ޚަބަރު

ތަރައްޤީގެ އައު އުސްމިންތަކަކަށް ވާޞިލުމަށް، ޒުވާންޖީލަކީ ހެޔޮލަފާ ޖީލަކަށް ހަދަންޖެހޭ: ޚުޠުބާ


  • މިއަދުގެ ހުކުރު ޚުޠުބާގެ މައުޟޫއަކީ "ދަރީން ނަމާދަށް އަހުލުވެރިކުރުވުން"

  • އެންމެ ތުއްތުއިރުން ފެށިގެން ނަމާދަށް އަހުލުވެރިކުރުވުމަކީ މައިންބަފައިންގެ މަސްއޫލިޔަތެއް

  • ބަރާބަރަށް ނަމާދު އަދާކުރުމަކީ، މީހާގެ ޢަމަލުތައް ސީދާވުމަށް ލާޒިމުކަމެއް

ތަރައްޤީއާއި ތަހުޒީބުގެ އައު އުސްމިންތަކަކަށް ވާޞިލުވުމަށްޓަކައި، ގިނަ މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމަށާއި، މިމަސައްކަތްތައް ކާމިޔާބުވާނީ ހެދިބޮޑުވަމުން އަންނަ ޒުވާނުން ޖީލަކީ ހެޔޮލަފާ ޖީލަކަށް ހެދިގެންކަމަށް ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

މިއަދުގެ ހުކުރު ޚުޠުބާގެ މައުޟޫއަކީ "ދަރީން ނަމާދަށް އަހުލުވެރިކުރުވުން" އެވެ.

ހުކުރު ޚުޠުބާގައި ވިދާޅުވީ ކޮންމެ މަންމައަކާއި ބައްޕައަކުވެސް އަމާނާތެއްގެ ގޮތުގައި، އެދެމީހުންނާ މާތްالله ޙަވާލު ކުރައްވާފައިވާ ދަރީން ޒިންމާދާރު ބަޔަކަށް ހަދަންޖެހޭކަމަށެވެ. އަދި އެ ދަރިންނަށް އިސްލާމީ ތަރުބިޔަތު ދީ އެކަމުގައި ނަމޫނާ ދައްކަން ޖެހޭކަމަށެވެ.

މުސްލިމަކަށް ވުމަށް ބޭނުންވާ މައިގަނޑު ޝަރުޠަކީ ޝަހާދަތުގެ ދެކަލިމަ ދުލުން ކިޔައި ހިތުން ތެދުކޮށް ޤަބޫލުކޮށް، ބަހާއި ޢަމަލުން ކިޔަމަންތެރިކަން އަދާކުރުން ކަމަށާއި، އެއަށްފަހު، ދެން އެންމެ އިސްކަމެއް ދޭން ޖެހެނީ ނަމާދަށްކަން ޚުޠުބާގައިވަނީ ހަނދާންކޮށްދީފައެވެ.

ޚުޠުބާގައި ވިދާޅުވީ އެންމެ ތުއްތުއިރުން ފެށިގެން ދަރިން، ނަމާދަށް އަހުލުވެރިކުރުވުމަކީ މައިންބަފައިންގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިޔަތެއްކަމަށެވެ.

" އެންމެ ތުއްތު އިރުން ފެށިގެން ގޭތެރޭގައި ނަމާދުކުރާ މަންޒަރު ކުއްޖާއަށް ފެނުމަކީ ނަމާދު ކުރުމަށް އާދަވާނެކަމެއް. އެންމެ ފުރަތަމަ ނަމާދުގެ ޙަރަކާތްތައް ކުއްޖާ ދަސްކުރާނެ. އޭގެ ފަހުން ބަސްމޮށުންތެރިކަން އައުމުން ނަމާދުގައި ކިޔާ ދުޢާތައް ކިޔަން މަސައްކަތް ކުރާނެ. ނަމާދަށް ބަންގި ގޮވާ އަޑު އިވުމުން ދަރިފުޅާ އަވަހަށް ނަމާދަށް ދާށޭ ބުނުމުގެ ބަދަލުގައި، ދަރިފުޅާ ނަމާދު ކުރަން ހިނގާށޭ ބުނަން ޖެހޭ." ޚުޠުބާގައި ވިދާޅުވިއެވެ.

ޚުޠުބާގައި ވިދާޅުވީ ނަމާދަކީ ތިމާ ކުރަން ޖެހޭ އެހެން ހުރިހާ ކަމެއް ނިމުމުން، ކުރަން ޖެހޭ ކަމެއް ކަމުގައި އިޙުސާސްކުރެވޭ ގޮތަށް ދަރިންނަށް މަގު ދައްކައިގެން ނުވާނެކަމަށެވެ. އަދި ބަރާބަރަށް ނަމާދު އަދާކުރުމަކީ، މީހާގެ ޢަމަލުތައް ސީދާވުމަށް ލާޒިމުކަމެއް ކަމަށް، ނަބަވީ ސުންނަތުގެ މިސާލުތަކުން ސާބިތުވާކަމަށެވެ.

މުދައްރިސުންނަކީ ދަރިންގެ ދެވަނަ މައިންބަފައިން ކަމަށްވެފައި، ދަރިންނަށް ޢިލްމު އުނގަންނައިދިނުމުގެ ޛިންމާ އަދާކުރާ ފަރާތަށްވާއިރު، މުދައްރިސުން އެ ކުދިންނަށް އުނގަންނައިދޭ ފިލާވަޅުތަކަކީ ހަމައެކަނި ކިޔަވައިދޭ އެއްޗެއް ކަމުގައި ނުހަދާ އެ ކުދިންނަށް ރިވެތި ނަމޫނާ ދައްކައިދޭ ބަޔަކަށްވުމަށް ޚުޠުބާގައިވަނީ ވިދާޅުވެފައެވެ.

" ނަމާދު ކުރުމުގެ މުހިއްމުކަން ކުދިންނަށް ކިޔައިދޭއިރު މުދައްރިސުންގެ ފަރާތުން އެ ނަމޫނާ ފެނުމަކީ ކުދިންވެސް ނަމާދުތަކަށް ފަރުވާތެރި ވާނެ ސަބަބެއް. ނަމާދަކީ ޢުމުރުން ދުވަސްވީ މީހުންނާއި ބަލިތަންމަތީގައި އޮންނަ މީހާއާއި ދަތުރެއްމަތީ އުޅޭ މީހާއާއި ހަނގުރާމައިގެ ޙާލަތުގައި ހަނގުރާމައިގެ މައިދާނުގައި ހުންނަ މީހާވެސް ކުރަން އަންގަވާފައިވާ އަޅުކަމެއް،" ޚުޠުބާގައި ވިދާޅުވިއެވެ.

ނަމާދަށް އަހުލުވެރި ބަޔަކަށް ހެދުމަށް ޢަމަލީ ގޮތުން ކުރެވޭ މަސައްކަތްތަކުގެ އިތުރަށް، ދަރިންނަށްޓަކައި ހެޔޮ ދުޢާކުރުމަކީ ވެސް، ކުރަން ޖެހޭނެކަމެއްކަމަށާއި، މިފަދަ ދުޢާތައް ދަރިންނަށް ކިޔައިދިނުމަކީ، އެ ކުދިންގެ ހިތްތަކުގައި ނަމާދަށް އޮންނަ ޝައުޤުވެރިކަން އިތުރުވާނެ ކަމެއްކަމަށް މިއަދު ހުކުތު ޚުޠުބާގައި ވިދާޅުވިއެވެ.