ކުޅިވަރު

ގައުމީ އިތުރު ދެ ރިކޯޑެއް ރިހާން އައުކޮށްފި


ތައިލެންޑުގައި މިހާރު ކުރިއަށްދާ އެރީނާ ތައިލެންޑް އޭޖް ގްރޫޕް ސްވިމިން ޗެމްޕިއަންޝިޕްސް 2024 ގައި ވާދަކޮށް މުޙައްމަދު ރިހާން ޝިހާމް ގައުމީ އިތުރު ދެ ރިކޯޑެއް އައުކޮށްފިއެވެ.

އެގޮތުން ފިރިހެނުންގެ ލޯންގްކޯސް 200 މީޓަރު ފްރީސްޓައިލް އިވެންޓުގެ ގައުމީ ރިކޯޑު ރިހާން އައުކޮށްފައި ވަނީ ދެ މިނެޓު 4.75 ސިކުންތުން ރޭސް ފުރިހަމަކޮށްގެންނެވެ. މި ރިކޯޑު މީގެ ކުރިންވެސް އޮތީ ރިހާންގެ އަތުގައެވެ. އެއީ މި އަހަރުގެ ފެބްރުވަރީ މަހު ބޭއްވި 11 ވަނަ އޭޝިއަން އޭޖް ގްރޫޕް އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގައި ވާދަކޮށް ދެ މިނެޓު 5.91 ސިކުންތުން ރޭސް ނިންމައިގެންނެވެ.

މީގެ އިތުރުން ރިހާން ވަނީ ފިރިހެނުންގެ ލޯންގްކޯސް 800 މީޓަރު ފްރީސްޓައިލް އިވެންޓުގެ ގައުމީ ރިކޯޑު މުގުރާލާފައެވެ. މި ރިކޯޑު ރިހާން ހަދާފައިވަނީ ނުވަ މިނެޓު 26.67 ސިކުންތުން ރޭސް ފުރިހަމަކޮށްގެންނެވެ. 800 މީޓަރު ފްރީސްޓައިލް އިވެންޓުގެ ގައުމީ ރިކޯޑު މީގެ ކުރިން ހަދާފައިވަނީ 2018 ވަނަ އަހަރު ބޭއްވި 18 ވަނަ އޭޝިއަން ގޭމްސްގައި މުބާލް ޢައްޒާމް އިބްރާޙީމެވެ. އެ ފަހަރު މުބާލް ރޭސް ނިންމީ 10 މިނެޓު 12.07 ސިކުންތުންނެވެ.

މިއާއެކު ރިހާން ވަނީ ތައިލެންޑް އޭޖް ގްރޫޕް ސްވިމިން ޗެމްޕިއަންޝިޕްސް 2024 ގައި މިހާތަނަށް ތިން ރިކޯޑެއް ހަދާފައެވެ. އެގޮތުން މީގެ ކުރިން އޭނާ ވަނީ ފިރިހެނުންގެ ލޯންގްކޯސް 400 މީޓަރު ފްރީސްޓައިލް އިވެންޓުގެ ގައުމީ ރިކޯޑު އައުކޮސްފައެވެ.