ޚަބަރު

މިއަދު ހަވީރު 4އިން 6އަށް މާލޭގައި އެއްގަމު އުޅަނދު ދުއްވުން މަނާ


  • އީދު ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް މާލެ ސިޓީ ކައުންސިލުން ދަނީ ކުރިއަށް ގެންދަމުން

  • މިއަދު ހަވީރު 4 ޖަހާއިރު ބޮޑުމަސް ނެރުމާއި މާލި ޕެރޭޑު ކުރިއަށްދާނެ

  • މިރޭ ދިހައެއް ޖަހާއިރު، އަރޓިފިޝަލް ބީޗްގައި ހަވާއެރުވުން އޮންނާނެ

ފިތުރު ޢީދުގެ މުނާސަބަތުގައި މިއަދު ހަވީރު 4އިން 6އަށް މާލޭގައި އެއްގަމު އުޅަނދު ދުއްވުން މަނާ ގަޑިތަކެއްގެ ގޮތުގައި މާލޭ ސިޓީ ކައުންސިލުން ހަމަޖައްސައިފިއެވެ.

މިގަޑިތަކުގައި ދުއްވަން ހުއްދަ އޮތް އުޅަނދުތަކަކީ ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމު އުޅަނދާއި، އެމްބިއުލެންސް، ފުރާމީހުން ބޭނުންކުރުމަށް ހުއްދަދެވޭ އުޅަނދު، ޚާއްސަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ޚާއްސަކުރެވިފައިވާ އުޅަނދު، ޕަބްލިކް ޓްރާންސްޕޯޓްގެ ގޮތުގައި ދެމުންގެންދާ ބަހުގެ ޚިދުމަތުގެ އިތުރުން އެގަޑީގައި ދުއްވުމުގެ ހުއްދަދެވޭ އުޅަނދު ކަމަށް ސިޓީ ކައުންސިލުން ހާމަކުރެއެވެ.

މިއާ ޚިލާފްވާ ފަރާތްތަކަށް އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ 67 އަދި 68 ވަނަ މާއްދާގެ ދަށުން ޓްރާންސްޕޯޓް އޮތޯރިޓީން ފިޔަވަޅުއެޅުމަށް ވަނީ ނިންމާފައެވެ.

ފިތުރު އީދު ދުވަހުގެ ހަވީރުގެ ވަގުތަކީ ހިނގާފައި އުޅޭ ވަގުތެއްގެ ގޮތުގައި ކަނޑައަޅާފައިވާއިރު، މީގެކުރިންވެސް މިފަދަ މުނާސަބަތުތަކާއި ދިމާކޮށް ހިނގާފައި އުޅޭ ވަގުތުތައް މާލޭގައި ކަނޑައަޅާފައިވެއެވެ.

މިއަހަރުގެ ފިތުރު އީދު ކުލަގަދަކޮން ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް މާލެ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ދަނީ ކުރިއަށް ގެންދަމުންނެވެ. އެގޮތުން މިއަދު ހެނދުނު 9:30 އިން ފެށިގެން ރަސްފަންނުގައި ފެންކުޅުން ފަދަ ހަރަކާތްތައް ކުރިއަށް ދިޔައެވެ. އަދި މިއަދު ހަވީރު 4 ޖަހާއިރު ބޮޑުމަސް ނެރުމާއި މާލި ޕެރޭޑު ކުރިއަށްދާނެއެވެ. އެ ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޮލިމްޕަސް ކުރިމަތިން ފެށިގެން އާޓިފިޝަލް ބީޗާ ހަމައަށެވެ. މީގެ އިތުރުން ރޭގަނޑު ވެސް ބައެއް ހަރަކާތްތައް ތާވަލުކޮށްފައިވާއިރު، ރޭގަނޑު 8:30 ގައި އާޓިފިޝަލް ބީޗުގައި ސްޓޭޖް ޝޯވ އެއް ބާއްވާއިރު، ރޭގަނޑު ދިހައެއް ޖަހާއިރު، ހަވާއެރުވުން އޮންނާނެކަމަށް ސިޓީ ކައުންސިލުން ބުނެއެވެ. ހަވާއެރުވުން އޮންނާނީ އާޓިފިޝަލް ބީޗުގައިކަމަށެވެ.