ޚަބަރު

ޢީދުގެ ހަރަކާތްތައް؛ ރައްޔިތުންގެ މޫނުމަތިން ފެނުނީ އުފާވެރިކަމާއި ހިތްހަމަޖެހުން


  • ޢީދު ފާހަގަކުރުމަށް ތަފާތު ހަރަކާތްތައްދަނީ ހިންގަމުން

  • ހަރަކާތްތަކުގެ ތެރެއިން ފެނިގެންދަނީ އެއްބައިވަންތަކަމާއި އެކުވެރިކަން

ފިޠުރު ޢީދު މިއަދު ފާހަގަކުރަމުންދާއިރު މީ ފަހުގެ ތާރީޚެއްގައި މިހާ ކުލަގަދަކޮން ފިޠުރު ޢީދެއް ފާހަގަކުރި ފުރަތަމަ ފަހަރެއެވެ.

ފިޠުރު ޢީދުގެ ހަރަކާތްތައް ފެށިގެން ދިޔައީ މުޅި ރާއްޖެ ދިއްލާލުމުގެ ހަރަކާތުންނެވެ. އަދި މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަންނަނީ އީދާ ގުޅިގެން ތަފާތު ހަރަކާތްތައް ހިންގަމުންނެވެ.

އެގޮތުން ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުމާއި އެއްބައިވަންތަކަމުގެ ސަލާން ކުރުން ވަނީ ކުރިއަށް ގެންގޮސްފައެވެ.

އަދި ރަށްރަށާއި ސިޓީ ކައުންސިލްތަކުގެ އިތުރުން ޖަމްޢިއްޔާ ޖަމާޢަތަކުން އިސްނަގައިގެން އީދު ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ދަނީ ކުރިއަށް ގެންދަމުންނެވެ. އެގޮތުން ވައު ދެމުމާއި، ބޮޑުމަސް ނެރުމާއި، މާލި ކުޅުމާއި، ފެން ކުޅީގެ ހަރަކާތްތައް ވަނީ ބާއްވާފައެވެ.

މާލެ ސަރަހައްދުގައިވެސް މިއަދު ހެނދުނު 9 އަކުން ފެށިގެން ކުޅިވަރުތައް ވަނީ ބާއްވާފައެވެ. މީގެ އިތުރުން މިރޭ މާލޭގައި ސްޓޭޖް ޝޯތަކާއި ހަވާ އެރުވުން ވެސް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

މި ހުރިހާ ހަރަކާތްތަކުން ފެނިގެން ދިޔައީ އެއްބައިވަންތަކަމާއި އެކަކު އަނެކަކަށް އޮތް ލޯތްބެވެ. ކުދި ބޮޑު ގިނަބަޔަކު ކުޅިވަރުގައި ބައިވެރިވެ އުޅުމުގެ ސަބަބުން މުޅި މާހައުލުން ފެނުނީ އުފާވެރިކަމާއި ހިނިތުންވުމުގެ ހިތްގައިމު މަންޒަރުތަކެވެ. މަދުން ނޫނީ ނުލިބޭ މި ފަދަ ފުރުސަތުގައި ކުޑަކުދިން ބައިވެރިވެ އުފާ ކުރަމުން ދިޔުމަކީ އެކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށްވެސް ލިބޭނެ ފައިދާއެކެވެ. އަދި ބުރަކޮށް މަސައްކަތުގައި އުޅުމަށްފަހުވެސް ބޮޑެތި މީހުންނަށްވެސް މި ފަދަ ގޮތަކަށް ކުޅިވަރުގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަ ތުމިވަނީ މިޢީދުގައި ފަހިވެގެން ގޮސްފައެވެ.

" ވަރަށް އުފާވޭ މި ގޮތަށް ހަރަކާތްތައް ރާވާތީ. އަދި ވަރަށް ހިތްހަމަޖެހޭ" ބައިވެރިން ފާހަގަކުރިއެވެ.

ޢީދަކީ އުފާވެރިކަމާއި ހިނިތުންވުމުގެ މުނާސަބަތެކެވެ. ދުނިޔޭގެ އެކި ޤައުމުތަކުގައި އުޅޭ މުސްލިމުން ކުލަގަދަކޮށް ފާހަގަކުރާ އިސްލާމީވަންތަ މުނާސަބަތެކެވެ. އިސްލާމީ މިފަދަ ހަރަކާތްތައް ކުލަ ގަދަކޮށް ފާހަގަކުރުމާއި މުޖްތަމައުގައި އެއްބައިވަންތަކަން އާލާކުރުމަކީ މިއަދުގެ ރައީސުލްޖުމްހޫރިއްޔާވެސް ޚާއްސަ އިސްކަމެއް ދެއްވާކަމެކެވެ.