ޚަބަރު

ފީވަކުގައި ގިނަވަމުންދާ "ފުރުޓް ފްލައި" ކޮންޓްރޯލް ކުރުމުގެ މަސައްކަތް ފަށައިފި


  • ފަންނީ ޓީމަކުންދަނީ އެރަށުގައި ހަރަކާތްތެރިވަމުން

  • ފުރުޓް ފްލައި އެންމެ ފުރަތަމަ ރާއްޖެއިން ފެނިފައިވަނީ ވެސް ފީވަކުން

ށ. ފީވަކުން ފެނުނު ފުރުޓް ފްލައި ކޮންޓްރޯލް ކުރުމުގެ މަސައްކަތް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ފަށައިފިއެވެ.

ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ވިދާޅުވީ ތަރުކާރީއާ މޭވާގެ ގިނަ ވައްތަރުތަކުގައި އަށަގަންނަ ނުރައްކާތެރި ފަނިފަކްސާއެއްކަމުގައިވާ "ފުރުޓް ފްލައި" ށ. ފީވަކުގައި ގިނަވަމުންދާކަމުގެ ޝަކުވާ ލިބިފައިވާ ކަމަށެވެ. މި މައްސަލަ އެ ވުޒާރާއަށް ލިބުމާއި އެކު، ފުރުޓް ފްލައި ގެ އާބާދީ މަދުކުރުމުގެ މަސައްކަތް ފަށައިފާވާ ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. ފީވަކުގައި ފުރުޓް ފްލައި ކޮންޓްރޯލް ކުރުމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާގެ ފަންނީ ޓީމަކުން އަންނަނީ އެ ރަށުގައި ހަރަކާތްތެރިވަމުންނެވެ. އަދި، މި މަސައްކަތް ކުރިއަށް ގެންދަނީ ފެރޮމޯން ދަންތުރަ ބޭނުންކޮށްގެން ކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ. ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މި މަސައްކަތުގައި ފީވަކު ކައުންސިލާއި، އެރަށުގެ ދަނޑުވެރިންގެ އެއްބާރުލުން ލިބެމުން އަންނަ ކަމަށެވެ.

ފުރުޓް ފްލައި އެންމެ ފުރަތަމަ ރާއްޖެއިން ފެނިފައިވަނީ 2015 ވަނަ އަހަރު ށ. ފީވަކުންނެވެ. ފުރުޓް ފްލައިއަކީ، ވަރަށް އަވަހަށް ވިހާ، އާލާވާ ސޫތްޕެކެވެ. އަދި، އޭތި އަހަރަކު ދިހަ ފަހަރު ބިސް އަޅައެވެ. ފުރުޓް ފްލައި އިންސާނުންނަށް ގެއްލުމެއް ނުދިން ކަމުގައިވިޔަސް، އޭގެ ސަބަބުން، ދަނޑުވެރިން ހައްދާ މޭވާއާއި، ތަރުކާރީފަދަ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއްލިބެއެވެ. މި ބާވަތުގެ ސޫފި މޭވާއަށް ކަށިޖެހުމަށްފަހު އޭގެ ބިސް މޭވާގެ އެތެރެއަށް ފޮނުވާ، އެބިހުން އުފެދޭ ފަނިތައް މޭވާ ހަލާކު ކޮށްލައެވެ. އެހެންކަމުން، އެ ބާވަތުގެ ސޫފީގެ ބިސް އެކުލެވޭ މޭވާއެއް ނުވަތަ ތަރުކާރީއެއް އެހެން ރަށަކަށް ގެންދެވިއްޖެ ނަމަ އެ ތަކެތި އާލާވުމުގެ ފުރުސަތު ބޮޑުވެއެވެ.

މިއީ އިންސާނުންނަށް ނުރައްކާތެރި ބާވަތެއްގެ ސޫތްޕެއް ނޫންނަމަވެސް ގަސްގަހުގައި އަޅާ ތަރުކާރީ ނުވަތަ މޭވާގެ ނުވަދިހަ އިންސައްތަ އާއި ސަތޭކަ އިންސައްތައާއި ދެމެދުން މިސޫފި ހަލާކުކޮށްލައެވެ.