ކުޅިވަރު

ޖުމްލަ 34 ޓީމާއެކު ބައިބަލާ ޗެލެންޖް 1445 ހުޅުމާލޭގައި ފަށައިފި


ޖުމްލަ 34 ޓީމާއެކު އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖް 1445 ހުޅުމާލޭގައި ފަށައިފިއެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކް ސަރަހައްދުގައި ކުރިއަށްދާ މި އަހަރުގެ ބައިބަލާ މުބާރާތް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފެވެ.

މި މުބާރާތުގައި ރޭ ކުޅުނު މެޗުތައް ކާމިޔާބުކޮށްފައިވަނީ ކުލަބު ޓީނޭޖް، ޓީސީ ސްޕޯޓްސް ކުލަބު، ޔުނައިޓެޑް އީސްޓް ކޯސްޓް، ބުރު ސްޕޯޓްސް ކުލަބު، ޖޭކޭ ސްޕޯޓްސް ކުލަބު އަދި ޓީސީ ގޯޅިއެވެ.

މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ކުލަބު ޓީނޭޖުން މި އަހަރު ކުޅުނު ފުރަތަމަ މެޗުން މޮޅުވީ ޒެފްރޯލާ ވާދަކޮށް ސީދާ ދެ ގޭމުންނެވެ. ފުރަތަމަ ގޭމުގައި ޓީނޭޖު ކުޅުނީ އެތެރެއިންއެވެ. އަދި ޒެފްރޯލް ކުޅުނީ ބޭރުންނެވެ. ފުރަތަމަ ގޭމު ފަސޭހަކަމާއެކު ކާމިޔާބުކުރީ ޓީނޭޖުންނެވެ. ޓީނޭޖުން މި ގޭމް ކާމިޔާބުކުރީ 3-10 ގެ ނަތީޖާއަކުންނެވެ.

ދެވަނަ ގޭމުގައި ޒެފްރޯލް ކުޅުނީ އެތެރެއިންނެވެ. މި ގޭމު ފަށައިގެން ޒެފްރޯލުން ޓީނޭޖުގެ ގިނަ ކުޅުންތެރިންތަކެށް ނުބައިކުރަމުން ދަނިކޮށް، ޓީނޭޖުން ކުޅުން ރަނގަޅުކޮށް މި ގޭމް ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް، ވަނީ ގޭމް އަނބުރާލާފައެވެ. އެގޮތުން މި ގޭމް ޓީނޭޖުން ކާމިޔާބުކުރީ 7-8 ގެ ނަތީޖާއަކުންނެވެ.

ރޭ ކުޅުނު ދެވަނަ މެޗު ޓީސީ ސްޕޯޓްސް ކުލަބުން ކާމިޔާބުކުރީ ލިޓްލް ޓައުންއާ ވާދަކޮށް ދެ ގޭމުން ކުރިހޯދައިގެންނެވެ. މި މެޗުގެ ފުރަތަަމަ ގޭމުގައި އެތެރެއިން ކުޅުނީ ޓީސީއެވެ. ޓީސީން ފުރަތަަމަ ގޭމް ކާމިޔާބުކޮށްފައިވަނީ 1-14 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. އަދި ދެވަނަ ގޭމް ޓީސީން ކާމިޔާބުކުރީ 4-6 ގެ ނަތީޖާއަކުންނެވެ.

ރޭގެ ތިންވަނަ މެޗުގައި އީސީ އެކްސް ކޯސްޓުގެ މައްޗަށް ޔުނައިޓެޑް އީސްޓް ކޯސްޓް ކުރިހޯދީ ސީދާ ދެ ގޭމުންނެވެ. ފުރަތަަމަ ގޭމުގައި ޔުނައިޓެޑް އީސްޓް ކޯސްޓުން އެތެރެއިން ކުޅުނުއިރު، ފުރަތަމަ ގޭމް ނިމުނީ 0-20 ގެ ނަތީޖާއަކުންނެވެ. އަދި ދެވަނަ ގޭމް ނިމެން މިނެޓަކަށް ވެފައިވަނިކޮށް ޔުނައިޓެޑް އީސްޓް ކޯސްޓުގެ މުޙައްމަދު ނަޒީހު ހަނީފް ބޭރުން އަރައި، އީސީ އެކްސްގެ ދެ ކުޅުންތެރިން ގޮވައިން ނުކުތުމުން މެޗުގެ ނަތީޖާ ޔުނައިޓެޑް އީސްޓް ކޯސްޓް ކޮޅަށް އެނބުރިގެން ދިޔައެވެ.

މީގެ އިތުރުން ރޭ ވީކޭ ވަކަންޑާއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކުރީ ބުރު ސްޕޯޓްސް ކުލަބުންނެވެ. ގުރު ދިމާވެގެން ބުރު ސްޕޯޓްސް އެތެރެއަށް ވަދެ، ބޭރުން އެރި ވީކޭ ވަކަންޑާއަށް އެންމެ ޕޮއިންޓެއްވެސް ނުދީ 16-0 އިން ފުރަތަމަ ގޭމް ކާމިޔާބުކުރިއެވެ. އަދި ދެވަނަ ގޭމް ބުރު ސްޕޯޓްސް ކުލަބުން ކާމިޔާބުކޮށްފައިވަނީ 4-7 ގެ ނަތީޖާ އަކުންނެވެ.

މުބާރާތުގައި ރޭ ވީކޭ ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅުނު މެޗުގައި ގަދަހިފުމަކުން މެޗު ކާމިޔާބުކުރީ ޖޭކޭ ސްޕޯޓްސް ކުލަބުންނެވެ. އަދި ރޭގެ އެންމެ ފަހު މެޗު ޓީސީ ގޯޅިން ކާމިޔާބުކޮށްފައިވަނީ ކުލަބު ވޯންޓެޑް އަތުން ދެ ގޭމެވެ.

މުބާރާތުގައި މިރޭވެސް ހަ މެޗެއް ކުޅުމަށް ވަނީ ތާވަލުކޮށްފައެވެ.