ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އައްޑޫސިޓީއަށް ވަޑައިގަތުމުން އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.
ނުރަސްމީ ދަތުރުފުޅެއްގައި ރައީސް އައްޑޫ ސިޓީއަށް ވަޑައިގެންނެވީ މިއަދު ހަވީރުގެ ވަގުތެއްގައެވެ. އެ ސިޓީއަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވުމުގައި އެ ސިޓީގެ އެކި އުމުރުފުރާގެ ގިނަ އަދަދެއްގެ މީހުން ވަނީ ބައިވެރިވެފައެވެ. އެއަރޕޯޓް ސަރަޙައްދަށް އެއްވި އާންމުންނާއި ސަލާމްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ގިނަ ވަގުތުތަކެއް ހޭދަކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ އައްޑޫ ސިޓީއަށް ވަޑައިގެންނެވީ ހައްދުންމައްޗަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހުއެވެ. ލ. އަތޮޅުގެ 6 ރަށަކަށް އެމަނިކުފާނު ވަޑައިގެންނެވިއިރު އެ ރަށްތަކުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކާ ބައްދަލުކުރެއްވިއެވެ. އަދި ރައްޔިތުންނާ ބައްދަލުކުރައްވައި ހުރި ކަންބޮޑުވުންތައް އެމަނިކުފާނު ވަނީ އަޑުއައްސަވާފައެވެ. އަދި ހައްދުންމަތީގެ ތަރައްޤީއަށް ސަރުކާރުން ގެންގުޅުއްވާ ތަޞައްވަރު ރައްޔިތުންނާއި ވަނީ ހިއްސާކުރައްވާފައެވެ.
އައްޑޫ ސިޓީއަށް ކުރައްވާ ދަތުރުފުޅުގައި އެ ސިޓީގެ ރައްޔިތުންނާ ރައީސް މިރޭ ބައްދަލުކުރައްވާނެއެވެ. މި ބައްދަލުކުރެއްވުން އޮންނާނީ މިރޭ 21:00 ގައި ހިތަދޫގައެވެ.