މުނިފޫހިފިލުވުން

ވާހަކަ: ބިލާހެއް ފަދަ ލޯބި


  • މިއީ ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ ކުރުވާހަކަ މުބާރާތުގައި ބައިވެރިކޮށްފައިވާ ވާހަކައެއް

  • ވާހަކަ ލިޔުއްވީ: ޢަބްދުއްރަޝީދު އަބްދުއްލަޠީފް،ހދ.ނޮޅިވަރަންފަރު/ކެޔޮވަލު

  • ވާހަކަހުށަހެޅުއްވީ: ޢާއިޝަތު ފައިހާ ފާއިޒް

  • އޮންއެއަރކުރާ ދުވަސް:04އޭޕްރީލް 2024

ފަތިހުގެ ވަގުތެވެ. މާ ބޯކޮށް ވިއްސާރަ ނުކުރި ކަމުގައިވީނަމަވެސް ވައި ވަރަށް ގަދައެވެ. މާޔާ ފަތިސް ނަމާދު ކޮށްލައިގެން ނިކުމެ ފެންޑާ ދަށުގައި މަޑުކޮށްލައިގެން ހުރި އިރު އޭނާގެ މޫނުމަތިން ފެންނަމުން ދިޔައީ ހިތާމައާއި ހިތްދަތިކަމެވެ.ހީވަނީ ކަމަކާއިމެދު ވިސްނާ ވިސްނާ ހަމައަށް ނިދި ނުލިބިފައިހުރިހެންނެވެ. ކޮފީތަށި ހިފައިގެން ކައިރީގައި އިން ގޮނޑީގައި މާޔާ އިށީނދެލަމުން ކޮފީތަށިން ކޯވަރެއް ބޯލިއެވެ. އެވަގުތު ސިއްސައިގެން ދިޔައީ މާޔާ ކައިރީ މީހަކު އައިސް މަޑުކޮއްލުމުންނެވެ. މަޑު ހިނިތުންވުމެއްގައި މާޔާ ކައިރީ މަޑުކޮއްލައިގެން އެ ހުރީ އޭނާގެ ލޯބިވެރިޔާއެެވެ. މާޔާއަށް އެންމެ ރީތި ހުދުކުލައިގެ އަތްދިގު ގަމީހާއި މަޑު މުށިކުލައަށްދާ ސޯޓެއް ލައިގެން ޝާމިން ހުރިއިރު ހީވަނީ ފިލްމެއްގެ ބަތަލެއް ހެންނެވެ. ޝާމިން ފެނުމާއި އެކު މާޔާގެ މޫނުމަށްޗައް އުފާވެރިކަން ވެރިވިއެވެ. "ހަމަ ހިތައްއެރިތަނާ ތިއައީ" މާޔާ ހިނިތުންވެލަމުން ސުވާލުކޮއްލިއެވެ. އެވަގުތު ޝާމިން މާޔާ އިށީނދެގެން އިން ގޮނޑި ކައިރިއަށް ތިރިވެލިއެވެ. އަދި މާޔާ މޫނުމަށްޗަށް އެޅެމުންދިޔަ އިސްތަށިކޮޅު އެއްފަރާތްކޮއްލުމަށްފަހު ކޮލުގައި ހިފާލިއެވެ. "ހާދަ ލޮތްބޭ..." ހީލަމުން ޝާމިން އިތުރަށް މާޔާ އާއި ގާތްވެލިއެވެ. "ވަރަށް ހަނދާންވޭ.." ޝާމިންގެ އަތުގައި ހިފާލުމުން އެއަތުގެ ހޫނުން މާޔާގެ ހީފިލައިގެން ދިޔަކަހަލައެވެ. ދުނިޔެމަތީގެ ހުރިހާ އުފާތަކަށްވުރެ މާޔާ އަށް ޝާމިން މާ މުހިއްމެވެ.

މެންދުރު 12 ޖަހަނީއެވެ. މާޔާ ހުރީ ފޮއްޓަށް އެއްޗެހި އަޅަންށެވެ. އެވަގުތު މާޔާގެ މަންމަ ސަންފަ އެތަނަށް އައެވެ. "ދަރިފުޅާ ކޮންތާކަށް ދާން ތި އުޅެނީ؟" ސަންފަ އެނދުމަތީ އިށީންނަމުން ބުނެލިއެވެ. އަކަމަކު އެއިން އެއްވެސް އެއްޗެއް މާޔާއަށް ނީވޭ ކަހަލައެވެ. ހިތްހަމަ ނުޖެހިފައިހުރެ ފޮށި ބަންދުކޮއްލުމަށްފަހު ކޮޓަރިން ބޭރަށް ދާން މާޔާ ހިނގައިގަތުމުން ސަންފަ މާޔާ މަޑުކުރުވިއެވެ. "ދަރިފުޅު ކޮންކަމަކާ ރުޅި އައިސްފަ.. ދަރިފު" ސަންފަ އަށް މިހިސާބަށް ބުނެވުނުތަނާ މާޔާ ސަންފަގެ އަތް ފޮޅުވާލުމަށްފަހު ރުޅިއައިސްގެން ސަންފައާއި ދިމާލަށް ހަޅޭއްލަވަން ފެށިއެވެ. "ދަރިފުޅާއޭ އޭ.. ލަދެއް ނުގަނޭތަ އަހަންނަށް ދަރިފުޅު ކިޔަން. ހަނދާންކުރާތި. ތީ އަހަރެންގެ މަންމައެއްނޫން. އެއްވެސް މަޔަކު އެމީހެއްގެ ދަރިއަކަށް ދެރަގޮތެއް ނަހަދާނެ. އަހަރެންގެ ބަފާ ހަމަބުއްދި ފިލާގޮސް ގަތް ގަނޑެއްތީ. މައިންނަށް ހުރި ހުތުރެއް ތީ.

ކަލޭގެ ހިތް ދުވަހަކުވެސް މީހަކަށް ހެވެއް ނުވާނެ." މާޔާ ހަޅޭއްލަވައިގަނެފައި ގެއިން ނިކުމެގެން ދިޔައެވެ. ރޮވިފައި ހުރި ސަންފަ ރޮމުން ރޮމުން އިންތަނުން ތެދުވެ ކޮޓަރިން ނިކުންނަން ހިނގައިގަތެވެ. އެވަގުތު ސަންފަގެ ލޮލުގައި އަޅައިގަތީ ޑަސްބިން މަތިގަނޑު ދަށުން ނިކުމެފައިވާ ބޭސް ކާޑެވެ. ދެލޯ ފޮހެލުމަށްފަހު ސަންފަ ޑަސްބިނުގެ މަތި ހިއްލާ ބަލައިލިއިރު އޭގައި ހުރީ މާޔާގެ ބޭސްތަކެވެ. ހުރިހާ ބޭހެއް ހުރިގޮތަށެވެ. ސަންފަ ހާސްވެފައި ބޭސް ކޮތަޅު ހިފައިގެން ބޭރަށްނިކުމެ މާޔާއަށް ގޮވަންފެށިއެވެ. އެކަމަކު މާޔާ ފެންނާކަށް ނެތެވެ. އެހެންކަމުން ދުވެފައިގޮސް މާޔާގެ ބައްޕަ ޝާކިރު އަށް ގުޅާފައި ވަރަށް އަަވަހަށް ގެއަށް އައުމަށް ބުންޏެވެ.

ޝާކިރު ގެއަށް އައިސް ވަނުމުން މާޔާ ހަޅޭއްލަވާފައި ގެއިން ނިކުމެގެން ދިޔަ ވާހަކައާއި ބޭސްތަށް ނުކައި އުކާލާފައި ހުރިވާހަކަ ސަންފަ ބުނުމުން ޝާކިރު ވެސް ވަރަށް ހާސްވިއެވެ. "މަ ހިތަށް އަރައިފިޔޭ މި ދުވަސްކޮޅު ވަރަށް ތަފާތޭ މާޔާ. ބޭސް ކަންހޭ އެހީމަވެސް ބުނޭ އާނއެކޭ.. އެކަމަކު އެވަރު ބަލައިނުލެވުނީމަ ދެރައީ. ސަންފަ ދެން އޭނަ އަށް ވިސްނަދެވޭތޯ ނުބަލަންތަ؟" ޝާކިރު ސަންފަގެ ބޮލުގައި އަތްކާއްތާލަމުން ބުނެލިއެވެ. "ވިސްނަދެވޭނެެތަ؟ މަށާދިމާލަށް އެކީ އެއްޗެހިން ބުނާނެ އެއްޗެއްވެސް ނޭނގިފަ މަހުރީ.. ނާއިލް އަށް ގުޅާބަލަ. ނާއިލް ކައިރީ ބުނޭ ވަގުތުން އަންނާށޭ. އޭނައަށް ދެން މިކަން ވާނީ.. ކުރިންވެސް ބޭސް ހުއްޓާލާ، ތެރަޕީ ހުއްޓާލައިން އުޅުންގޮތް އެނގެއެއްނު.." ހާސްވެފައި އިނދެ ސަންފަ ވާހަކަ ދެއްކިއެވެ. ނާއިލް އަކީ ސަންފަ އާއި ޝާކިރުގެ ދޮއްޓަށް ހުންނަ ކުއްޖާއެވެ. ރާއްޖޭގައި ސައިކޮލޮޖީ ދާއިރާއިން އެންމެ ފާހަގަ ކޮއްލެވޭ އެއް ޑޮކްޓަރެވެ. ޝާކިރު ލަސްނުކޮއް ނާއިލްއަށް ގުޅާ ކަންތައް ވެގެން އުޅޭގޮތް ކިޔައިދިނުމުން ވީ އެންމެ އަވަހަކަށް ރަށަށްދާނެ ވާހަކަ ނާއިލް ބުނެފައި ފޯނު ބޭއްވުމުން ޝާކިރުގެ ޢާއިލާ ދެތިން މީހަކަށް ގުޅާ މާޔާ ހޯދަން ނިކުތެވެ.

މާޔާ ދުވެފައިގޮސް ވަނީ އެރަށުގެ ފަޅު ހިސާބެއްގައި އިންނަ ގެއަކަށެވެ. މާޔާ ކަންކަމާއި ރުޅިއައުމުން އަބަދުވެސް ދަނީ އެގެޔަށެވެ. އެ ގޭތެރޭގައި އިން ގޮނޑީގައި އިށީނދެލައިގެން އިން އިރު މާޔާ އިނީ ރުޅިއައިސްގެން ތުރުތުރު އަޅައަޅައެވެ. އިރުކޮޅަކުން ދޮރު ހުޅުވާލުމަށްފަހު އެތަނަށް ވަދެގެން އެ އައީ ޝާމިން އެވެ. ޝާމިން ފެނުމާއި އެކު މާޔާގެ ހުރިހާ ހާސްކަމާއި ރުޅިވެރިކަން ފިލައިގެން ދިޔައެވެ. ދުވަފައިގޮސް ޝާމިންގާގައި ބައްދާލިއެވެ. "ހާދަ ލަސްވީ ކީއްވެ؟" މާޔާ ސުވާލުކޮއްލިއެވެ. "ލަސްތަ؟ މާޔާ ހިތައްއަރުވާލީ މި އައީނު." ޝާމިން ހީލަމުން މާޔާ ގައިގައި ބައްދާލިއެވެ. ޝާމިން މާޔާ ގޮވައިގެން ގޮސް އެތާ އަޅާފައިވާ ގޮދަޑިމަތީ އިށީނދެލިއެވެ. "އެ މީހުންގެ އުނދަގޫ މާބޮޑުވަނީ މިހާރު. ނޭވާވެސް ލިޔަނު..." މާޔާ އަށް

މިހިސާބަށް ބުނެވުނުތަނާ ޝާމިން މާޔާގެ ތުންފަތްމަތީ އަތް ޖައްސާލިއެވެ. "ޝްޝްޝް.. އިތުރަށް އެއްވެސް އެއްޗެކޭ ނުބުނޭ.. ދެން ހުރިހާކަމެއްވެސް ވާނީ ރަނގަޅަށް. އަހަރެން މި ހުރީނު." ޝާމިން ފުން ނަޒަރަކުން މާޔާގެ ލޮލަށް ބަލައިލުމަށްފަހު މަޑުމަޑުން ބުނެލިއެވެ.

މާޔާ ގެއްލިގެން ހޯދާތާ ގަޑިއެއްހާއިރުވީއެވެ. ދަންނަ އެއްވެސް މީހެއްގެ ގެ އެއްގައި އޭނާއެއް ނެތެވެ. އެންމެފަހުން ހަދާނެގޮތެއް ނޭނގިގެން އަނެއްކާވެސް ޝާކިރު ފޯނު ނަގާ ނާއިލް އަށް ގުޅިއެވެ. ރޮވިފައި ހުރި ހާލު ނާއިލް އަވަހަށް އައިސްދިނުމަށް ބުންޏެވެ. "އެއްކަލަ ގޮނޑު ދޮށުގައި އިނދެ އެއްނު ގެޔެއް. ކޮއްކޮ ރުޅިއައިސްގެން ކުރިންވެސް ދިޔައެއްނުއެތަނަށް ބައްޕަ ހަނދާންވޭތަ؟ އެތަން ބަލާފަ ނެތިއްޔާ ކައުންސިލަށާއި ޕޮލިހަށް އަންގާ. އަހަރެން ދެގަޑިއިރު ތެރޭ ހުންނާނީ ރަށުގަ." ނާއިލް ފޯނު ބާއްވަމުން އޭނާ ބައްޕައަށް ހިތްވަރު އެލުވާނުލުމަށް ބުނެ ނަސޭހަތްދިނެވެ. ފޯނު ބޭއްވުމަށްފަހު ޝާކިރު ސައިކަލަށް އަރައިގެން ނައްޓާލީ ނާއިލް ބުނި ގެގަނޑަށެވެ.

އެ ގެ އިންނަނީ ވަލުތެރެއިންގޮސް ގޮނޑުދޮށަށް ފައިބާ ދިމާލުގައި ހުންނަ ވީރާނާވެފައިވާ ގެތަކެއްގެ ތެރޭގައިކަމުން ޝާކިރުއަށް ސައިކަލުގައި އެހިސާބައް ދެވުނީ ވަރަށް ހާލުންނެވެ. ސައިކަލު މަޑުކޮއްލުމާއި އެކު ސައިކަލު ލޮކްވުމުން އެލާމް އަޅާލިއަޑު މާޔާއަށް އިވުނު ވަގުތު މާޔާ ސިއްސައިގެން ގޮސް ކޮޅަށް ތެދުވިއެވެ. އަދި ހާސްވެފައިހުރެ ލައިގެން ހުރި ހެދުން ރީތިކޮއްލުމަށްފަހު ޝާމިން ކައިރީ ކޮންމެވެސް މީހަކު އައިއްސިކަމަށް ބުންޏެވެ. އެވަގުތު ޝާމިން އައިސް މާޔާ އަތުގައި ހިފައިގެން ދޮރުގެ ބިއްދަށުގައި އެއްވެސް އަޑެއް ނީއްވާ މަޑުކޮއްލުމަށް ބުނުމަށްފަހު އެތާ އޮތް ލަކުޑިގަނޑެއް ނަގާ މާޔާ ކައިރީ މަޑުކޮށްލިއެވެ. "އަމިއްލަ ސަލާމަތް ހޯދާތި.." ޝާމިން މާޔާއާއި ދިމާލަށް ބަލާލުމަށްފަހު ބުނެލިއެވެ.

ޝާކިރު މަޑުމަޑުން ގޮސް އެގޭގެ ދޮރުގައި އަތްޖައްސާލިއިރު އެ ދޮރު ހުރީ އެތެރެއިން ކޮންމެވެސް ގޮތަކަށް ތަންޑެއް އަޅުވާފައިކަން ޝާކިރުއަށް ވިސްނުނެވެ. "ދަރިފުޅާ... ދޮރުހުޅުވަބަލަ.." ޝާކިރުއަށް އެގޭގައި މާޔާހުރިކަން ޔަގީންވީ ދޮރުކައިރިއަށް މާޔާގެ އަތުގައި އަޅާ ކެވެލިކޮޅުވެއްޓިފައިއޮތްތަން ފެނިގެންނެވެ. ޝާކިރު އެތައްވަރަކަށް ގޮވާ ގޮވާވެސް އެތެރެއިން ޖަވާބެއް ނުބުމުން ހާސްވެގެން ވަރަށް ބާރަށް ފައިން ދޮރުގައި ޖަހާ ދޮރު ހުޅުވާލައިފައި އަވަހަށް އެތެރެއަށް ވަނެވެ. ބޮލަށް އެނބުރުން އަރައިގަނެ ޝާކިރު އެތަނަށް ވެއްޓުނެވެ. "ބައްޕާ" ހާސްވެފައިހުރި މާޔާއަށް ބޭއިހްތިޔާރުގައި ބުނެލެވުނެވެ. އަދި ރޮމުން ރޮމުން ޝާމިންގައިގައި މާޔާ ބައްދައިގަތެވެ. "ޝްޝްޝް... ނުރޮއެ... އެމީހުން އުޅެނީ އަހަރުމެން ދުރުކުރުވަން.. އެކަކަށްވެސް އެކަމެއް ނުކުރެވޭނެ.." ޝާމިން މާޔާ ގައިގައި ބައްދާލުމުން މާޔާ އަށް

ހިތްހަމަޖެހުން ލިބުނެވެ. "އެކަކަށްވެސް އަހަރުން ދެމީހުން ދުރެއް ނުކުރެވޭނެ. ޔަގީން މީ އެ އަމާ ކަންތައް.." ރުޅިއައިސް މާޔާ މިހެން ބުނުމަށްފަހު ޝާމިން އާއި ދެމީހުން އެތަނުން ނުކުތެވެ.

ޝާކިރު ނައިސްގެން ހާސްވެފައި ސަންފައިނީ ގޭ ބޭރުގައި އިން އުނދޯލީގައި އިށީނދެލައިގެންނެވެ. "ބޮޑުދައިތާ.. މާޔާދައްތަ އަދިވެސް ނުފެނޭތަ؟" އަސްމާ އޭނާގެ 5 މަހުގެ ދަރި ކިހިއްޔަށް ޖަހާލައިގެން އައިސް ސަންފަކައިރީ އިށީންނަމުން ބުނެލިއެވެ. "އާނ.. ޝާކިރުވެސް ވަރަށް އަވަހަށް އެބަ އަންނަމޭ ކިޔާފަ ދިޔަމީހާ އަދިވެސް ނާދޭ. ފޯނެއްވެސް ނުނެގި. ދަރިފުޅު ބައްޕަވެސް ގުޅި ދެންމެ ބޮޑުދައިތައަށް ޝާކިރުބެ ފޯނު ނުނަގައިގެން. ވަރަށް ހިތްބިރުގަނޭ އެބެ.." ސަންފަ ލޮލުން އައިސްފައިވާ ކަރުނަތަށް ފޮހެމުން ވާހަކަދެއްކިއެވެ. " ހާސްނުވޭ ބޮޑުދައިތާ.. އެއްވެސް މީހަކަށް ދެރަގޮތެއް ނުވާނެ. މާޔާދައްތައަށްވެސް އަދި ވިސްނިގެން ގެއަށް އަންނާނެ. މިސޮރު އުރާލަބަލަ. އެބައަންނަން އެތެރެއަށް ވަދެ ފެންފޮދެއް ބޯލައިގެން." ސަންފަ އަތައް ދަރިފުޅުދިނުމަށްފަހު އަސްމާ ކާގޭތެރޭގައި އިން އަލަމާރި ހުޅުވާލި ވަގުތު ފަހަތުން މީހަކު ދިޔަހެން ހީވެގެން ފަހަތްބަލާލިއެވެ. ނަމަވެސް އެއްވެސް މީހެއް ފެންނަން ނެތުމުން ހީވިގޮތޭ ހިތާ ފެންފޮދެއް ބޯލުމަށްފަހު ތައްޓަށް ފެން ފޮދެއް އަޅައިގެން ސަންފައަށް ގެންގޮސްދިނެވެ. އިރުކޮޅަކު އެހެން ތިބެފައި ސަންފަ ތެދުވިއެވެ. "ދެން ނުވާނެ.. އަހަރެންގެ ހިތް ވަރަށް ބިރުގަނޭ އެބަ. ޔަގީން ކޮންމެސް ކަމެއް ވަރަށް ގޯސްކޮށް ވާން މި އުޅެނީ.." މޭގައި އަތް އަޅައިގެން ހުރެ ސަންފަ ވާހަކަދެއްކިއެވެ. "ބޮޑުދައިތަ ހަމަޖެހިބަލަ..." އަސްމާ ސަންފަ ހަމަޖެއްސޭތޯ މަސައްކަތްކުރިއެވެ. "ކޮއްކޮ މަޑުކޮށްލަދީ މިތާ.. ބޮޑުދައިތަ އެބަ އަންނަން ޕޮލިހަށް ގޮއްސަ.. މީހަކަށް އަނިޔާއެއް ނުވަނީސް މާޔާ ހޯދަންޖެހޭނެ" ރޮވިފައިހުރެ ސަންފަ ވާހަކަދައްކެއްކިއެވެ. އަސްމާ އަށް އެއްޗެކޭ ނުބުނެވެނީސް ސަންފަ އަނެއްކާވެސް ބުންޏެވެ. "ކޮއްކޮ އަށް ނޭނގޭ ކަމެއް އެބައޮތް. ކުރިންވެސް ބޭސް ހުއްޓާލައިން ކިރިޔާ މީހަކު މަރައިނުލާ އެހުރީ.. މިކަން މަދު މީހަކަށް ނޫނީ ނޭނގޭނެ. ގެއައް މާޔާ އައިއްސިނަމަ އޭނަ އާއި ވާހަކަދައްކަންނަހަދާ އަަވަހަށް އަހަންނަށް ގުޅާ.." އަސްމާއަށް އިތުރަށް އެއްޗެއް ނުބުނެވެނީސް ސަންފައެތަނުން ދިޔައެވެ. އެތައްބައިވަރު ސުވާލުތަކެއް އެއްފަހަރާ އަސްމާ ސިކުނޑިއަށް އަރަންފެށިއެވެ. އެވަގުތު އަސްމާގެ ދަރިފުޅުރޯންފެށުމުން އަސްމާ ވަނީ ގޭތެރެއަށެވެ. އަދި ބޮޑުދައިތަގެ ކޮޓަރިއަށްވަދެ ދަރިފުޅަށް ބުއްކޮޅެއްދެވޭތޯ އުޅުނެވެ.

އިރުކޮޅެއްނުވެ ކުއްލިއަކަށް ދޮރުގައި މީހަކު ވަރަށް ބާރަށް ތަޅާއިގަންއަޑުއިވިފައި ދަރިފުުޅު އެނދުމަތީ ބޭއްވުމަށްފަހު އަސްމާގޮސް ދޮރުހުޅުވާލިއެވެ. ދޮރު ކުރިމަތީ ހުރީ މާޔާއެވެ. އެއް އަތް ފުރަގަހަށްލާ ފޮރުވައިގެން ހުރިއިރު މީހާ ހުރީ ދާހިއްލާ

ފޯވެފައެވެ. އެއްވެސް އެއްޗެއް ނުބުނެ އަސްމާއާއި ދިމާލަށް ކަޅިޖަހާނުލާ ބަލަމުން މަޑުމަޑުން އަންނަންފެށުމުން އަސްމާ ވެސް ކުޑަކޮއް ފަހަތައް ޖެހެންފެށިއެވެ. " ދައްތަ ކޮންތާކުން ތިއައީ.. ބޮޑުދައިތަ ހާދަ ހޯދައިފިޔޭ.." ބިރުނުގަންނަކަމަށް ހެދިގެން ހުރެ އަސްމާ ވާހަކަދެއްކީ ހިނިތުންވެފައި ހުރެއެވެ. "ކޮން ދައްތައެއް ކިޔާކަށް.. ކޮބާ އެ ނުލަފާ އަންހެންމީހާ... އޭނަގެނޭ މިތަނަށް." ރުޅިއައިސްފައިހުރެ މާޔާ ހަޅޭއްލަވައިގަތުމުން އެނދުމަތީގައި އޮތް އަސްމާގެ ދަރިފުޅު ރޯން ފެށިއެވެ. އަސްމާ ދުވެފައިގޮސް އޭނާގެ ދަރިފުޅު އުރާލުމަށްފަހު މާޔާ އާއި ދިމާލަށް ހަޅޭއްލަވައިގަތެވެ. "ކިހިނެތްވެގެންތަ ތިޔައުޅެނީ.. ތީ މީހުން އުޅޭގޮތްތަ؟ އެއީ ދައްތަގެ މަންމައޭ.." އަދި އަސްމާ މިހެން ބުނުމުން މާޔާ ގާތައް ހިނި އައެވެ. " ކޮން މަންމައެއް.. ކަލޭވެސް ތީ އެނަ ޓީމް މީހެއް ދޯ.. ކަލޭވެސް މަށާ ޝާމިންއާއި ދުރުކުރަން މަސައްކަތް ކުރިންދޯ.. އަންހެނަކަށް ވެ ހުރެ އެހެން އަންހެނަކަށް ދެރައެއް ދޭކަށް ލަދެއް ނުގަނޭތަ؟ ކަލޭމެން ހީކުރީތަ މަގޭ ޝާމިން މަރާލެވުނީމަ އެ ދުރުކުރެވުނިއްޔޭ.. ކަލޭމެން އޭނަ މަރާލާފަ ގޮނޑުދޮށައް އެއްލާލީމަ ހީކުރީ މަރުވީކަމަށްތަ؟ ބަލަ ގަމާރުންތަކާ އަހަރެން ޝާމިން ސަލާމަތްކުރީ. އަހަރެމެން ދުރެއް ނުކުރެވޭނެ ކަލޭމެންނަކަށް." ރުޅިއައިސްފައި ހުރެ ހެމުން ހެމުން މާޔާ ވާހަކަދައްކަމުން ދިޔައިރު ހީވަނީ ގަޔަށް ޖިންނިއެއް ވަދެފައިހުރިހެންނެވެ. "މިފަހަރު ކަލެއަށްވެސް އަންގާލަދޭނަން ލޯބިވާމީހުންނާ ދުރު ކުރީމަ ވާނެ ދެރަ.." މިހެން ބުނުމަށްފަހު މާޔާގެ ފަހަތުގައިހުރި ޝާމިންގެ އަތުގައި ހިފައިގެން އަސްމާ އާއި ދިމާލަށް މާޔާ ހިނގަން ފެށިއެވެ. އަދި ޝާމިން އާއި ދިމާލަށް ބަލާލުމަށްފަހު ލޯބިވާ ވާހަކަ ބުނެލިއެވެ. "ދައްތަ މޮޔަވީތަ؟" އަސްމާ ހައިރާންވެފައި ހުރެ މާޔާއާއި ދިމާލަށް ބުނެލިއެވެ. "ހަމަޖެހިބަލަ ދައްތާ... ކޮން ޝާމިން އެކޭތަ ތިޔަ ކިޔަނީ.. ދައްތާ ހެޔޮނުވާނެ ހަމަޖެހިގެން މިތާ އިށީނދެބަލަ." އަސްމާ ހާސްވެގެން ދަރިފުޅުގައިގައި ބައްދައިގެން ހުރެ ފަހަތައް ޖެހެމުންގޮސް އެނދުގައި ޖެހިފައި އެނދުމަށްޗައް އަސްމާ ވެސްޓުނެވެ. އެވަގުތު އަތުގައި އޮތް ދަރިފުޅުވެސް އަތުން ދޫވެގެން އެނދުމަށްޗައް ވެއްޓި ރޯންފެށިއެވެ. ދަނޑިވަޅުގެ ބޭނުން ހިފާ އަސްމާ ހިފޭއްޓުމަށްފަހު އަސްމާގެ ބަނޑުމަތީ މާޔާ އިށީނެވެ." ކޮން ދޮގެއްހަދާކަށް.. މީނައަށް މިހާރު ޝާމިން އެނގޭކަމަށްވެސް ނުވި.. އަން ޝާމިން. މިފަހަރު މިކަން ކުރަންވާނީ ޝާމިން." އަސްމާ ހުރީ ހައިރާންވެފައެވެ. ލޮލަށް ފެންނަމުންދިޔަ ކަންތައް ޤަބޫލުނުކުރެވިފައެވެ. އެއީ މާޔާ ބާއޭ އަސްމާގެ ހިތައް އެރިއެވެ. "ދައްތާ.. ހެޔޮނުވާނެ އަހަންނަށް ތިހެން ނަހަދާ.. މަގޭ ދަރިފުޅާއި އަހަރެން ދޫކޮއްލާ.." އަސްމާއަށް ވީތަދުން އަޑުގެ ނެތްތަނަށް ހަޅޭއްލަވައިގަތުމަށްފަރު ރޯންފެށި ވަގުތު އެތަނަށް ސަންފައަށް އާދެވުނެވެ. ދުވެފައިގޮސް މާޔާ އިސްތަށިގަނޑުގައި ހިފާ ދުރައް ކޮއްޕާލަމުން ސަންފަވެސް ރޯންފެށިއެވެ. ބަލާކަށް ނުހުރެ މާޔާ

ދުވެފައިގޮސް އެނދުމަތީ ރޯންއޮތް އަސްމާގެ ދަރިފުޅު ނެގިއެވެ. "މާޔާ... ކަލޭގެ ކަންތައް މާބޮޑުވަނީ ތިޔަ. ތި ކުއްޖާ ގެނޭ.." ރޮމުން ރޮމުން އަސްމާ ހަޅޭއްލަވައިގަތެވެ. "މާ ބާރަށް ހަޅޭއްލަވާނެކަމެއްނެތް. އަހަންނަށް މިހެން ހެދި އެންމެންކިބައިން އަހަރެން ބަދަލު ހިފާނަން..." މާޔާ ނުބައިވައްތަރަކަށް ހެވިފައިހުރެ ވާހަކަދެއްކިއެވެ. "ކަލެއަށް ކާކު ކިހިނެތް ހަދައިގެންތަ ތިޔަ އުޅެނީ.. އަހަންނަށް މި ހުރިހާ ކަމެއް ސިއްރުކޮއް ކަލޭ ރަނގަޅުކުރެވޭނެ ކަމަށް ހީކުރެވުނީމަ މައްސަލައަކީ..." ރުޅިއައިސް ހުރެ ސަންފަ މާޔާއާއި ދިމާލަށް ހަޅޭއްލެވިއެވެ. އެވަގުތު މާޔާ ގާތައް ރުޅިއައިސް ޝާމިންއަށް ގޮވިއެވެ. "ޝާމިން. މިހިރަ ނުބައި އަންހެންމީހާ އަހަންނާއި ދިމާލަށް ހަޅޭއްލަވާއިރު ބަލަން ހުންނަނީތަ؟ އަހަންނަށް ދެން އެންމެ ސިކުންތަކުވެސް މަޑެއް ނުކުރެވޭނެ. އޭނަގެ ދުވަސް ދުއްވާލާ.." މާޔާ ޝާމިންގާތު ސަންފަ މަރާލުމަށް ބުނެ ޝާމިންއާއި ވާހަކަދެއްކި އިރު ސަންފަ ހުރީ ދެލޯ ބޮޑުވެފައެވެ. އެވަގުތު އޭނާގެ ދެލޮލުން ކަރުނަތައް ފައިބައިގަތެވެ. "ދަރިފުޅާ... ޝާމިން އެއް ނެތޭ.... މަގޭ ދަރިފުޅާ..." ސަންފަ އެނދުގައި އަތް އަޅުވާލުމަށްފަހު ބޯޖަލައިގެން އިނދެ އަޑުގެ ނެތްތަނަށް ރޯން ފެށިއެވެ. "ކަލޭ ކަނުވެސް ކަނީތަ؟" ރުޅިއައިސްފައިހުރެ މާޔާ އުރައިގެން ހުރި އަސްމާގެ ދަރިފުޅު އެނދުމައްޗައް އެއްލައިލިއެވެ. އެވަގުތު އެކުއްޖާ ނަގަން ސަންފަ ކިތަންމެ ބޭނުންވިޔަސް އެއީ އެވަގުތު ކުރުން ރަނގަޅުކަމެއް ނޫންކަން އޭނަ އަށް އެނގެއެވެ.

"ދަރިފުޅާ މަންމަ ކިޔާއެއްޗެއް އަޑުއަހާބަލަ.. ޝާމިންއެއް ނެތޭ މިތާކު.. ޝާމިން ވަނީ ދަރިފުޅު ބޮލުތެރޭގަ... ޝާމިން އަކީ ދަރިފުޅުގެ ސިކުނޑިން ގެންގުޅޭ ހިޔާލީ މީހެކޭ ދަރިފުޅާ.. ގަބޫލުކޮއްބަލަ މަންމަގެ ދޫންޏާ.." ގިސްލަމުން ސަންފަ އިންތަނުން މަޑުމަޑުން ތެދުވިއެވެ. "ކަންތަކާ މުދަލާ ލައިގައިތީއޭ.. އަނެއްކާ އަނެއްދޮގު. މަހުވާ ވާހަކަ ހަދަންވެސް މޮޅު.. ގަބޫލުކުރަން ކެލޭބޭނުން ނުވިޔަސް ހަގީގަތް މަށަކަށް އޮޅުވައެއްނުލެވޭނެ. ކަލޭމެން އޭނަ މަރާލާފަ އެއްލާލީ.. ކެލޭމެން ހިތުން އޭނަ މަރުވީ.. އަހަރެން އެދުވަހު އޭނަ ސަލާމަތްކުރީ... ކަލޭމެން އެކަކަށްވެސް ނާނގާ ސިއްރުކޮއްގެން އުޅެނިކޮށް އަހަންނަށް ރޭގަ ހުރިހާކަމެއް ފަޅާ އަރައިފި. ކަލޭމެނަށް އެނގުނީ އޭނަ މިރަށުގަ އުޅޭކަން. އެކަން އެނގިގެން އަނެއްކާވެސް އޭނަ މަރާލާ އަހަންނާ އޭނައާއި ދުރުކުރަން ކަލޭމެން ރޭވި ރޭވުން އަހަންނަށް އަޑު އިވުނޭ..." މާޔާ ރުޅިއަސް ތުރުތުރު އަޅަމުން ވާހަކަދައްކަމުން ދިޔައިރު އޭނާގެ ލޯވެސް ވަނީ ރުޅިއައިސްގެން ރަތްވެފައެވެ. ދެންވެސް ވާހަކަދެއްކީ މާޔާއެވެ. އެހެންވީމަ އަހަރެން މޮޔަހައްދަން ނޫޅޭ... " މަޑުމަޑުން ސަންފައާއި ދިމާލަށް އަންނަމުން ގޮއްމުއްކަވައިގެން ހުރެ މާޔާ ވާހަކަދެއްކިއެވެ. ސަންފައަށް ހީވީ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަހެންނެވެ. "ޝާކިރު..."

ސަންފަ ހިތްދަތިކަމާއިއެކު ބުނެލިއެވެ. އޭރުވެސް އެ ކުޑަކުއްޖާ ހުއްޓާނުލައި ރޯއަޑު މުޅި ކޮޓަރިތެރެ ގުގުމާލަ ގުގުމާލާ ހުއްޓެވެ. "ކިހާ ވަރުގަދަ ކަމެއްތަ މީ.." މާޔާ ގާތައް އިތުރަށް ރުޅިއައިސްގެން ގޮސް އެކުއްޖާ ނަގާ ތަޅުވާލިއެވެ. އެވަގުތު ދުވެފައި އައިސް އެތަނަށް ނާއިލް ވަނެވެ. "ކޮއްކޯ.." މަޑުމައިތިރިކަމާއި އެކު ނާއިލް މާޔާއަށް ގޮވާލިއެވެ. މާޔާއަށް ނާއިލް ފެނުމުން ފެންކަޅިވިއެވެ. "ދޮންބޭ... އަހަންނަށް އެހީވެދީ... މިތިބަ މީހުން އަހަންނާ ޝާމިން ދުރުކުރަން އުޅެނީ.." ދެރަވެލާފައި މިހެން ބުނިވަގުތު ސަންފަ ނާއިލް ގާތު ކުރިއަށް އެންމެ ފިޔަވަޅެއްވެސް ނޭޅުމަށް ބުނެ ހަޅޭއްލަވައިގަތެވެ. "ޝާކިރު އެއީ ކަލޭ ބައްޕައޭ. ލަދުވެސް ގަނޭ ކަލޭތީ މަގޭ ދަރިޔެކޭ ބުނަންވެސް." މާޔާ އާއިދިމާލަށް ހަޅޭއްލަވަން ފެށުމުން ނާއިލް ސަންފަ ހަމަޖެހޭތޯ އުޅުނެވެ. ނަމަވެސް ސަންފަ ހުރީ ހަމަޖެހޭވަރަށްވުރެ ބޮޑަށް ދެރައާއި އެކު ރުޅިވެސް އައިސްފައެވެ. "ބަލަ ކަލޭ ތިބުނާ ހުރިހާ ކަމެއް ކުރީ ތިޔަ ބުނާ ޝާމިނެއްނަމަ އެ ޝާމިނު އެއްޗެއް ނުބުނެ އެހުރީ ކީއްވެ؟ އެ ޝާމިން އަހަރުމެންނަށް ނުފެންނަނީ ކީއްވެ؟ އަސްމާގަޔަށް ވަޅިހެރީ ތިޔަ ޝާމިނެއްނަމަ ހުރިހާ ލެޔެއް ކަލޭ އަތުގަޔާ ގައިގަ ތިޔަހުރީ ކީއްވެ؟" ރޮމުން ރޮމުން ސަންފަ މާޔާ އާއި ދިމާލަށް ހަޅޭއްލެވިއެވެ. އެވަގުތު މާޔާ އަތައްބަލައިލިއެވެ. އަދި ގަބޫލުނުކުރެވިގެން އުރައިން ހުރި ކުއްޖާ އެނދުމަތީ ބޭއްވުމަށްފަހު އަނެއްކާވެސް އަތައް ބަލައިލިއެވެ. ތެދެކެވެ. މާޔާގެ އަތުގައާއި ހެދުމުގައި ވަނީ ހުސް ލެޔެވެ. އަވަހަށް އެނބުރި ޝާމިންއާއި ދިމާލަށް މާޔާ ބަލާއިލިއެވެ. ޝާމިން ހުރީ މާޔާއަށް އެންމެ ރީތި ހުދު ގަމީހާއި މުށިކުލައިގެ ސޯޓުލައިގެން މާޔާއާއި ދިމާލަށް ބަލަހައްޓައިގެންނެވެ. ގައިގައި އެންމެ ލޭކޮޅެއް ނެތްތާ އެރީތިކަމުގައެވެ. ހިނިއައިއްސައެވެ. ހަމަ އެ ފުރިހަމަކަމުގައެވެ. މާޔާ އަނެއްކާވެސް މާޔާގެ އަތައް ބަލާލިއެވެ. ޤަބޫލުނުކުރެވިފައިހުރެ އަނެއްކާވެެސް ޝާމިންނާއި ދިމާލަށް ބަލާލިއިރު ޝާމިންއެއް ނެތެވެ. މާޔާގެ ލޮލަށް ކަރުނަތައް ޖަމާވަމުންގޮސް ރޮވުނެވެ. މާޔާއަށް ވިސްނެން ފެށިއެވެ. އެ ގެގަނޑުތެރޭގައިވެސް މާޔާއާއި އެކު ޝާމިން އެއް ނެތެވެ. ބައްޕަގެ ބޮލުގައި ލަކުޑިބުރިންޖަހާ ހޭނައްތާލީވެސް ހުދު މާޔާގެ ދެއަތުންނެވެ. އަސްމާ ބަނޑަށް ވަޅިހެރީވެސް ހުދު އެނާގެ ދެ އަތުންނެވެ. މާޔާގެ ގައިން ވާގިދޫވާންފެށިކަހަލައެވެ. މަޑުމަޑުން ފަހަތައްގޮސް ފާރުގައި ޖެހުމުން މާޔާ އިންތަނަށް ތިރިވިއެވެ. މާޔާގެ ލޮލުން ކަރުނަަތައް ފައިބަމުންދިޔަނަމަވެސް އޭނާގެ ހަށިގަނޑުގައި އެއްވެސް ހަރަކާތެއްނެތެވެ. ޝާމިންއަކީ އޭނާގެ ބޮލުތެރޭގައި އެތައްޒަމާނެއްވާންދެން ގެންގުޅޭ ހިޔާލީ މީހެއްކަން އޭނާ ހަނދާންވިއެވެ. ނެގިހާ ތެރަޕީ ގަޑިތަކާއި ބޭސްތަކުގެ މަތިން އޭނާ ހަނދާންވިއެވެ.

މާޔާއަށް ހޭވެރިކަންވީއިރު މާޔާ އޮތީ ރަށު ސިއްހީމަރުކަޒުގައެވެ. ތަންކޮޅެއް ދުރުގައި އޭނާގެ ބޭބެ ނާއިލް، ފޮތެއް ހިފައިގެން އިނެވެ. މާޔާ އެޑްމިޓްކުރެވިފައިވަނީ ޕޮލިހުންގެ ބެލުމުގެ ދަށުގައި ސިއްހީމަރުކަޒުގެ ވަކި ބައެއްގައެވެ. "ދޮންބޭ..." މަޑުމަޑުން ނާއިލް އަށް މާޔާ ގޮވާލުމުން ނާއިލް އަވަހަށް މާޔާކައިރިއަށް އައެވެ. "ބައްޕަ.." މާޔާ އަށް މިހިސާބަށް ބުނެވުނުތަނާ ނާއިލް މަޔާގެ އަތުގައި ހިފާލުމަށްފަހު އަރާމްކޮއްލުމަށް ބުންޏެވެ. "ބައްޕަވެސް އަސްމާވެސް ﷲގެ ރަހުމަތްފުޅުން މިހާރު ރަނގަޅު" ހީލަމުން ނާއިލް މިހެން ބުނިއިރު އޭނަގެ ކޮއްކޮއާއިމެދު ވިސްނާފައި އޭނާގެ ހިތް ކުދިކުދިވަމުން ދިޔައެވެ. މާޔާ އަކީ އާނމުންގެ ތެރޭގައި އެހެން ދޫކޮއްލާފައި ނުބެހެއްޓޭނެ މީހެއްކަން އޭނާ އަށް އެނގޭތީ އެކަމާ އޭނާ ހުރީ ގޮތް ހުސްވެފައެވެ. އެވަގުތު އެތަނަށް މާޔާގެ މަންމަ ވަނެވެ. ކައިރީގައި ފުލުހުންގެ މީހަކު ހުއްޓެވެ. "ފަހަރަކު މީހަކަށް ވަދެވޭނީ. ނާއިލް އިހަށް މަންމަ ނުކުންނަންދެން ބޭރުގައި މަޑުކޮއްލާ.." ސިފައިންގެ މީހާގެ ފަހަތުން ނާއިލް ނިކުތީ މަންމަ ގައިގައި ބައްދާލުމަށްފަހު ނިއްކުރިއަށް ދޮނެއްދީފައެވެ.

ސަންފަ ފެނުމާއި އެކު މާޔާގެ މޫނު އަނެއްފަރާތައް އަނބުރާލީ ލަދުންނެވެ. މަންމައާއި ދިމާލަށް ކިޔުނު އެއްޗެހިންނެވެ. "ދަރިފުޅަށް މަންމަ މާފުކޮއްފިން.." މާޔާގެ ހިތުގައިވާއެއްޗެއް ސަންފައަށް އެނގޭކަހަލައެވެ. ސަންފައާއި ދިމާލަށް ބަލާވެސް ނުލާއޮވެ މާޔާ ވާހަކަދެއްކިއެވެ. "އަހަރެން ބޭސް ބޭނުންކުރުން ހުއްޓާލީ އެއްވެސް ކަަހަލަ އުނދަގުލެއް ނުވާތީ.. އެތައް މަހެއްވެއްޖެ ބޭސް ނުކާތާ. މަންމާ... އަހަންނަށް މިހެން ވާނެކަން އެނގުނުނަމަ ދުވަހަކުވެސް ބޭސް ހުއްޓައެއްނުލާނަން."ސަންފަ އާއި ދިމާލަށް އެނބުރިލަމުން ދެންވެސް ވާހަކަދެއްކީ މާޔާއެވެ. "އަހަރެން ރަނގަޅުވީމަ ތެރަޕިސްޓްވެސް މަހަކު އެއްގަޑިވެސް ނުނަގާ. އަހަރެން ބުނެގެން މަދުކޮއްލީ. ދޮންބެއަށް އެކަން އެނގޭނެ. ދޮންބެވެސް އަހަންނަށް އިތުބާރުކޮއްފަ ހުއްދަދިނީ. އެކަމަކު އެ ރޭ އަހަންނަށް ހުވަފެނުން ކުއްލިއަކަށް ޝާމިން ފެނުނީ. އޭނަ އާދޭސްކުރި. އަހަންނާއި އޭނަ ކޮޓަރީގަ ހުއްޓާ ބޭރުން މަންމަމެން ޝާމިން މަރާލަން ރޭވި. ޝާމިން އަހަންނާއި ދުރުވެ ކަންތައްތައް ވެފަހުރިގޮތުން ބޭސްކައި އެތައް ތެރަޕީއަކަށް ފަހު ރަނގަޅުވެފައިހުއްޓާ އަނެއްކާ ޝާމިން ހުވަފެނުން ފެނި މި ހުރިހާ ކަމެއް ވީމަ ގަބޫލު ކުރެވުނީ އެއީ ތެދުކަމަށް.. ނޭނގެ މިހާރު ވިސްނާލީމަ އަހަންނަށް އެކަންކަން ގަބޫލުކުރެވުނީ ކީއްވެކަމެއްވެސް." ގިސްލަމުން މާޔާ ވާހަކަދެއްކިއެވެ. މާޔާގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފޮހެދެމުން ސަންފަ އޯގާތެރިކަމާއި އެކު ވާހަކަދެއްކިއެވެ. ޝާމިން ކެންސަރުބަލީގައި މި ދުނިޔެ ދޫކޮއްދިޔައީ އަހަރުމެން އެންމެންވެސް ރޮއްވާފަ. އެއީ ރަނގަޅު ކުއްޖެއް. ޝާމިން މި ދުނިޔެ ދޫކޮށް ދިޔަތާ މަހެއްނުވެ ދަރިފުޅު ސަކަރާތްވީ.. ހަމަ މިކަހަލަ ގޮތަކަށް ދޯ

އޭރުވެސްވީ. ހަމަ ބޭސް ނަގާ ހުރިހާ ފަރުވާއެއްކޮއް ރަނގަޅުވީނު. ދެންވެސް ވާނެ.. އިހައް އަރާމްކޮއްލާ. މަންމަ މި އަންނަނީ." ހީލުމަށްފަހު މާޔާގެ އަތުގައި ފިރުމާލަމުން އެތަނުން ސަންފަ ނިކުތީ ސަންފަގެ ލޮަލަށް ޖަމާވަމުންދިޔަ ކަރުނަތައް މާޔާއަށް ދައްކަން ބޭނުން ނުވާތީއެވެ.

މަންމަ ދިޔުމާއިއެކު މާޔާ އެނބުރިލީ ޝާމިންއާއި ދިމާލަށެވެ. އެހުރިހާއިރަކު އެތާ ޝާމިން ހުރިކަން މާޔާއަށް އެނގެއެވެ. "އައި ލަވް ޔޫ... އެކަމަކު ދެން ޝާމިން ބޭނުމެއްނޫން... ދެން ނާންނާތި.." ޝާމިންއާއި ދިމާލަށް ހީލަމުން މިހެން ބުނުމުން ހިނިތުންވެލާފައި ޝާމިން ވައިގެތެރެއަށް ގެއްލިއްޖެއެވެ. އެކަމަކު އެއީ ނިމުން ނޫންކަން ހުދު މާޔާއަށްވެސް ޔަޤީނެވެ. މާޔާއަށް ޝާމިން ދޫކޮށެއް ނުލެވޭނެއެވެ. ދުވަސްކޮޅެއްފަހުން އަނެއްކާވެސް މާޔާގެ ހަޔާތައް ޝާމިން އަންނާނެއެވެ. އޭރުންވެސް ވާނީ މިހެންނެވެ. ނޫނީ މިއަށްވުރެ ގޯހެވެ. މާޔާގެ ލޮލުން ކަރުނަތައް ފައިބައިގަތެވެ.
- ނިމުނީ -