ޚަބަރު

50 މިލިއަނުން މަތީގެ މަޝްރޫޢުތައް ޖޫންމަހު ފަށާނަން: ރައީސް


  • މާވަށުގެ ބިން ހިއްކަން ވަރަށް އަވަހަށް ފަށްޓަވާނެކަމަށް ވިދާޅުވި

  • އެރަށުގެ ތަރައްޤީއަށް ގިނަ މަޝްރޫޢުތަކެއް ވަނީ ބަޖެޓުކޮށްފައި

  • ރައްޔިތުން އެދޭގޮތަށް ހުރިހާ މަޝްރޫޢުތަކެއްވެސް ހިންގަވާނެކަމަށް ވިދާޅުވި

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސަރުކާރުން ހިންގުމަށް ނިންމާފައިވާ ބޮޑެތި މަޝްރޫޢުތައް މިއަހަރުގެ ޖޫންމަހުގެ ތެރޭގައި ފަށްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެގޮތުން 50 މިލިއަން ރުފިޔާއަށްވުރެ މަތީގެ މަޝްރޫޢުތައް ފެށުމަށް ތައްޔާރުވަމުން އަންނަކަމަށް ރައީސް ވިދާޅުވިއެވެ.

ލ.މާވަށު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، އެރަށުގެ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއް ހިންގުމަށް ރާއްވަވާފައިވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން މިއަހަރުގެ ބަޖެޓުގައި ބައެއް މަޝްރޫޢު ހިމެނިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. މިހާރުގެ ބަޖެޓަކީ ކުރީ ސަރުކާރުން އެކުލަވާލާފައިވާ ބަޖެޓެއްކަމަށާއި، އެހެންކަމުން އެމަނިކުފާނު ބޭނުންފުޅުވި ހުރިހާ މަޝްރޫޢެއް ބަޖެޓުގައި ނުހިމެނުނުކަމަށް ރައީސް ވިދާޅުވިއެވެ.

މިސަރުކާރު ހަވާލުވިއިރު ގިނަ ރަށްރަށުގައި ގިނަ މަޝްރޫޢުތައް ހުރީ ހުއްޓިފައިކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރައްވަމުން ރައީސް ވިދާޅުވީ، މިސަރުކާރުން ނިންމެވި އެންމެ މުހިންމު އެއް ނިންމެވުމަކީ ފައިސާ ޗާޕުކުރުން ހުއްޓާލުންކަމަށެވެ. ރައީސް ވިދާޅުވީ މިހާރު ފައިސާ ޗާޕްނުކޮށް ލިބޭ އާމްދަނީން މަޝްރޫޢުތައް ފަށައިގެން ކުރިއަށް ގެންދަވާކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި މަދު ފައިސާ މިއަހަރުގެ ބަޖެޓުގައި ޖަހާފައި ވީނަމަވެސް، އެ މަޝްރޫޢުތައް ފެށޭތޯ 4 މަސްތެރޭ މަސައްކަތް ކުރެއްވިކަމަށާއި، އެކަންކަން ކުރިއަށް ގެންދަވާކަމަށެވެ. ރައީސް ވިދާޅުވީ، 50 މިލިއަން ރުފިޔާއިން މަތީގެ ގިނަ މަޝްރޫޢުތައް ޖޫން މަހުގެ ތެރޭގައި ފެށުމަށް މަސައްކަތްކުރައްވާކަމަށެވެ. އޭގެ ތެރޭގައި ބިން ހިއްކުމާއި ބަނދަރު ހެދުންފަދަ މަޝްރޫޢުތައް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ، ބާކީހުރި ގިނަ މަޝްރޫޢުތައް އަހަރުގެ ބާކީ ބައިގައި ކުރިއަށްގެންދަވާނެކަމަށެވެ.
އަދި ބޭރުގެ ދަރަނިތަކުގެ ތެރެއިން ތާވަލާ އެއްގޮތަށް ފައިސާ ދައްކަމުންދާކަމަށާއި، މިހާތަނަށް ޑެޑްލައިނަށް ނުވަތަ ކަނޑައެޅިފާއިވާ ތާރީޚަށް ދައްކަންކުރި ހުރިހާ ދަރަންޏެއް މިހާރު ދައްކަވާފައިވާކަމަށެވެ.

މިއާއެކު އައިއެމްއެފް އަދި ވޯލްޑު ބޭންކުން އެކަން ބަލައިގެންފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެކަން ނުކޮށްފިނަމަ ދަރަނިވެރިވީސްކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ވަނީ މާވަށުގެ ތަރައްޤީއަށް ހިންގުމަށް ނިންމަވާފައިވާ ތަރައްޤީގެ ބައެއް މަޝްރޫޢުތަކަށްވެސް އަލިއަޅުއްވާލައްވާފައެވެ.

"މުޅި ރާއްޖެއަށް މުހިންމީ ބޯހިޔާވަހިކަން. ގިނަ ރަށްރަށުގައި ބިމެއް ނެތް. ބޯހިޔާވަހިކަމަށް ގޯތި ދޭން ނޫނީ މަޝްރޫޢު ހިންގަން ބިން ބޭނުންވާނެ. ކުރިން އޮތީ ތިބޭފުޅުންނަށް 15 ވަރަކަށް ހެކްޓަރުގެ ބިން ހިއްކުން. ރައްޔިތުން ބޭނުންވަނީ އިތުރުކުރަން އަދި އަޅުގަނޑުވެސް ބޭނުމީ އެގޮތް. އިރާދަކުރެއްވިއްޔާ 30 ހެކްޓަރުގެ ބިން ހިއްކާނަން. ވީހާވެސް އަވަހަށް ފެށުމަށް ދަނީ މަސައްކަތްކުރަމުން. ބަންޑުވޯލް ޖަހައި ކުރިއަށް ގެންގޮސް 30 ހެކްޓަރުގެ ބިން ހިއްކާނަން." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި މަޝްރޫޢާއެކު ޒުވާނުންނަށް ބޭނުންވާ ބޯހިހާވަހިކަމަށް ޙައްލެއް ލިބޭނެކަމަށެވެ. އެގޮތުން ބޯހިޔާވަހިކަމަށް މަޝްރޫޢުތައް ހިންގަވާނެކަމަށްވެސް ވިދާޅުވިއެވެ. އަދި އެކަމަށް ލުއި ލޯން ދޫކުރައްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އެގޮތުން މުޅި ރާއްޖެއަށް 5 އިންސައްތައިގެ ކުޑަ އިންޓްރެސްޓުގައި ލޯން ދޫކުރައްވާނެކަމަށާއި އެއީ މާބޮޑު އާމްދަނީއެއް ނުލިބޭ ފަރާތްތަކަށްވެސް އެކަށީގެންވާ ލޯންތަކެއްކަމަށެވެ. މިހާރު ޢާންމުކޮށް ދޫކުރާ ލޯންތަކަކީ 12 އިންސައްތައިގެ ލޯންތަކެކެވެ. ނަމަވެސް ސަރުކާރުން ދޫކުރަނީ ލުއި އަތްފޯރާ ފަށުގެ ލޯންތަކެއްކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ގެދޮރުވެރިކަމށް ހިންގާ މި ޕްރޮގްރާމް ހަގީގަތަކަށް ހައްދަވާނެކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މާލަސްތަކެއްނުވެ މާވަށް ކައިރީގައި ޓޫރިސްޓު ރިސޯޓް ތަރައްޤީކުރުންވެސް ފެށޭނެކަމަށެވެ. އަދި މަގުތައް ތަރައްޤީކުރުމާއި އެނޫންވެސް ގިނަ މަޝްރޫޢުތައް ފުރިހަމަކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ. އެގޮތުން ރަށަށް އުދައެރުން ހައްލުކުރުމުގެ ގޮތުން ރަށް ހިމާޔަތްކުރުމުގެ މަޝްރޫޢެއްވެސް ރައްޔިތުން ބޭނުންވާގޮތަށް ކުރިއަށް ގެންދަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.