ގެދޮރުވެރިކަމުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގައި އެއްބާރުލުން ދޭނެ މަޖިލީހެއް އިންތިހާބުކުރުން މުހިއްމުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ވެރިކަންކުރާ ކޮންގްރެސް ޕާޓީން މިރޭ ބޭއްވި ސިޔާސީ ހަރަކާތެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ރާއްޖޭގެ އެހެން ސަރަހައްދުތަކެކޭ އެއްގޮތަށް މާލެ ސިޓީއަށްވެސް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ގެދޮރުވެރިކަމުގެ މައްސަލަކަމަށެވެ. ނަމަވެސް މިހާތަނަށް އެ މައްސަލަ ހައްލު ނުވެ އޮތީ އެކަށިގެންވާ މަސައްކަތްތަކެއް ނިމިދިޔަ ސަރުކާރުތަކުން ކޮށްފައިނުވާތީކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ގެދޮރުވެރިކަމުގެ މައްސަލަ ހައްލުކުރަން މިހާރުވެސް މަސައްކަތް ފަށާފައިވާކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެ މަސައްކަތް ކުރިއަށް ގެންދިއުމުގައި ރައްޔިތުންގެ އެއްބާރުލުން ބޭނުންފުޅުވާ ކަމަށެވެ. އެގޮތުން، ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި އެމަނިކުފާނަށް އެއްބާރުލުން ދޭނެ މެންބަރުން އިންތިޚާބު ކޮށްދިނުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ. އަދި ސަރުކާރުގެ ވިސްނުމާ ދެކޮޅު ބަޔަކު މަޖިލީހަށް އިންތިޚާބުކޮށްފިނަމަ މިހާރު ވެސް އިދިކޮޅުގެ މެޖޯރިޓީ އޮންނަ މަޖިލީހުން ކުރިމަތިކުރުވަމުން އަންނަ ދަތިތައް ކުރިމަތިކުރުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މުޅި ދުނިޔޭގައި ވެސް ހަމަގައިމުވެސް އަޅުގަނޑެއް ނުދެކެން މިގޮތަށް މަޖިލީހަކުން ކަން ކުރި ތަނެއް. މިހާރުވެސް ތިން މިނިސްޓަރުން އެތިބީ ރުހުން ނުލިބި. މި ހުރި ހުރިހާ ކަމަކީ ހެކިތައް. ސަރުކާރަށް އެއްބާރުލުން ނުދޭނެ މެންބަރުން މަޖިލީހަށް ހޮވުނީމާ އޭގެއިން ދިމާވާނެ ކަންކަމުގެ ހެކިތައް،" ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނަށް އެއްބާރުލުން ދޭނެ މަޖިލީހެށް އިންތިހާބުކޮށްފިނަމަ ނަތީޖާ ފެނިގެންދާނެ ކަމަށެވެ. އެގޮތުން، މި ފަސް އަހަރު ތެރޭގައި މާލެ ސިޓީގެ ހުރިހާ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ދިމާވެފައިވާ ގެދޮރުގެ މައްސަލަ ހައްލުކޮށްދެއްވާނެ ވިދާޅުވާ ވިދާޅުވުން ރައިސުލްޖުމްހޫރިއްޔާ ތަކުރާރުކުރެއްވިއެވެ..