ކުޅިވަރު

އޭދަފުށި ފުޓްސަލް ކަޕް: މުރިންގް އާއި އޯލް ވުލްވްސް ކުއާޓާއަށް


ބ. އޭދަފުށީ ކައުންސިލުން އިންތިޒާމުކޮށްގެން އެ ރަށުގައި ބާއްވާ "އުރީދޫ އޭދަފުށި ފުޓްސަލް ކަޕް 2024" ގެ ކުއާޓާ ފައިނަލަށް މުރިންގް އެފްސީ އާއި އެންމެ ފަހުގެ ރަނަރަޕް އޯލް ވުލްވްސް ދަތުރުކޮށްފިއެވެ.

މި ފަހަރުގެ މުބާރާތުގައި 16 ޓީމެއް ބައިވެރިވެފައިވާއިރު، މުބާރާތް ކުރިއަށްދަނީ ހަތަރު ގްރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގްރޫޕަކުންވެސް އެއްވަނަ އާއި ދެވަނަ ޓީމު ކުއާޓާ ފައިނަލަށް ދަތުރުކުރާއިރު، މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 17 ވަނަ ދުވަހެވެ.

އޭދަފުށީ ފުޓްސަލް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގެ ގްރޫޕް ސީގައި މިރޭ ކުޅުނު މެޗުން މުރިންގް އެފްސީ މޮޅުވީ އެއިޓީފޯ އެފްސީ އަތުން 4-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި މުރިންގް އެފްސީގެ ލަނޑުތައް ޖަހައިދިނީ ދެ ލަނޑު ކާމިޔާބުކުރި ޓީމުގެ ކެޕްޓަން އިބްރާހީމް ޝަރީފާއި، ޝާރިފް އަބްދުލް މަޖީދު އަދި އިބްރާހީމް ސިމާހެވެ. އަދި މި މެޗުގައި އެއިޓީފޯއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު އެ ޓީމަށް ޖަހައިދިނީ އާފިއު މުޙައްމަދު ހާމިދެވެ.

ކުއާޓާ ފައިނަލުގެ ޖާގައެއް ދެން ކަށަވަރުކުރި އޯލް ވުލްވްސްއިން ވަނީ ގްރޫޕް ޑީގައި މިރޭ ކުޅުނު މެޗުން ފްރެންޑްސް އަތުން ފަސޭހަކަމާއެކު 6-2 ގެ ނަތީޖާއަކުން މޮޅުވެފައެވެ. މި މެޗުގައި އޯލް ވުލްވްސްގެ އީގާން އަބްދުލް މަޖީދު ވަނީ ހެޓްރިކެއް ހަދާފައެވެ. އަދި އެ ޓީމުގެ ހާޒިމް ފައުޒީ ދެ ލަނޑު ޖެހިއިރު، އަނެއް ލަނޑަކީ ފްރެންޑްސްގެ އިބްރާހީމް ހަލީމް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މި މެޗުގައި ފްރެންޑްސްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އިބްރާހީމް ހަލީމާއި މުޙައްމަދު ރަޝީދެވެ.

މީގެ އިތުރުން މި މުބާރާތުގައި މިރޭ ކުޅުނު ތިންވަނަ މެޗުން ގްރޫޕް އޭގައި ހިމެނޭ ޔުނައިޓެޑް ވީ ވަނީ ކީވަން އެފްސީ އަތުން 10-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެފައެވެ. މި މެޗުގައި ޔުނައިޓެޑް ވީގެ އަލީ ހައިޝަމް (ޗުމްޕު) ފަސް ލަނޑު ޖެހިއިރު، އެ ޓީމުގެ ނިޝާމް މުޙައްމަދު ރަޝީދު ވަނީ ދެ ލަނޑު ކާމިޔާބުކޮށްފައެވެ. ދެން މި މެޗުގައި އެ ޓީމުގެ އަނެއް ލަނޑުތައް ޖަހައިދިނީ މުޙައްމަދު ހަސަން އަޙްމަދާއި މުޙައްމަދު ހައްމާދެވެ. އަދި ކީވަންގެ ތޮލްއަތު މުޙައްމަދު ވަހީދު އަތުން ވަނީ ބައިކޮޅަށް ލަނޑެއް ވަދެފައެވެ. މި މެޗުގައި ކީވަންއިން ޖެހި ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހަސަން ސާޖިދެވެ.

މި މުބާރާތުގައި މިރޭ ކުޅުނު ފަހު މެޗުން ގްރޫޕް ބީގައި ހިމެނޭ އެފްސީ މާލިންސް ވަނީ 4-0 ގެ ނަތީޖާއަކުން އެފްސީ ސަޑަންލީ ބަލިކޮށްފައެވެ. މި މެޗުގައި މާލިންސްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ކެޕްޓަން އިސްމާޢީލް ފައުޒީ އާއި، އަލީ ރީހާން އާއި، އަޙްމަދު އަފްރާހް އަދި އަޝްރަފް މުޙައްމަދެވެ.

އޭދަފުށި ފުޓްސަލް ކަޕުގައި މާދަމާރޭވެސް ހަތަރު މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ފުރަތަމަ މެޗުގައި ގްރޫޕް ސީން ވީ ވެލާ އާއި ކޭބަލް ބްރަދާސް ބައްދަލުކުރާއިރު، ދެވަނަ މެޗުގައި ގްރޫޕް ޑީގައި ހިމެނޭ އެފްސީ ދުންތަރި ނުކުންނާނީ ވެލާ ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ. އަދި ތިންވަނަ މެޗުގައި ގްރޫޕް އޭއިން ޔުނައިޓެޑް ވީ އާއި ނަލަ ބްރަދާސް ބައްދަލުކުރާއިރު، ފަހު މެޗުގައި ގްރޫޕް ބީގައި ހިމެނޭ އެފްސީ މާލިންސް ނުކުންނާނީ އެފްރޯ ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ.