ދުނިޔެ

ޙަލަބްގެ އާންމު ރައްޔިތުން އިންސާނީ ކާރިޘާއެއްގެ ތެރޭގައި


ހަނގުރާމައިގެ ޙަމަލާތައް ވަރުގަދަވުމުގެ ސަބަބުން ސޫރިޔާގެ އުތުރުގެ ބޮޑު ސިޓީއެއްކަމަށްވާ ޙަލަބް ގެ އާންމު ރައްޔިތުން އިންސާނީ ކާރިޘާއެއްގެ ތެރެއަށް ވެއްޓިފައިވާކަމަށް އދ. ން ބުނެފިއެވެ. އދ. ގެ އިންސާނީ އެހީގެ ކަންތައްތަކާބެހޭ އިދާރާއިން ބުނީ ހަލަބްގެ ހުރިހާ ސަރަހައްދުތަކެއްގައި ހަނގުރާމަ ހިނގަމުންދިޔުމުގެ ސަބަބުން އެސިޓީގައި ޑަޒަން ޑަޒަނަށް މީހުންމަރުވެ ކާބޯތަކެއްޗާއި ބޭސް ހުސްވެ އާންމުންގެ ދިރިއުޅުން އިންސާނީ ކާރިސާއެއްގެ ތެރެއަށް ވެއްޓިފައިވާ ކަމަށެވެ.

މީގެ ދެމަހެއްހާ ދުވަސްކުރިން ތަންފީޒުކުރަން ފެށުނު ސޫރިޔާގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއެކު ހަލަބް އަށް އައި ހިމޭންކަން މިހާރުވަނީ މުޅިން ގެއްލިގެން ގޮސްފައެވެ. މިހިމޭންކަން ގެއްލިގެން ދިޔައީ ސޫރިޔާގެ އިދިކޮޅު ޖަމާއަތްތަކުގެ ކޮންޓްރޯލްގެ ދަށުގައިވާ ސަރަހައްދުތައް އަލުން ސަރުކާރުގެ ބާރުގެ ދަށަށް ގެނައުމުގެ އަސްކަރީ ވަރުގަދަ އޮޕަރޭޝަން ސޫރިޔާ ސިފައިން ފެށުމާ ގުޅިގެނެވެ. 

ހަލަބްގެ ބޮޑުބައެއް ރައީސް ބައްޝާރުލްއަސަދުގެ ސަރުކާރުގެ ކޮންޓްރޯލްގެ ދަށުގައިއޮތް ނަމަވެސް އެރަށުގެ އަނެއްބައި ވަނީ ބައްޝާރުގެ ސަރުކާރު ވައްޓާލަން މަސައްކަތްކުރާ އިދިކޮޅު ޖަމާއަތްތަކުގެ އަތްދަށުގައެވެ. ހަލަބް މިނިވަންކުރުމަށް ސޫރިޔާ ސިފައިން ފަށާފައިވާ އަސްކަރީ އޮޕަރޭޝަންގައި ބޮޑަށް ދެމުން ގެންދަނީ ވައިގެ ޙަމަލާތަކެވެ. މިގޮތުން ސޫރިޔާ ގެ އަސްކަރީ ފައިޓަރ ޖެޓްތަކުން ހަލަބް އަށް ބުރާސްފަތިދުވަހު ދިން ވައިގެ ހަމަލާތަކެއް، އިދިކޮޅު ޖަމާއަތްތަކުގެ އަތްދަށުގައިވާ ހޮސްޕިޓަލަކަށް އެރުމުގެ ސަބަބުން، ތިރީސް މީހުން މަރުވެ އެތަށް ބަޔަކު ޒަޚަމްވެފައިވެއެވެ. 

img:http://s2.psmnews.mv/images/660x400/14619358328580.jpg|ސޫރިޔާގެ ޙަލަބް ސިޓީގެ ހޮސްޕިޓަލެއް ހަނގުރާމައިގެ ކުރިން ހުރި ގޮތާއި ހަނގުރާމައިގެ ފަހުން ހުރި ގޮތް

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ސޫރިޔާގެ މުސްތަގިއްލު ޖަމާއަތެއްކަމަށްވާ "ސީރިޔަން އޮބްޒަވޭޓްރީ ފޯރ ހިޔުމަން ރައިޓްސް" އިން ބުނީ ސޫރިޔާ ސިފައިންގެ ޙަމަލާތަކުގައި ގިނައިން މަރުވެފައިވަނީ ބަލިމީހުންނާއި ޑޮކްޓަރުންނާއި ނަރުހުން ކަމަށެވެ. ސޫރިޔާގައި ހަރަކާތްތެރިވާ އދ. ގެ އިންސާނީ އެހީގެ ކަންތައްތަކާބެހޭ ޓާސްކް ފޯސްގެ ވެރިޔާ ޖޭން އީގެލޭންޑް ވިދާޅުވީ ހަލަބް ވަނީ ހަގީގަތުގައިވެސް އިންސާނީ ކާރިސާއެއްގެ ތެރޭގައި ކަމަށެވެ. އެސިޓީގެ ސަރަހައްދުތަކާއި އަވަށްތަކުން މުޅިންވެސް ފެންނަނީ މަރުވެފައިވާ މީހުންގެ ހަށިތައް ވަޅުނުލެވި ކުނިވަމުންދާތަނާއި ޒަޚަމްވެގެން ލޮއޮހޮރެމުންދާއިރުވެސް ހޮސްޕިޓަލަށް ނުގެންދެވި އެތަށްބަޔަކު މަރުވަމުންދާ ވޭނީ މަންޒަރުތައް ކަމަށް އޭނާ ވިދާޅުވިއެވެ. ޒަޚަމްވެފައިވާ މީހުންގެ ގައިން ލޭ ފައިބަމުން ގޮސް އެމީހުން މަރުވަމުންދާއިރުވެސް އެމީހުން ހޮސްޕިޓަލަށް ގެންދިޔުމަށާއި ފަރުވާދިނުމަށް ސިއްހަތާބެހޭ ދާއިރާގައި މަސައްކަތްކުރާމީހުން ނުކުޅެދިފައިވާކަމަށް ޖޭން އީގެލޭންޑް ވިދާޅުވިއެވެ.

" އަހަރެމެންނަށް ފެންނަމުން މިދަނީ ޒަޚަމްވެފައިވާ އެތަށް ބައެއްގެ ގައިން ލޭ އޮހޮރެމުންދާއިރުވެސް އެމީހުންނަށް ފަރުވާދިނުމަށް ހެލްތު ވޯކަރުން ނުކުޅެދިފައިވާ މަންޒަރު، ހެލްތު ވޯކަރުން، އެމީހުންގެ މަސައްކަތްތައް ކުރުމަށް ނުކުޅެދިފައިވަނީ ހަނގުރާމައިގެ ޙަމަލާތައް ޚުދު އެމީހުންނަށްވެސް އަމާޒުވެ ހަމަލާތަކުގެ ޝިކާރައަކަށް އެމީހުން ވަމުންދާތީ." ޖޭން އީގެލޭންޑް ވިދާޅުވިއެވެ. 

img:http://s1.psmnews.mv/images/660x400/14619380923248.jpg|ސީރިޔާގެ ޙަލަބް ސިޓީ ހަނގުރާމައިގެ ކުރިން އަދި ފަހުން

އިންޓަނޭޝަނަލް ރެޑްކްރޮސް ޖަމާއަތުން ވަނީ ހަލަބްގައި ދިރިއުޅޭ އާންމުން އިންސާނީ ކާރިސާއެއްގެ ތެރޭގައިވާ ކަމަށް ސިފަކޮށްފައެވެ. ހަލަބްގައި ހުންނަ ރެޑް ކްރޮސް ޖަމާއަތުގެ އޮފީހުގެ ވެރިޔާ ވޯލްޓަރ ގްރޮސް ވިދާޅުވީ ހަލަބްގެ ހުރިހާ ސަރަހައްދުތަކަކުންވެސް އިވެމުންދަނީ ބޮންއަޅާ އަޑާއި ބަޑިއާއި ރޮކެޓްގެ އަޑުތައްކަމަށެވެ. މިއަޑުތަކާއެކު ކުޑަކުދިން ރޯއަޑާއި އިންސާނުންގެ ވޭނީ އިހްސާސްތަކުގެ އަޑު ހަލަބްގެ ކޮންމެ ގެއަކުންވެސް އިވެމުންދާކަމަށާ މިއީ އިންސާނީ ކާރިޘާއެއްކަމަށް ގްރޮސް ސިފަކުރެއްވިއެވެ. ރިޕޯޓްތައް ބުނާގޮތުން ސޫރިޔާ ސިފައިންނާއި އިދިކޮޅު ޖަމާއަތްތަކުގެ ހަނގުރާމަވެރިން އެއްބަޔަކު އަނެއް ބަޔަކަށް ހަމަލާދީ އަދި ހަމަލާތައް ބަދަލު ކުރަމުންދަނީ ހަލަބްގެ އާންމުން ދިރިއުޅޭ ގެތަކާއި އިމާރާތްތަކުގައި ތިބެގެނެވެ. އެހެންކަމުން ހަނގުރާމައިގެ މައިދާނަކީ އާންމުންގެ ގެދޮރާއި ހޮސްޕިޓަލްތަކާއި ސްކޫލްތަކާއި ފިހާރަތައް ކަމަށާ ހުރިހާ ދިމާއަކުންވެސް އިވެނީ ބަޑީގެ އަޑާއި އިންސާނުންގެ ރުއިމާއި ކެކުޅުމުގެ ވޭނީ އަޑުތައްކަމަށް އެސިޓީގައި ހަރަކާތްތެރިވާ މުރާސިލުން ބުނެއެވެ.