މުނިފޫހިފިލުވުން

ވާހަކަ: ބަދަލުކޮށްލި ޙަޔާތް....


  • މިއީ ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ ކުރުވާހަކަ މުބާރާތުގައި ބައިވެރިކޮށްފައިވާ ވާހަކައެއް

  • ލިޔުއްވީ: ޢާއިޝަތު ފަރުޙާ ޢަބްދުﷲ،ތ.ހިރިލަންދޫ/ފަރުދާގެ

  • ހުށަހެޅުއްވީ: ޢަރީޝާ ފަރުޙަތު/ހ.ހަމަރޯޅި

  • އޮންއެއަރކުރާ ދުވަސް: 06.04.2024

އަހަންނަކީ އެންމެ ކުޑައިރުއްސުރެވެސް މިނިވަންކަމާއެކު ޖައްވުގައި އުދުހި އުޅޭ ކޮކާލެއް ފަދައިން ނުހަނު މިނިވަންކަމާއެކުގައި އުޅުނު ކުއްޖަކީމެވެ. މިކަމުގެ އެންމެ ބޮޑު އެއް ސަބަބަކީ އަހަންނަކީ ދެމަފިރިއެއްގެ ހުރި ހަމަ އެކަނި ދަރި ކަމަށް ވުމެވެ. ކަންމިހެން އޮތުމާއެކު އަހަރެންގެ މައިންބަފައިން އަހަންނަށް އަހަރެން ބޭނުންވާ ހުރިހާ އެއްޗެއް ހޯދައިދީ ބޭނުންވާހާ ކަމެއްކޮށްދެއެވެ. ނަމަވެސް އެކަހަލަ އެހެން ކުދިންނާ ޚިލާފަށް އަހަރެން ބޮޑުވަމުންއައީ ދީން އުނގެނި ދަސްކުރަމުންނެވެ. އަދި އަހަރެން ހިނގަމުންދިޔައީ ހެޔޮ މަގުންނެވެ. ސަބަބަކީ އަހަރެންގެ ބައްޕައަކީ ދީނަށް އިންތިހާއަށް ލޯބިކުރާ މީހަކަށްވުމާއެކު އަހަންނަށް އަބަދުވެސް ނަމާދުކޮށް ޤުރުއާން ކިޔަވަން ބުނެދީ ހަނދާންކޮށްދެމުން ދިޔަކަމެވެ. އެކަމުގެ ސަބަބުން އަހަރެންގެ ގައިގައި ބޮޑާވުމާއި ކިބުރުވެރިވުމުގެ ނުބައި ސިފަ ހަރުލާފައެއް ނުވެއެވެ. މިކަމަށްޓަކައި އަހަރެން މާތްﷲ އަށް ޝުކުރު ނުކުރާ ދުވަހެއް ނުދާނެއެވެ.

އަހަންނަށް ހައްދެނެތް މިންވަރަށް ލިބެމުންދިޔަ މަންމަގެ ލޯތްބަށް ބަދަލެއް އައީ އަހަރެންގެ އުމުރުން 13 އަހަރުގައި މަންމަ ދެވަނަ ދަރިފުޅު ވިހި ހިސާބުންނެވެ. އެއީ އަހަރެންގެ އަލި ހަޔާތުގައި، ކަޅު ފުސްގަނޑެއްނެގި ދުވަހެވެ. އެދަރިފުޅު ލިބުމަށްފަހު، މަންމަ އަހަންނަށް ލޯބިން، ދަރިފުޅާއޭ ކިޔާ ގޮވާނުލައެވެ. މަންމަ ވިހުމުން ގޭގެ ހުރިހާކަމެއް ކުރަމުން ދިޔައީ ބައްޕައެވެ. އަހަރެންވެސް ބައްޕައަށް އެހީތެރިވުމުގައި ގިނަ ވަގުތުތައް ހޭދަކުރީމެވެ.

އަހަންނަށްވުރެ 13 އަހަރު ކުޑަ، ކޮއްކޮގެ ފަރާތުން ފުރަތަމަ ފަހަރަށް ތަފާތުތަކެއް ފެންނަން ފެށީ ކޮއްކޮގެ އުމުރުން ދޮޅު އަހަރުވާން ގާތްވެފައި ވަނިކޮށެވެ. އެހެން ކުދިންހެން ކޮށިކޮށް ނަމަވެސް ކޮއްކޮ ބަހެއް ނުކިޔުން ވެގެން ދިޔައީ، ކޮއްކޮ ޑޮކްޓަރަށް ދައްކަން އަހަރެމެންނަށް މަޖުބޫރުވި ސަބަބަކަށެވެ. އެހެންކަމުން މަންމަމެން ކޮއްކޮ ގޮވައިގެންގޮސް ޑޮކްޓަރަށް ދެއްކިއެވެ. ލިބުނީ އަހަރެމެންގެ އެކަކުވެސް ދުވަހަކުވެސް އަޑުއަހަން ބޭނުންވި ޚަބަރެއް ނޫނެވެ. އާނއެކެވެ. ކޮއްކޮވީ އަޑު ނީވޭ، މަންމަން ކުއްޖަކަށެވެ. އަހަރެމެންގެ ހަޔާތަށް އައި ކުއްލި ލޮޅުމެއް ކަމުގައި އެ ޚަބަރު ވެގެން ދިޔައެވެ.

އޭގެ ހަފްތާއެއްހާ ދުވަސް ފާއިތުވެގެން ދިޔައިރު އަހަންނަށް މަންމަގެ ފުށުން ފެނުނީ ވަރަށް ހައިރާންކުރުވަނިވި ޢަމަލު ތަކެކެވެ. ކުރީގައި ކޮއްކޮގެ ގައިގައި އަހަރެން ލޯބިން ފިރުމާލަންވެސް ޖެހެނީ މަންމައައް ވަގަށެވެ. މަންމައަށް އެނގިގެން ކޮއްކޮގެ ގައިގައި އަތްވެސް ޖައްސާނުލެވެއެވެ. ނަމަވެސް މިހާރު ކޮއްކޮގެ ކަންކަންވެސް ގިނަ ފަހަރަށް ކުރުވަނީ އަހަރެން ލައްވައެވެ. ފެންވަރުވައި، ކާންދީ، ނިންދަވަނީވެސް އަހަންނެވެ. ނަމަވެސް އަހަރެން ސްކޫލުގައި އުޅޭ ގަޑީގައި މަންމަވެސް ކޮއްކޮގެ ކަންކަން ކުރެއެވެ. އެކަމަކު، ކޮއްކޮގެ ކަންކަމުގައި ކުރިން ބަހައްޓާ ފަރުވާ، މިހާރު ނުބަހައްޓާކަންވެސް ފާހަގަ ކުރެވުނެވެ. ކޮއްކޮއަކީ އެހެން ކުދިންނަށްވުރެ ޚާއްޞަ އެހީއަށް ބޭނުންވާނެ ކުއްޖެއްކަން އަހަންނަށް ވިސްނޭތީ، ދުވަހަކުވެސް ކޮއްކޮ ބާކީކޮށް ދެރަކޮށް ނުލުމަށް އަހަރެން ޢަޒުމު ކަނޑައެޅީމެވެ. އަދި އަބަދުވެސް ކޮއްކޮގެ ގާތުގައި ވުމަށް އެދި ދުޢާކުރީމެވެ.

އަހަރެންގެ ކޮއްކޮއަކީ ވާހަކަނުދެއްކޭ ކުއްޖަކަށްވިޔަސް އަހަރެން، އަހަރެންގެ ކޮއްކޮދެކެ އިންތިހާއަށް ލޯބިވީމެވެ. މާތްﷲގެ އިރާދަފުޅާއެކު، އަޑު ނީވުމާއި ވާހަކަ ނުދެކެވުން ފިޔަވައި އިތުރު އުނި ސިފައެއް ކޮއްކޮގެ ނެތެވެ. މިކަމަށްޓަކައި އަހަރެން މާތް ﷲއަށް ހަމްދުކުރީމެވެ. ކޮއްކޮއަކީ ތޫނުފިލި ކުއްޖަކަށްވުމާއެކު، ކަންކަން އަވަހަށް ނަގައިގަންނަންވެސް ކޮއްކޮއަށް ވަރަށް ފަސޭހައެވެ.

އެ އަހަރަކީ ކޮއްކޮއަށް 3 އަހަރު ފުރޭ އަހަރެވެ. އެއީ އާންމުކޮށް ކުދިން ސްކޫލަށް ވައްދާ އަހަރެވެ. ނަމަވެސް ކޮއްކޮއަށް ސްކޫލަށް ދިއުމުގެ ފުރުސަތު މަންމަ، ހޯދައެއް ނުދިނެވެ. ކޮއްކޮ ސްކޫލަށް ނުދިޔައީ ދާހިތްނުވާތީއެއް ނޫނެވެ. އަހަރެން ބައްޕަގެ ގާތުގައި ކޮއްކޮ ސްކޫލަށްލާ ވާހަކަ ދެއްކުމުން އެކަމަށް އިންކާރުކުރީ މަންމައެވެ. އަޑު ނީވޭ ކުއްޖަކަށް ސްކޫލަށް ގޮސްގެންވާނޭ ފައިދާއެއް ނެތޭ ބުނިއިރު، އަހަންނާ ބައްޕައާއި ދެމީހުން ތިބީ އަންތަރީސްވެފައެވެ. އެއީ ހަމަ މަންމަހެއްޔޭ ހިތަށް އެރިއެވެ. އެވަގުތު އަހަންނަށް އިހްސާސްކުރެވުނީ މަންމަގެ ބަދަލުވެފައިވާ މިޒާޖެވެ. އަހަރެންގެ ލޯމައްޗަށް ސިފަވީ މަންމަ، ކޮއްކޮގެ އަތުން ދޫކޮށްނުލާ އުޅުނު ދުވަސްތަކެވެ. ކޮއްކޮ ނުފެންނަ ހިސާބަށް ދާންވެސް މަންމަ ފަސްޖެހޭ ފަސްޖެހުމެވެ. މި ހުރިހާ ކަމެއް އަހަރެންގެ ލޯމައްޗަށް ސިފަވުމާއެކު އަހަރެންގެ ލޮލަށް ކަރުނަތައް ޖަމާވިއެވެ. ބައްޕައަށް އެތަން ނުދައްކަންވެގެން އަހަރެން އެތަނުން ދިޔައީވެސް ކުދިކުދިވެފައިވާ ހިތަކައިގެންނެވެ.

ދުވަސްތައް އެގޮތުގައި ފާއިތުވަމުންދެއެވެ. މަންމަގެ ރުޅިވެރި ބަސްތައް ކޮއްކޮއަށް އަމާޒުވާއިރު ކޮއްކޮއަށް އެބަސްތައް އަޑު ނީވޭ ކަން އެއީ ކޮއްކޮގެ ނަސީބޭ އަހަރެންގެ ހިތަށް އަރައެވެ. ބައެއް ފަހަރު މަންމަގެ ބަހުރުވައާއި އަޑުގެ ހުންނަ ނަފްރަތު އިޙްސާސްކުރެވި އަހަންނަށް ވެސް ކޮއްކޮއެކޭ އެއްފަދައިން އަޑު ނީވޭ ނަމައޭ އަހަރެންގެ ހިތަށް އަރައެވެ. ކޮއްކޮ ނުކުޅެދޭ ކުއްޖަކަށް ވުމަކީ ކޮއްކޮގެ ކުށެއް ހެއްޔެވެ؟ ނުނީ އެއީ އަހަންނާއި ބައްޕަގެ ކުށެއް ހެންވެސް ބައެއް ފަހަރު މަންމަގެ ވާހަކަތަކުން ހީވެއެވެ. މަންމަ އަހަރެންނާއި ކޮއްކޮއާއިމެދު ކަންތައް ކުރާގޮތުން ބައްޕަވެސް ހުންނަނީ ވަރަށް ދެރަވެ މާޔޫސްވެފައެވެ.

އަހަރެން ގްރޭޑް 10 ގައި ކިޔަވަމުން ދިޔަ އަހަރެވެ. އެއް ރެއެއްގެ އިރުއޮއްސުނު ވަގުތެވެ. ސްކޫލުން އިތުރު ގަޑީގެ ކްލާސްތައް ނިންމާފައި އަހަރެން ގެއަށް އައިއިރު ގޭތެރެ ވަރަށް ހަމަހިމޭނެވެ. އަހަންނަށް ޔަގީންވީ ބައްޕަ ގޭގައި ނެތްކަމެވެ. މަންމަމެންގެ ކޮޓަރި ކައިރީގައި މަންމަގެ ފައިވާން ހުރުމުން މަންމަ އުޅޭކަން އެނގުނެވެ. އަހަރެން ގޮސް އަހަރެންގެ ކޮޓަރިއަށްވަދެ އަވަސްވެގަތީ ނަމާދު ކުރާށެވެ. އެއިރު

ކޮއްކޮވެސް އުޅެނީ ފޮތެއް ނަގައިގެން ކޮންމެވެސް އެއްޗެއް ލިޔުމުގައެވެ. އަހަރެން ނަމާދުކޮށް ނިމެންވާއިރަށް ކޮއްކޮ، ފޮތްތަކާއި ފަންސޫރާއި އެއްޗެހި ނަގައި އިތުރަށް ތައްޔާރުވެލީ، ކޮންމެރެއެއްގެވެސް ދެނަމާދުދޭތެރޭ ވަގުތަކީ އަހަންނަށް ލިބޭ ހުސްވަގުތު ކަމުގައި ވެފައި އެވަގުތުކޮޅު އަހަރެން ހޭދަކުރާނީ ކޮއްކޮއަށް ކިޔަވައިދޭންކަން ކޮއްކޮއަށް އެނގޭތީއެވެ. ނަމާދުކޮށް އަވަދިވެގެން އަހަރެން ކޮއްކޮއަށް ކިޔަވައިދިނުމަށްޓަކައި ކޮއްކޮގެ ގާތަށް، މޭޒު ދޮށަށް ދިޔައީމެވެ. އޭރު އަހަރެން ކޮއްކޮއަށް ތާނަ އަކުރާއި، ޢަރަބި އަކުރާއި، އިނގިރޭސި އަކުރުތަކުގެ އިތުރުން ހިސާބުގެ ބައެއް އަދަދުތައްވެސް ދަސްކޮށްދީފީމެވެ. ކޮއްކޮއާއެކުގައި ގިނަވަގުތު ހޭދަކުރާތީ އިޝާރާތުގެ ބަހުރުވައިން ކޮއްކޮއަށް ދޭހަވާ ވަރަށް މުޢާމަލާތުކުރަން އަހަންނަށް ވެސް އެނގެއެވެ. ކޮއްކޮގެ ހުރި ނުކުޅެދުންތެރިކަމަކީ ކޮއްކޮ މޮޅު ކުއްޖަކަށް ވުމަށް އެޅެން ޖެހޭނެ ހުރަހެއް ކަމުގައި އަހަރެން ނުދެކެމެވެ. އަހަންނަށް ވިސްނުނީ ސްކޫލަށް ނުދިޔައެއްކަމަކު ކިޔެވުމަކީ ކޮއްކޮއަށްވެސް ލިބިގެންވާ ހައްގެއް ކަމަށެވެ. އެހެންކަމުން އެއުމުރުގެ ކުދިންނަށް ކިޔަވައިދޭ އެއްޗެހި އަހަންނަށްވެސް ކޮއްކޮއަށް ކިޔަވައިދެވޭނެތީ، އަހަރެން ކޮއްކޮއަށް ކިޔަވައިދިނީއެވެ. އެއީ އަހަންނަށް ލިބޭ އުފަލެއްވެސް މެއެވެ.

ހަމައެރޭގެ ދަންވަރުގެ ވަގުތެއްގައި އަހަންނަށް ހޭލެވުނީ ފެން ބޮވައިގެންނެވެ. ކޮޓަރީގައި ހުންނަ ކުޑަ ޖަގުގައި ފެން ނެތުމުން އަހަންނަށް މަޖުބޫރުވީ ކޮޓަރިން ބޭރަށް ނުކުންނާށެވެ. އެހެންކަމުން އަހަރެން ކޮއްކޮ ނުހޭލާނޭހެން މަޑުމަޑުން ދޮރު ހުޅުވުމަށްފަހު ކޮޓަރިން ނިކުތީމެވެ. މަންމަމެންގެ ކޮޓަރީގެ ދޮރާދިމާއަށް އަހަރެން ހިންގާލި ނަޒަރާއެކު ލިބިގެން ދިޔައީ ކިއްލި ހައިރާންކަމެކެވެ. އެތަނުން އަހަންނަށް ފެންނަންޖެހޭ އެއްޗެއް ނުފެނުމުންނެވެ. އެހެންނަ މިހާ ދަންވަރު މަންމަ އެއްވެސް ތަނަކަށް ނުދެއެވެ. ނަމަވެސް މިރޭ މަންމަ ގޭގައި ނެތްކަން އަހަންނަށް ކަށަވަރުވީ މަންމަގެ ފައިވާން ކޮޓަރި ކައިރީގައި

ނެތުމުންނެވެ. ނަމަވެސް އަހަންނަށް އިތުރަކަށް ހަދާނެ އެއްވެސްގޮތެއް ނުވިސްނުނެވެ. ދެން އަހަރެން ފެން އަޅައިގެން ކޮޓަރިއަށް ދިޔައީ އެކަމާ އަޅާނުލުމަށް ނިންމައިގެންނެވެ.

އަނެއް ދުވަހުގެ އިރު އެރީ އަހަރެން ފުން ވަޅުގަނޑަކަށް ވައްޓާލަމުންނެވެ. އެދުވަހަކީ ފުރަތަމަ ފަހަރަށް މަންމަ އަހަރެމެންނާ ދޭތެރޭ ދެކޭގޮތް ހާމަވެ އެނގިގެން ދިޔަދުވަހެވެ. އެއީ މީހަކު ބުނި ބުނުމަކުން ނޫނެވެ. މަންމަ ގެއިން ނުކުމެގެން އެދިޔައީ އެކަން މާ ރީއްޗަށްވެސް ސާބިތުކޮށްދީފައެވެ.

އެދުވަހަށްފަހު އަހަރެންގެ މުޅި ހަޔާތް ބަދަލުވެގެންދިޔައެވެ. އަހަރެން ސްކޫލަށް ދިޔުމުން ގޭގެ ކަންކަން ކުރާށާއި ކޮއްކޮ ބަލަންވެސް ހުންނަނީ ހަމައެކަނި ބައްޕައެވެ. އަދި އާމްދަނީ ހޯދަންވެސް މަސައްކަތް ކުރަންޖެހެނީ ބައްޕައެވެ. އެހެންކަމުން ބައްޕައަށް ގޭގައި ގިނައިރަކު މަޑެއް ނުކުރެވެއެވެ. އަހަންނަށް އަހަރެންގެ ކިޔެވުން ދޫކޮށްލަން މަޖުބޫރުވީ ސަބަބަކީ މިއީއެވެ. ސާނަވީ މަރުހަލާގެ އެންމެ ފަހު އަހަރުގައި އެގޮތަށް ކިޔެވުން މެދުކަނޑާލަން ޖެހުމުން ވަރަށް ހިތްދަތިވިއެވެ. ނަމަވެސް އެއީ ﷲ ހިންމަވާފައިވާ އެންމެ ރަނގަޅު ގޮތަކަމަށް ޤަބޫލުކޮށް އަހަރެން އެކަމަށް ކެތްތެރިވީ ޤަޟާޤަދަރަށް އީމާންވަމުންނެވެ. ބައްޕަ މަސައްކަތަށް ދިއުމުން ގޭގެ ކަންކަން ކުރަން އަހަރެން ގޭގައި ހުރީމެވެ. އަދި ބައްޕަގެ ގާތު އެދިގެން ކޮއްކޮ ސްކޫލަށްވެސް ވެއްދީމެވެ. އަހަންނަށް މިހިސާބުން ކިޔެވުން ދޫކޮށްލަން މަޖުބޫރުވިޔަސް ކޮއްކޮއަށް ރަނގަޅު ތަޢުލީމެއް ހޯދައިދިނުމަށް އަހަރެންގެ ހިތުގައި ވަރުގަދަ ޢަޒުމް ކަނޑައެޅީމެވެ. މަންމައަށް އަހަރެމެން މުހިއްމު ނުވެގެން އަހަރެމެން ދޫކޮށްލާފައި ދިއުމަކީ އަހަރެމެންގެ ދިރިއުޅުން ހުއްޓުމަކަށް އަންނަންވީ ސަބަބެއްކަމަކަށް އަހަރެން ނުދުކެމެވެ. އަޑުއިވުމުގެ ކުޅަދާނަކަން ނެތް ކުދިންނަށްވެސް ކިޔަވައިގެން ރަނގަޅު ނަތީޖާއެއް ހޯދިދާނެކަން މަންމައަށް އަހަރެން ސާބިތުކޮށްދޭނަމެވެ. މިއީ އަހަރެންގެ ލަނޑުދަނޑިއެވެ.

ފުރާވަރު އުމުރުގައި މަންމައެއްގެ ޒިންމާ ނަގައިގެން އަންހެން ކުއްޖަކު ބެލުމަކީ ފަސޭހަކަމަކަށް ނުވިއެވެ. ވަރަށް ގިނަ ގޮންޖެހުންތައް ކުރިމަތިވެސް ވިމެއެވެ. ނަމަވެސް މާތް ﷲ ގެ އިރާދަފުޅުން އަހަރެންގެ ކޮއްކޮވީ މިޒަމާނުގެ ކުދިންނާ އަޅާ ބަލާއިރު ރަނގަޅު އަޚުލާޤުގެ ނަމޫނާއަކަށެވެ. ބައްޕަވެސް ދިރިއުޅުނީ އަހަންނާ ކޮއްކޮއާ އެކީގައި، މަންމަ އަހަރެމެންނަށް ނުދިން ލޯބި ދީގެންނެވެ. އަހަރެމެން ބަލައި ބޮޑުކޮށް ކޮއްކޮއަށް ކިޔަވައިވެސް އެ ދެނީ ބައްޕަގެ ބުރަ މަސައްކަތުންނެވެ. އޭރު އަހަންނަށް ކިޔަވައިނުދިނީ ބައްޕައަށް އެކަން ނުވެގެނެއް ނޫނެވެ. ނަމަވެސް އޭރު ބައްޕައާ ދެބުރަ އެއްފަހަރާ އުފުލަން ޖައްސަން އަހަރެން ބޭނުންނުވީއެވެ.

ކޮއްކޮގެ ސާނަވީ ތަޢުލީމުގެ ދުވަސްވަރުގައި ރާއްޖޭގައި އަޑު ނީވޭ ކުދިންނަށް ކިޔަވައިދިނުމުގައި ތަޢުލީމީ ނިޒާމުގައި ގިނަ ގޮންޖެހުންތަކެއް ހުރުމާއެކު ކޮއްކޮއަށް "ހިއަރިންގ އެއިޑް"އެއްގެ ބޭނުން ވަރަށް ބޮޑަށް ޖެހުނެވެ. ނަމަވެސް އަހަންނާއި ބައްޕަގެ މާލީ ގޮތުން އެހާ ފެންވަރެއް ނެތެވެ. ކޮއްކޮ އަޑު އެހުމަށް އިތުރު ވަސީލަތެއް ބޭނުންވާ ވާހަކަ ބުނި ދުވަހު އަހަރެން ވަރަށް ދެރަވިއެވެ. އެއީ އެކޮއްކޮއަށްޓަކައި އަހަރެންގެ ފުރާނަ ދޭން ޖެހުނު ކަމުގައި ވިޔަސް އަހަރެން އެއްވެސް ޝަކުވާއެއް ނެތި އެކަންވެސް ކުރީމުހެވެ. ނަމަވެސް އަހަރެމެންގެ އެހާވަރުގެ ތަނަވަސްކަމެއް ނެތޭ ބުނެ ކޮއްކޮގެ އުއްމީދުތައް ފުނޑުފުނޑުކޮށްލަން ޖެހުމަކީ އަހަރެންގެ ހިތް ކުދިކުދިވާނެ ވަގުތެކެވެ. ކޮއްކޮއަށް އެގޮތަށް ޖަވާބު ދޭނެހާ ހިތްވަރެއް އަހަރެންގެ ނެތެވެ. އެހެންކަމުން އަހަންނަށް އެވަގުތު ކޮށްފައި ހުރި އަސަރު މޫނުމަތިން ފޮރުވަމުން ހިނިތުންވެލަމުން އަހަރެން ކޮއްކޮއަށް ޖަވާބު ދިނީމެވެ. "ކޮއްކޮއަށް އަޑު އެހުމަށް އިތުރު ވަސީލަތެއް ބޭނުންވާނަމަ އިންޝާ ﷲ ކުރިއަށް އޮތް މަސްތެރޭގައި ދައްތަ ހޯދައިދޭނަން. ކޮއްކޮ އެކަމާ ހާސްނުވާތި. މިހާރުވެސް މަސައްކަތްކުރާ ގޮތަށް ތި ހިތްވަރާއެކު މަސައްކަތް ކުރާތި" އަހަރެންގެ އަޑު ބެދެން ފެށުމުން އަހަރެން ވާހަކަ ދެއްކުން ހުއްޓާލީމެވެ.

އެރޭ ނިދަން އޮވެ އަހަރެން އެކަމާމެދު ވަރަށް ވިސްނީމެވެ. ކޮއްކޮ އެބުނި އެއްޗެއް އެއީ އެހާ ފަސޭހައިން ހޯދައިދެވޭނެ އެއްޗެއް ނޫންކަން އަހަރެންވެސް ޤަބޫލުކުރަމެވެ. އެއީ ހެޔޮ އަގެއްގައި ލިބޭނެ އެއްޗެއް ނޫން ކަންވެސް އަހަންނަށް އެނގެއެވެ. ނަމަވެސް އަހަރެން ކޮއްކޮއަށް އޭތި ހޯދައިދޭނަމަވެ. އެއީ އަހަރެންގެ ވަޢުދެކެވެ. އެކަން ކުރާނެ ގޮތެއް އަހަރެންނަށް ވެސް ނޭނގެއެވެ. ނަމަވެސް ކޮންމެވެސް ގޮތެއް އަކަމަށް ވެސް އޮންނާނެތާއޭ ހިތަށް އަރައި، މާތް ﷲ އަށް ވަކީލުކޮށްލީމެވެ. އަނެއް ދުވަހުގެ އިރު އެރުމާއެކު އަހަރެން އަހަރެންގެ މަސައްކަތް ފެށީމެވެ. އެންސްޕާއިން އެކަމަށް އެހީއެއް ލިބޭތޯ ބެލީމެވެ. ރާއްޖޭގެ ބޮޑެތި ވިޔަފާރިވެރިންނަށް ސިޓީތައް ލިޔަންވެސް ފެށީމެވެ. ބައެއް މީހުން ވަރަށް އުފަލާއެކު އެހީތެރިކަން ފޯރުކޮށްދިނެވެ. އެފަދަ ދީލަތި މީހުންނާއި ސަރުކާރުން ލިބުނު އެހީގައި އަހަރެން ކޮއްކޮއަށް ވަޢުދުވީ ގޮތަށް މާތް ﷲގެ ހެޔޮ އިރާދަފުޅުން ޖެހިގެން އައި މަހުގައި ކޮއްކޮއަށް އެ ވަސީލަތް ހޯދައިދެވުނެވެ. އެދުވަހު ކޮއްކޮގެ މޫނުމަތިން ފެނުނު ހިނިތުންވުމާއި އުފާވެރިކަމަކީ އެ އުފަލަކަށްޓަކައި އަހަރެންގެ މުޅި ޖާނު ޤުރުބާންކޮށްލާނެ ފަދަ އުފާވެރިކަމެކެވެ.

ކޮއްކޮ ސާނަވީއާއި މަތީ ސާނަވީވެސް ނިންމާލީ ރާއްޖޭގެ މަތީ އަރުތަވެރިންގެ ތެރޭގައި ހިމެނި އެޝަރަފާއި އެކުގައެވެ. މަތީ ސާނަވީގެ ގަދަ 10 ގައި ހިމެނުމުން ރައީސުލް ޖުމްހޫރިއްޔާ ދެއްވާ ސްކޮލާޝިޕެއްގައި ޖެހިގެން އައި އަހަރު ކޮއްކޮ ކިޔަވަން ބޭރަށް ދިޔައެވެ. ކޮއްކޮ ކިޔަވަން ރާއްޖޭން ބޭރުގައި ހޭދަކުރި ދުވަސްތަކުގައި އަހަރެންވެސް، ކޮއްކޮ ކިޔަވާ ނިމިގެން އައުމުން ކިޔަވަންދާން ގަސްދުކޮށް ކުދިކުދި މަސައްކަތްކޮށްގެން ފައިސާ އެއްކުރީމެވެ. އަދި އެކިއެކި ޓިއުޝަން ކްލާސްތަކަށް ގޮސް ކިޔަވައިގެން އަމިއްލަ ގޮތުން ސާނަވީ އިމްތިހާނުގައި ބައިވެރިވެ ރަނގަޅު ނަތީޖާއެއްވެސް ހޯދީމެވެ.

ކޮއްކޮ ކިޔަވައި ނިމިގެން އައީ ކޮއްކޮ ކިޔެވި މުޅި ޔުނިވަރސިޓީއިން އެ ކޯހުން އެއްވަނަ ހޯދައިގެންނެވެ. ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ދެއްވާ ޝަރަފުވެރިކަމުގެ އިނާމުވެސް ކޮއްކޮއަށް ލިބިގެން ދިޔައެވެ.

ރާއްޖެއަށް އެކި ރޮނގުރޮނގުން ރީތި ނަން ހޯދައިދޭ ފަރާތްތަކުގެ އަގު ވަޒަން ކުރަން ބޭއްވި ޖަލްސާ އޮތް ރެއެވެ. ބައްޕައާއި ކޮއްކޮއާއި އެކުގައި އަހަރެން ދަރުބާރުގެއަށް ދިޔައީ ނުހަނު ފޮނި އުންމީދާއިއެކު ތެޅިތެޅި އޮތް ހިތަކާއެކުއެވެ. އެރޭ އެއީ އަހަރެން ވެސް ކޯހުގައި އޮސްޓްރޭލިއާއަށް ދާން ފުރަން ހަމަޖެހިފައި އޮތް ރެއެވެ. ކަން ދިމާކުރި ގޮތުން ނަސީބަކުން އަހަރެންގެ ޗެކް-އިން ނިމެނީ ކޮއްކޮގެ ޖަލްސާ ނިމޭތާ 20 މިނެޓް ފަހުންނެވެ. އެހެންކަމުން ކޮއްކޮގެ އެންމު އެފާވެރި ރޭގައި ކޮއްކޮއާއެކު ދެތިން ފޮޓޯވެސް ނަގާލުމުގެ ފުރިހަމަ އުންމީދުގައި އަހަރެން ދަރުބާުގެއަށް ދިޔައީވެސް ފުރަން ތައްޔާރުވެގެން ހުރިހާ ދަބަސްތައްވެސް ހިފައިގެންނެވެ.

އެރޭގެ ޖަލްސާއަށް ފަހު ކޮއްކޮއާއެކު ދެތިން ފޮޓޯގަނޑު ނެގުމަށްފަހު އަހަރެން އަވަސްވެގަތީ ފުރަން ދިޔުމަށެވެ. އަހަރެން ހަމަ ހިނގައިގަތްތަނުން ކޮއްކޮއާއި ބައްޕަ ކައިރިއަށް މީހަކު އައިސް ހުއްޓުނެވެ. އެއީ ކާކުތޯ ރަނގަޅަށް ބަލާނުލެވެނީސް ފެނުނީ އެމީހަކު ކޮއްކޮގެ ގައިގައި ބައްދާލުމަށްފަހު ރޯންފެށި މަންޒަރެވެ. ރޮމުންރޮމުން އެމީހާ ބުނެލި ޖުމްލައިން އެއީ ކާކުކަން އެނގި އަހަރެންގެ ވަށައިގެންވާ މަންޒަރު ހުއްޓުމަކަށް އައިކަހަލަ އިޙްސާސެއް ކުރެވުނެވެ. އާނއެކެވެ. އެއީ އެމީހަކަށް އަހަރެމެންގެ ދެބެން ބުރައަކަށް ވެގެން، އަހަރެމެން ދޫކޮށްލާފައި ދިޔަ އަހަރެމެންގެ މަންމައެވެ. މަންމައަށް މަޢާފްކުރާށޭ ކިޔާ ރޮމުން ދިޔަ ގޮތުން އަހަރެމެން ބޭރު މަތިން ދައްކާފައިވާ ހިލަ ހިތް ވަގުތުން ވިރިގެން ދިޔަކަހަލައެވެ. ކެތްނުކުރެވިގެން މަންމަގެ ގައިގައި ބައްދާލަން ދާން އަހަރެންވެސް ބޭނުންވިއެވެ. ނަމަވެސް އޭރު ޓެކްސީވެސް އައިސް އޮތުމުން އަހަރެން ޖެހުނީ ހިތާ ދެކޮޅަށްވެސް އެތަނުން ނުކުމެގެން ދާށެވެ. އޭރު ފުރިއުތުރި އަރަމުން ދިޔަ ޖަޒުބާތާއެކު ކަރުނުން އަހަރެންގެ ލޯ ތެމެމުން ދިޔައެވެ. އެއީ ދިގު އިންތިޒާރާއެކު ކަރުހިއްކައިގެންފައި ތިބި އަހަރުތަކަށް ފެންފޮދެއްގެ ފިނިކަން އިޙްސާސްކުރެވުނު ވަގުތެވެ. އަހަރެމެންގެ އުންމީދުތަކާއި ހުވަފެންތައް ފުރިހަމަވާއިރު، އެކަމުގެ އުފަލުގައި ބައިވެރިވާން ބައްޕަގެ އިތުރުން މަންމަވެސް

ވުމަށް އެދި އަބަދުވެސް ދުޢާ ކުރެވުނެވެ. މާތް ﷲއަށް ޙަމްދުހުއްޓެވެ. ނަމަވެސް އެ އުފާވެރި ވަގުތުގެ ފުރިހަމަ އުފާ ލިބިގަންނަން މަޑުނުކޮށް ދާން ޖެހުމުން ހިތާ ހިތުން އެކަމާ ޝަކުވާވެސް ކުރެވުނެވެ.

އެރޭ މަތިންދާބޯޓުގައި އިނދެވެސް އަހަންނަށް ވިސްނެމުން ދިޔައީ މަންމަ އެނބުރި އަހަރެމެންގެ ޙަޔާތަށް އައުމުގެ އުފަލާ މެދުގައެވެ. އެރޭ އަހަރެން ފެށި ދަތުރަކީ ކިތަންމެ ކިޔަވާ ހިތުން ފެށި ދަތުރެއްކަމުގައި ވިޔަސް ތެދުތެދަށް ބުނާނަމަ އެރެއިން އެރެއަށް އެދަތުރު ނިމި އަނބުރައި މަންމަމެން ގާތަށް ދެވޭނެނަމައޭ ވެސް ހިތަށް އެރިއެވެ. އަހަރެން ހުރީ އެހާވެސް ބޮޑަށް އެ މަންމަގެ ލޯބި ބޭނުންވެފައެވެ.

ބޭރުގައި ކިޔެވުމަށް ހޭދަވީ 3 އަހަރު އެއީ އަހަރެންގެ މުޅި ޙަޔާތުންވެސް އައި އެންމެ ދިގު 3 އަހަރެވެ. އާއިލާއާއި ދުރުގައި، ލޯބިވާ ކޮއްކޮއާއި ބައްޕައާއި ދުރުގައި އެގޮތަށް އެހާ ދިގު މުއްދަތެއް ހޭދަކުރުންވީ ވަރަށް ފޫހި އަދި ވަރަށް އުނދަގޫ ކަމަކަށެވެ. ވަކިން ޚާއްސަކޮށް މިހާރު މަންމަވެސް ގޭގައި އުޅޭނެޔޭ ހިތަށް އަރައި ގެއަށް ދާން އަހަރެންގެ ޟަމީރު އެދި ގޮވާތީ ދުވަސްތައް ފާއިތުވާލެއް ލަސްކަން އިތުރަށް އިޙްސާސްކުރެވެމުން ދިޔައެވެ. ނަމަވެސް އެއިން އެއްވެސް ކަމަކުން އަހަރެންގެ ކިޔެވުމަށް އެއްވެސް އަސަރެއް ކުރިޔަކަ އަހަރެން ނުދެމެވެ. ކިޔަވައިގެން ރަންވަނަތައް ހޯދުމަކީ އަބަދުވެސް އަހަރެންގެ ހުވަފެނެކެވެ. އެހުވަފެން ބިލާހަކަށް އަހަރެން ނަހަދާނަމެވެ. މި ނުގުޑާފަދަ ޢަޒުމުގައި އަހަރެން ކިޔަވަމުން މަންމައާއި ކޮއްކޮއާއި ބައްދަލުވާނެ ދުވަހަކަށް އިންތިޒާރުކުރަމުން ކަލަންޑަރުން ދުވަހަކަށް ފަހު ދުވަހެއް، މަހަކަށް ފަހު މަހެއް ކަނޑަމުން ދިޔައީމެވެ.

ކޮއްކޮއަށް ވީޑިއޯ ކޯލްކޮށް ބައްޕައާއި ވާހަކަ ދެއްކުމަކީ އަހަރެންގެ ކޮންމެ ދުވަހެއްގެ ވެސް އާދައަކަށް ވިޔެއެވެ. ނަމަވެސް އެންމެ ފަހަރަކުވެސް ވީޑިއޯ ކޯލަކުންވެސް މަންމަ ފެންނަ ގޮތެއް ނުވެއެވެ. ކޮއްކޮ

މަންމައަށް ގޮވުމުންވެސް މަންމައަށް ވާހަކަދައްކަން ހުރެވޭކަށް ނެތް ކަމަށް ބުނެ މަންމަ އަހަންނާ ވާހަކަ ދައްކާލަންވެސް ނާދެއެވެ. ވަރަށް ހިތުގައި ޖެހެއެވެ. އެހާމެ ގިނަ ޝަކުވާތައްވެސް ހިތުގައި އުފެދެމުން ދިޔައެވެ. އަހަރެންދެކެ މަންމަ މިހާރު ލޯބި ނުވަނީ ހެއްޔެވެ؟ ކޮއްކޮ ލިބުމުގެ ކުރިން މަންމަ އަހަރެންދެކެ ނުލާހިކު ލޯބިވިއެވެ. ނަމަވެސް މިހާރު އެ ލޯބި ކޮބާ ހެއްޔެވެ؟ އަހަރެންނަށް އެލޯބި ލިބޭފަދަ ކާމިޔާބީއެއް ހޯދިފައި ނެތީ ހެއްޔެވެ؟

ކޮއްކޮއަށްވެސް މަންމަގެ ލޯބި އެހާ ދުވަހަށް ފަހުވެސް އެލިބުނީ ކޮއްކޮ ވަރަށް ބޮޑު ކާމިޔާބީއެއް ހޯދީމަތާއޭ އަހަރެންގެ ހިތަށް އެރިއެވެ. އެހިސާބުން އަހަރެންގެ ޢަޒުމު އިތުރަށް ވީ ވަރުގަދައެވެ. ކޮއްކޮ ހޯދިފަދަ ޝަރަފެއް އިންޝާﷲ އަހަރެންވެސް ހޯދާނަމެވެ. ހަމައެކަނި މަންމައަށްޓަކައެވެ. އެ ލޯތްބަށްޓަކައެވެ.

ކިޔުވުމަށް ގިނަ ވަގުތު ހޭދަކުރުމަށްޓަކައި ކޯހުގެ ޗުއްޓީ ދުވަސްތަކުގައިވެސް ރާއްޖެއަށް ނުގޮސް އަހަރެން ކިޔެވުމުގައި 3 އަހަރު އޮސްޓްރޭލިއާގައި ހޭދަކުރީމެވެ. އަހަރެންގެ ހުވަފެންތަކުގައި ކުލަޖައްސަމުން ކޮއްކޮ ހޯދިފަދަ ޝަރަފަކާއެކު އަހަރެން ކޯސް ނިންމައި ރާއްޖެއަށް އައީމެއެވެ. އަހަރެންނާއި އަހަރެން ފަދައިން އެކިއެކި ވަނަތައް ހޯދި ދަރިވަރުންގެ ޝަރަފުގައި ބޭއްވި ޖަލްސާ އޮތީ އަހަރެން ހަމަ ރާއްޖެއަށް އައި ދުވަހުގައެވެ.

މާލެ އައިސް ގެއަށް ދިޔަ ގޮތަށް އަހަރެން ބެލީ މަންމަ ކޮބާތޯއެވެ. ނަސީބު ދެރަކަމުން މަންމައާއި ގޭތެރެއިން ދިމާވާ ގޮތެއް ނުވއެވެ. ޖަލްސާއަށް ވަގުތު ކުޑަތަން ވަމުން ދިޔުމުން އަހަންނާއި ކޮއްކޮއާއި ބައްޕަވެސް އުޅުނީ އަވަހަށް ތައްޔާރުވެގެން ޖަލްސާއަށް ދެވޭތޯއެވެ.

އެރޭވެސް އަހަރެން ޖަލްސާއަށް ދިޔައީ ޖަލްސާގެ މާލަމުން މަންމައާއި ބައްދަލުވުމުގެ ފޮނި އުންމީދުގައެވެ. ޖަލްސާ ފެށިގެން، ދިވެހިރާއްޖެއަށް ޝަރަފުވެރި އެކިއެކި ވަނަތައް ހޯދައިދިން ފަރާތްތަކުގެ ނަންތައް އިއުލާނު ކުރަމުންގޮސް އަހަންނާ ޖެހުނެވެ. އަހަރެންވެސް އެހެން ކުދިންނެކޭ އެއްފަދައިން އިނާމާ ހަވާލުވާން ސްޓޭޖަށް އެރީ ނުހަނު އުފަލުންނެވެ. މުޅި ތަން ތަރުޙީބުގެ އަތްތިލަބަޑީގެ އަޑުން ގުގުމާލާފައިވާއިރު އެންމެންގެ ނަޒަރު ހުރީ އަހަރެންނަށް ހުއްޓިފައެވެ. ނަމަވެސް އަހަރެންގެ ނަޒަރު ހޯދަމުން ދިޔައީ ހަމަ އެންމެ ސޫރައެކެވެ. މަންމަގެ ހިނިތުންވެފައިވާ މޫނު ފެނިލުމަށް އަހަރެންގެ ލޯ ސަލާންޖަހަމުން ދިޔަކަހަލައެވެ. އަހަރެންގެ ކަޅި އަވަސް ހަރަކާތްތަކާއެކު މުޅި ހޯލުގެ ހުރިހާ ގަނޑިއަކަށް ނަޒަރު ހިންގަމުން ދިޔައެވެ. އިނާމު ހިފައިގެން ފައިބަމުން އަހަރެން ކޮއްކޮއާއި ދިމާލަށް ސުވާލުގެ ނަޒަރަކުން ބަލައިލީމެވެ. ކޮއްކޮއަށް އަހަރެންގެ އިޝާރާތް ފުރިހަމައަށް ފަހުމްވިއެވެ. ޖަވާބުގައި ކޮއްކޮ ބޯ ހޫރާލަމުން މަންމަ އެ ޖަލްސާއަށްވެސް ނާންނަ ވާހަކަ ބުނެލިއެވެ. އަހަރެންނަށް ރޮވެން ފެށުމުން، އިސްޖަހާލަމުން ކަރުނަތައް ފޮރުވާލީމެވެ.

ޖަލްސާ ނިމިގެން ވަނަވަނަ ހޯދި ކުދިންގެ ޢާއިލަތަކުން ފޮޓާ ނަގަމުން ދިޔައިރުވެސް އަހަރެންގެ ނަޒަރު ހުއްޓިފައި ހުރީ މާލަމުގެ ދޮރާ ދިމާއަށެވެ. ހިތް ބުނެއެވެ. އިރުކޮޅަކުން އެދޮރުން މަންމަ ވަދެގެން އަންނާނެއެވެ. މަންމަގެ އެންމެ ދޮށީ ދަރިފުޅަށް މިފަދަ ކާމިޔާބީއެއް ލިބޭ ވަގުތަކު މަންމައަށް ދުރުގައި ހުރެވޭނީ ކހިނަކުން ހެއްޔެވެ؟ ޔަޤީނެވެ. މަންމަ އަދި އަންނާނެއެވެ. އަހަންނާއެކު ފޮޓޯ ވެސް ނަގާނެއެވެ. އެއީ އަހަރެންގެ ހިތް އަހަރެންނަށް ވިސްނައިދެމުން ދިޔަ ގޮތެވެ. ބައްޕައާއި ކޮއްކޮ އަހަރެން ކައިރި ފޮޓޯ ނަގަން ދާން ބުނުމުންވެސް މަންމަ އަންނަންދެން އަދި އިރުކޮޅަކު މަޑުކޮށްލަން އަހަރެން ބުނީމެވެ. މާލަމުން މީހުންތައް ހުސްވާން ފެށުމުން ބައްޕަވެސް އަވަސްކުރަން ބޭނުންވިއެވެ. ބައްޕަ އާދޭސް ކުރަން ފެށުމުން އަހަރެން ބޮޑާހާކާލީމެވެ. އެކަމާ ބައްޕަ ކުޑަކޮށް ހިންހަމަވެސް ނުޖެހުނެވެ. "ބަލަ ދަރިފުޅު ތީ މިހާރު ކުޑަ ކުއްޖެއް ނޫން. ތިހެން ބޮޑާ ހާކަން މިތާ ނުތިބެވޭނެންނު." ބައްޕަގެ ރާގު ހުރި ގޮތުން އަހަރެން އިތުރަށް މާޔޫސްވިޔެވެ. "ބައްޕާ! ކީއްވެތަ މަންމަ ނައީ؟ ކީއްވެތަ މަންމަ އަހަރެންދެކެ ލޯބި

ނުވަނީ؟ އަހަރެންވެސް މީ އެމަންމަގެ ދަރިއެއް ނޫންތަ؟" އަހަރެންގެ ޝަކުވާތައް އޮއްސާލީމެވެ. އަހަރެން ކިޔެވި ޔުނިވާސިޓީއިން މުޅި ކޯހުން އެއްވަނަ ހޯދައި މުޅި ރާއްޖެ ފަޚުރުވެރިވާ ފަދަ ދަރިއަކަށް މިއަދު އަހަރެން ވީ އިރުވެސް އެ މަންމަގެ ލޯބި އަހަރެންނަށްނުލިބުމުން ހިތަށް ކޮށްފައިވާ އަސަރުގައި ގިސްލަ ގިސްލާފައި ރޮވެން ފެށުނެވެ.

"އާނ!" ބައްޕަގެ އެ ޖުމްލަ އަޑު އިވުމާއެކު އަހަރެންނާއި ކޮއްކޮގެ ނަޒަރު ކުއްލިއަކަށް ބައްޕައަށް ހުއްޓިގެންދިޔައެވެ. ލޯ ބޮޑުވެފައިވާ އަހަރެމެންގެ ދެބެއިންގެ ވެސް މޫނުމަތީގައިވީ ބޮޑެތި ސުވާލުމާކުތަކެކެވެ. "އާނ ދަރިފުޅާ. އެއީ ދަރިފުޅުގެ އަސްލު މަންމައެއް ނޫން. ދަރިފުޅުގެ މަންމަ ވަނީ ދަރިފުޅުގެ އުމުރުން އެންމެ ހަމަހުގައި މަރުވެފަ. ދަރިފުޅުގެ މަންމަ މަރުވުމުން ބައްޕަ ޒާހިދާއާއި ކައިވެނި ކުރީ. ޒާހިދާ އަބަދުވެސް ޒާހިދާގެ އަމިއްލަ އުފަން ދަރިއެއް ބޭނުންވާތީ އެއިރު ބައްޕަމެން ވަރަށް މަސައްކަތްކޮށްގެންވެސް އިތުރު ދަރިޔަކު ނުލިބުނު. އެހެންވެ ޒާހިދާވެސް ދަރިފުޅު ދެކެ ވަރަށް ލޯބިވި. އަމިއްލަ ދަރިއެއްހެން ގެންގުޅި ގެންގުޅި އޮއްވައި ކޮއްކޮ އަށް ބަލިވެއިނީ. އޭގެ ފަހުން ޒާހިދާގެ ހުރިހާވެސް އުންމީދަކީ އެދަރިފުޅު. އެހެން ހުއްޓާ ކޮއްކޮއަކީ ނުކުޅެދޭ ކުއްޖަކަށް ވުމުން ޒާހިދާގެ ހިތްހަމަނުޖެހުން ރައްދުވީ ދަރިފުޅާއި ބައްޕައަށް. ދަރިފުޅަކީ ފުރިހަމަ ކުއްޖަކަށްވީތީ ޒާހިދާ ދަރިފުޅަށް ހަސަދަވެރިވެ ނަފްރަތުކުރީ ބައްޕަ އޭނައަށް ވިސްނައިދެވޭތޯ ވަރަށް މަސައްކަތް ކުރިން. ނަމަވެސް އޭރު އޭނައަށް އެކަން ނުވިސްނުނީ. މިހާރު ޒާހިދާ އެކަމާ ހިތާމަ ކުރޭ. މިރޭ ޖަލްސާއަށް ވެސް އޭނަ އަންނަން ވަރަށް ބޭނުންވި. ނަމަވެސް އަމިއްލައަށް ކުށްވެރިއެއްކަމުގެ އިޙްސާސްކުރެވޭތީ އަންނަން ނުކެރިގެން ގޭގައި މަޑުކުރީ. އޭނައަށް ހީވަނީ ދަރިފުޅު އޭނައަށް ދުވަހަކުވެސް މަޢާފެއް ނުކުރާނެއޭ. ދަރިފުޅު ޒާހިދާ މަންމައަށް މަޢާފް ކުރާނަންތަ؟ " ބައްޕަގެ ވާހަކަ އަޑުއަހަން އަހަރެމެންގެ ދެބެއިން ތިބީ ހައިރާންވެ އަންތަރީސްވެފައެވެ. "އާނ ބައްޕާ! އަހަރެން މަންމައަށް މަޢާފް ކުރާނަން. އަހަރެން މިރޭ ހޯދި ކާމިޔާބީއަކީ ވެސް ހަމަ ސީދާ މަންމައަށްޓަކައި ހޯދި

ކާމިޔާބީއެއް. އެމަންމަ އަހަރެމެންނާމެދު ކިތަންމެ ގޯސްކޮށް ކަންތައް ކުރިޔަސް އަހަރެންގެ އުފަން މަންމަގެ މަޤާމުވެސް އަހަރެން ތުއްތު އިރުގައި ފުރައިދިނީ ހަމަ އެ މަންމަ. ވީއިރު އެމަންމައަށް އަހަރެން މަޢާފް ނުކުރަންވީ ކީއްވެ؟"

އެރޭ އިތުރަށް އެ މާލަމްގައި އަހަރެން މަޑުކުރާކަށް ބޭނުމެއް ނުވިއެވެ. ގެއަށް ދިޔަ ގޮތަށް އަހަރެން މަންމަގެ ގައިގައި ބައްދައިގެންފައި ރޯންފެށީމެވެ. މަންމަވެސް ރޮއިފައި މަޢާފަށް އެދުނެވެ. އަހަރެން ހެޔޮހިތުން މަޢާފްކޮށްދިނީމެވެ. އެރެއަށް ފަހު އަހަރެންގެ ޙަޔާތް އަނެއްކާވެސް ބަދަލުވެގެން ދިޔައެވެ. ބަހާރު މޫސުން އައިސް މާމެލާމެލިން އަހަރެމެންގެ މުޅި ޙަޔާތުގައި ހުވަނދުލައި އެއްވެސްކޮށްލި ކަހަލައެވެ. ތަރިތަކާއި އިރާއި ހަނދު އެކު އެކީ އުދަވި ކަހަލައެވެ. އަލި ނޫރަކުން އަހަރެމެންގެ މުޅި ޙަޔާތް ހުޅުދާންވެ ރޯޝަންވެއްޖެއެވެ.
- ނިމުނީ -