައް ޤާޢިމްކުރާނެއެވެ.

މީގެ އިތުރުން ހިތަދޫގައި އާރްއޯ ފެސިލިޓީ ބިލްޑިންގް އިމާރާތްކުރުމާއި، ބޯ ހޯލް ތޮރުފުމާއި ދުވާލަކު 1500 ޓަނުގެ ފެން އުފެއްދޭ 2 އާރްއޯ ޕްލާންޓް ޤާއިމް ކުރުމުގެ އިތުރުން ފެން ރައްކާކުރުމުގެ ރިޒާވް އިތުރު ކުރެވޭނެއެވެ. އެގޮތުން ގުޅިފައިވާ ރަށްތަކަށް ޚިދުމަތް ދިނުމަށް 6 ތާންގީއެއް ބަހައްޓައި 13،000 ޓަނަށް ސްޓޯރޭޖް އިތުރު ކުރެވޭނެއެވެ. މިއާއެކު އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގައި ޤާއިމްވެފައި ހުރި 3 ގަޑިއިރުގެ ފެނުގެ ރިޒާވް، ހަފްތާއެއް ހާ ދުވަހުގެ ރިޒާވަކަށް ބޮޑުވެގެންދާނެއެވެ.

މިމަސައްކަތުގެ ދަށުން ވަކިން އޮންނަ ހުޅުމީދޫގައި ދުވާލެއްގެ މައްޗަށް 350 ޓަނުގެ ފެން އުފެއްދޭ 2 އާރާއޯ ޕްލާންޓް ޤާއިމް ކުރެވި އާރްއޯ ފެސިލިޓީ އިމާރާތް ޤާއިމް ކުރެވޭނެއެވެ. އަދި އެރަށުގެ ފެން ރައްކާކުރުމުގެ ސްޓޯރޭޖް ކެޕޭސިޓީ 3000 ޓަނަށް މަތި ކުރެވޭނެއެވެ.

އެމްޑަބްލިއުއެސްސީއާ ހަވާލުކުރެވުނު މަސައްކަތުގެ ދަށުން ގުޅިފައިވާ ރަށްތަކުގައި އަދި ހުޅުމީދޫގައިވެސް އައު ބްރައިން އައުޓްފޯލް ހޮޅި ގާއިމްކުރާނެއެވެ.

މި ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިންގް ޑިރެކްޓަރ އަބްދުލް މަތީން މުހައްމަދު ވިދާޅުވީ މިމަސައްކަތުގެ ސަބަބުން އައްޑޫ ސިޓީގެ ފެން ރައްކާކުރުމާއި ފެން އުފެއްދުމުގެ ޤާބިލީއްޔަތުކަން އިތުރުވެގެންދާނެ ކަމަށެވެ.

"މިމަޝްރޫޢުގެ ސަބަބުން ފެން އުފެއްދުމުގެ ޤާބިލީއްޔަތުކަން ތިން ހަތަރު ގުނައަށް އިތުރުވެގެންދާނެ. ފެން ރައްކާކުރުމުގެ ޤާބިލީއްޔަތުކަން 10 ވަރަކަށް ގުނަ އިތުރުވެގެންދާނެ. އޭގެ މާނައަކީ 3 ގަޑިއިރަށް ހަތަރު ގަޑިއިރަށް ފެން ރާއްކާކުރުމުގެ ޤާބިލީއްޔަތުކަން ބަދަލުވެގެންދާނެއޭ 7 ދުވަހަށް. މިއީ ވަރަށް ބޮޑު ކުރިއެރުމެއް " މަތީން ވިދާޅުވިއެވެ.|

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ފެނުގެ ޚިދުމަތް ދެމުންދާ ސެންޓްރަލް ޑީސެލިނޭޝަން ޕްލާންޓަށް މައްސަލަ ދިމާވެ، ފެނުގެ ޚިދުމަތް މިފަހަކަށް އައިސް ވަރަށް ގިނައިން މެދުކެނޑެއެވެ. ސަރުކާރުގެ އަމާޒަކީ މި މަޝްރޫޢުއާއެކު އައްޑޫ ސިޓީގެ ފެނުގެ ހިދުމަތަށް ބުރޫ އެރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދެވުމެވެ.