ޚަބަރު

މޫސުން ގޯސްވެ، ބައެއް ސަރަހައްދުތަކަށް ރީނދޫ ސަމާލު


  • މާލޭގައިވެސް ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފައި

މޫސުން ގޯސްވެ، ވިއްސާރަވުމާއި ގުޅިގެން ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ރީނދޫ ސަމާލު ނެރެފިއެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ރީނދޫ ސަމާލު ނެރެފައި ވަނީ ހއ. އަތޮޅުން ފެށިގެން ފ.އަތޮޅުގެ ރަށްތަކަށް މިރޭ 8:15 އާ ހިސާބަށެވެ. އެ އިދާރާއިން ވިދާޅުވީ ހއ.އަތޮޅުން ފެށިގެން ފ.އަތޮޅުގެ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވިއްސާރަވެހޭނެކަމަށެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ ތ.އަތޮޅުން ފެށިގެން އައްޑޫ ސިޓީގެ ރަށްތަކަށް މިރޭ 8:30އާ ހަމައަށް ހުދު ސަމާލުވެސް ނެރެފައެވެ. އަދި މި ސަރަހައްދުތަކަށްވެސް ގުގުރުމާއެކު ބޯކޮށް ވިެްސާރަވާނެކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.

މިއަދު ކުރަމުންދާ ވިއްސާރައިގައި‏ބޯކޮށް ވާރޭ ވެހި މާލޭގެ މަގުތަކުގައި ވަނީ ފެންބޮޑުވެފައެވެ. އަދި މަގުތަކުން ފެން ހިންދުމާއި އަދި ބައެއް ގެތަކަށް ފެންވަންނަމުންދާތީ، ވެލި ބަސްތާ ޖެއްސުމުގެ މަސައްކަތުގައި އެމްއެންޑީއެފް އެފްއާރުއެސްއާއި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑުގެ ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ.