ދުނިޔެ

ހަނގުރާމަ މެދުކަނޑާލަން ސޫރިޔާގެ ސަރުކާރުން އެއްބަސްވެއްޖެ


ސޫރިޔާގައި ހިނގަމުންދާ ހަނގުރާމަ މެދުކަނޑާލުމަށް އެޤައުމުގެ ސަރުކާރުން އެއްބަސްވެއްޖެއެވެ.

ސޫރިޔާގައި ހިނގަމުންދާ ދާޙިލީ ހަމަނުޖެހުން ހުއްޓުވުމަށް އެޤައުމުގެ ސަރުކާރުން އެއްބަސްވެ، ހަނގުރާމަ މެދުކަނޑާލުމަށް ވަކިވަކި ސަރަޙައްދުތަކުގައި ހަނގުރާމަކުރަމުންދާ ހަނގުރާމަވެރިންނަށް ގޮވާލައިފިއެވެ. ސޫރިޔާގައި ހިނގަމުންދާ ހަމަނުޖެހުންތައް މެދުކަނޑާލަން އެޤައުމުގެ ސަރުކާރުން އިދިކޮޅު ފަރާތްތަކަށް ގޮވާލާ، ސަރުކާރުން ދެމުންދާ ޙަމަލާތައް މެދުކަނޑާލުމަށް އެއްބަސްވެފައިމިވަނީ އެޤައުމުގައި ހިނގަމުންދާ ދާޙިލީ ހަމަނުޖެހުން ހުއްޓުވުމަށް އެމެރިކާއާއި ރަޝިޔާ ގުޅިގެން ސޫރިޔާ ސަރުކާރާއި އެޤައުމުގެ އިދިކޮޅު ވަކިވަކި ޖަމާޢަތްތަކަށް ބާރުއަޅަމުންގެންދާ ދަނޑިވަޅެއްގައެވެ.

ސޫރިޔާގައި ހިނގަމުންދާ ހަމަނުޖެހުންތައް ހުއްޓުވުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޤައުމުގެ ސަރުކާރުން ނިންމި މި ނިންމުމާއެކު އެޤައުމުގެ ގިނަ ސަރަޙައްދުތަކެއްގައި ދެމުންގެންދިޔަ ޙަމަލާތައް ހުއްޓުމަށް އެއްބަސްވެވިފައިވީނަމަވެސް، ޙަމަލާތައް ހުއްޓުވުމުގެ މި އެއްބަސްވުމުގައި ސޫރިޔާގެ ޙަލަބު ހިމެނިފައިވާނުވާ ކަމަށް ޚަބަރުލިބެއެވެ. ސޫރިޔާ ސަރުކާރުން ދެމުންގެންދާ ޙަމަލާތައް ހުއްޓާލުމަށްވި އެއްބަސްވުމުގައި ހިމެނޭ މުހިއްމު ސަރަޙައްދުތަކުގެ ތެރޭގައި، މިހާރުވެސް ވަރުގަދައަށް ޙަމަލާތައް ބަދަލުކުރަމުންދާ، ވެރިރަށް ދިމިޝްކު އަދި އެޤައުމުގެ އުތުރުގެ ލަޓާކިއާ ސަރަޙައްދު ހިމެނެއެވެ.

ޙަމަލާތައް ހުއްޓާލުމަށް މިފަހަރު މިވެވުނު އެއްބަސްވުމަކީ އެޤައުމުގެ އެކި ފަރާތްތަކުގެ މެދުގައި ކުރިން ވެވުނު އެއްބަސްވުމާއި ޙިލާފަށް އެކި ފަހަރު މަތިން ސަރުކާރާއި އިދިކޮޅު ހަނގުރާމަވެރިން ޙިލާފުވުމާ ގުޅިގެން ހުއްޓިފައިވާ އެއްބަސްވުން އިއާދަކުރުމަށް އެމެރިކާއާއި ރަޝިޔާ ގުޅިގެން ކުރި މަސައްކަތުން ޙާސިލްކުރެވުނު ނަތީޖާއެއް ކަމަށް އެމެރިކާއިން ބުނެއެވެ. އަދި މިކަން ޙާސިލް ކުރެވުނީ ރަޝިޔާއާ ގުޅިގެން އެޤައުމުން މިކަމުގައި ޝާމިލްވާ ފަރާތްތަކަށް ޕްރެޝަރ ކުރެވުމުން ކަމަށްވެސް އެމެރިކާއިން ބުނެއެވެ.

ސޫރިޔާގެ ޙަލަބުގެ ވަށައިގެންވާ ސަރަޙައްދުތަކުގައި ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެވިފައިވާއިރު، ސަރުކާރު ސިފައިން ވަނީ އިދިކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށުގައިވާ މި ސަރަޙައްދުގައިވާ ތިން ކްލިނިކަކަށް އަމާޒުކޮށް ޙަމަލާތަކެއް ދީފައެވެ. މި ސަރަޙައްދަށް ދެވުނު ޙަމަލާތަކުގައި އެއްވެސް މީހަކު މަރުވިކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައިނުވިނަމަވެސް، މި ޙަމަލާތަކުގެ ސަބަބަން އެތައް ބަޔަކަށް އަނިޔާވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ސޫރިޔާގެ އަސްކަރިއްޔާއިން ވަނީ މި ހަމަލާތައް ދިނުމުގައި އަސްކަރިއްޔާގެ ބައިވެރިވުމެއް ނުވާ ކަމަށް ބުނެ، މިކަމުގެ ތުހުމަތު ޓެރަރިސްޓުންގެ ބޮލުގައި އަޅުވާފައެވެ. މިހަފްތާ ކުރީކޮޅު ސޫރިޔާގެ ސުއްކަރީ ސަރަޙައްދަށް ވައިގެ މަގުން ދެވުނު ޙަމަލާތަކެއްގައި ފަންސާހަކަށް މީހުން މަރުވެފައިވާއިރު، މިޙަމަލާތަކުގައި ދެ ޑޮކްޓަރަކުވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރސް ވިތައުޓް ބޯރޑާރސްއިން މަޢުލޫމާތުދެއެވެ. ވޭތުވެދިޔަ ހަފްތާގައި ޙަލަބުގައި ސަރުކާރާއި އިދިކޮޅު ފަރާތްތަކުގެ މެދުގައި ބަދަލްކުރެވުނު ޙަމަލާތަކުގައި ދުއިސައްތައެއްހާ އާއްމުން މަރުވެފައިވެއެވެ.