ޚަބަރު

އައްޑޫ ސިޓީގެ ޚިދުމަތްތެރިން ރަށުގައި އުޅެވޭނެ ގޮތެއް ހޯދައިދޭންޖެހޭ: ޞާލިހު


  • ކޮންމެ ދާއިރާއަކަށް ބެލިކަމުގައިވިޔަސް ޙިދުމަތްތެރިން ގިނަކަމަށް ވިދާޅުވި

އައްޑޫ ސިޓީއަކީ ޚިދުމަތްތެރި ބޭފުޅުން ގިނަ ސިޓީއެއް ކަމަށާއި އެ ބޭފުޅުންނަށް އެ ސިޓީގައި ދިރިއުޅެވޭނެ ގޮތެއް ހޯދައިދޭންޖެހޭކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ އެޑްވައިޒަރު އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިހު މިހެން ވިދާޅުވީ އެމްޑީޕީގެ ކެމްޕޭން ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހުޅުމީދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ޞާލިހު ވިދާޅުވީ އައްޑޫ ސިޓީއަކީ ފަޚުރުވެރި ތާރީހެއް އޮތް ސިޓީއަކަށްވާއިރު އެ ސިޓީއަކީ ޤައުމަށް އެތައް ޚިދުމަތްތަކެއް ކޮށްދީފައިވާ އެތައް ދަރިންނެއް އުފަން ކުރުވި ފަސްގަނޑެއް ކަމަށެވެ. އެގޮތުން، ކޮންމެ ދާއިރާއަކުން ބެލިކަމުގައިވީ ނަމަވެސް އިސް ސަފުގައި އެ ސިޓީގެ ރައްޔިތުން މަސައްކަތް ކުރަމުންދާ ކަމަށާއި އެ ބޭފުޅުންނަށް ރަށުގައި ދިރިއުޅެވޭވަރަށް އައްޑޫ ސިޓީ ތަރައްގީ ކުރަން ޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޞާލިހު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން އައްޑޫ ސިޓީގެ ވަށާޖެހޭ ތަރައްގީއަށް މަސައްކަތް ފަށާފައިވާކަމަށާއި އަދި އެކަމުގެ ފައިސާ އިގްތިސާދަށް ކުރާނެކަމަށެވެ.

"ރިސޯޓް ހަދަން ރަށްތައް ހިއްކުމާއި ގެސްޓްހައުސް ހެދުމަށް ބޭނުންވާ ބިން ހޯދައިދިނުމާއި ފައިނޭންސް ކޮށްދިނުމާއި އެއަރޕޯޓް ތަރައްގީ ކުރުމާ، މި ހުރިހާ ކަމަކީވެސް އިގްތިސާދާ ވަރަށް ބޮޑަށް ގުޅިފައި އޮތް ކަންތައްތަކެއް. އަޅުގަނޑު ހިތުން މި މަސައްކަތްތައް ރަނގަޅަށް ކުރެވިއްޖެއްޔާ މި ސިޓީއަށް ދިރުން ލިބޭނެ،" ރައީސް ޞާލިހު ވިދާޅުވިއެވެ.

ޞާލިހު ވިދާޅުވި އެމްޑީޕީ އުފެދުނީއްސުރެ އެ ޕާޓީގެ އިސް ސަފުގައި އައްޑޫގެ ރައްޔިތުން މަސައްކަތް ކުރާ ކަމަށެވެ. އަދި އެއީ އެ ސިޓީ ތަރައްގީ ކުރުމަށް ލިބޭނެ ފުރުސަތެއް ކަމުގައި ދެކިގެން މަސައްކަތް ކުރާ ރައްޔިތުންތަކެއްކަމަށްވެސް ޞާލިހު ވިދާޅުވިއެވެ.