ޚަބަރު

4 ޕާޓީއަށް ފައިސާ ދޫކޮށްފި، އެމްޑީޕީއަށް ފައިސާ ދޫކުރަން ފޮނުވައިފި


  • ފައިސާ ދީފައިވާ ޕާޓީތަކަކީ ޖޭޕީ، އޭޕީ، އެމްޑީއޭ، ޕީޕީއެމް

  • އެމްޑީޕީއަށް ފައިސާ ދޫކުރުމަށް މާލީ ވުޒާރާއަށް ވަނީ ފޮނުވާފައި

  • ދައުލަތުގެ ބަޖެޓުން 44 މިލިއަން ރުފިޔާ ޕާޓީތަކަށް ދޫކުރާނެ

ދައުލަތުގެ ބަޖެޓުން ފައިސާ ދިނުމަށް ޝަރުޠު ހަމަވާ ސިޔާސީ 4 ޕާޓީއަކަށް މާލީ ވުޒާރާއިން ފައިސާ ދީފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ފައިސާ ދީފައިވާ ސިޔާސީ 4 ޕާޓީއަކީ، ޕީޕީއެމްއާއި އަދާލަތު ޕާޓީއާއި ޖުމްހޫރީ ޕާޓީއާއި އެމްޑީއޭ ކަމަށެވެ. މި 4 ޕާޓީއަށް ފައިސާދޫކުރުމަށް މާލީ ވުޒާރާއަށް ފޮނުވާފައިވާކަން އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވާފައިވަނީ މިމަހުގެ 4 ވަނަ ދުވަހުއެވެ.

މިއަހަރުގެ ދައުލަތުގެ ބަޖެޓުން ފައިސާ ދިނުމަށް ޝަރުޠުހަމަވަނީ ސިޔާސީ 6 ޕާޓިއެއްގައެވެ. އެއީ ޕީޕީއެމްއާއި އަދާލަތު ޕާޓީއާއި ޖުމްހޫރީ ޕާޓީއާއި އެމްޑީއޭގެ އިތުރުން އެމްޑީޕީއާއި ޕިއެންސީއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ސިޔާސީ 4 ޕާޓީއަކަށް ފައިސާ ދޫކޮށްފައިވާއިރު، އެމްޑީޕީއަށްވެސް ފައިސާ ދޫކުރަން މިހާރު މާލީ ވުޒާރާއަށް ފޮނުވާފައިވާކަމަށެވެ. އަދި ސަރުކާރު ހުޅުވުނުހާ އަވަހަށް އެމްޑީޕީއަށްވެސް ފައިސާ ދޫކުރެވޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ. ނަމަވެސް އަދިވެސް ޕީއެންސީއަށް ފައިސާ ދޫކުރަން މާލީ ވުޒާރާއަށް ފޮނުވާފައިނުވާކަމަށާއި، އެއީ އެ ޕާޓީގެ އެކައުންޓު ނަންބަރު އަދި ހަމަނުޖެހޭތީކަމަށް ކޮމިޝަނުން ވިދާޅުވިއެވެ.

ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރުމަށް ނިންމާފައިވާ ސިޔާސީ 6 ޕާޓީއަކީ ދައުލަތުގެ ބަޖެޓަށް މިއަހަރަށް ފާސްކުރިއިރު، ޤާނޫނުގައި ބަޔާންކުރާ ޢަދަދަށް މެމްބަރުން ހަމަވާ ޕާޓީތަކެވެ. ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައިވާގޮތުން ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރާނީ، ރައްޔިތުންގެ މަޖިލީހުން ބަޖެޓް ފާސްކުރާ ދުވަހާ ހަމަޔަށް އެ ޕާޓީއެއްގެ މެންބަރުންގެ ދަފްތަރުގައި 10،000 މީހުން ހަމަވާ ޕާޓީތަކަށެވެ. ސިޔާސީ ޕާޓީތަކަށް ދޫކުރާނީ އެ އަހަރަކަށް ފާސްކުރާ ބަޖެޓުގެ 0.01 އިންސައްތައަށްވާ ފައިސާކަމަށްވެސް ޤާނޫނުގައި ބުނެފައިވެއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، މި ހިނގަމުންދާ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ފާސްކުރިއިރު، ޤާނޫނުގައި ބަޔާންކުރާ ޢަދަދަށް މެންބަރުންހަމަވަނީ އެމް.ޑީ.ޕީ، ޕީޕީއެމް، ޖޭޕީ، ޕީ.އެންސީ، އެމް.ޑީ.އޭ އަދި ޢަދާލަތު ޕާޓީގައި ކަމަށެވެ.

މިގޮތުން މިއަހަރުގެ ބަޖެޓުން ސިޔާސީ 6 ޕާޓީއަށް 44.09 މިލިއަން ރުފިޔާ ދޫކުރުމަށް އިލެކްޝަނަސް ކޮމިޝަނުން ވަނީ ނިންމަވާފައެވެ.

ފައިސާ ދޫކުރާ ޕާޓީތަކާއި ޢަދަދުތައް:

• މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ): 15.1 މިލިއަން ރުފިޔާ
• ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް): 10.4 މިލިއަން ރުފިޔާ
• ޖުމްހޫރީ ޕާޓީ(ޖޭޕީ): 5.3 މިލިއަން ރުފިޔާ
• މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް(އެމްޑީއޭ): 2.4 މިލިއަން ރުފިޔާ
• ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ): 8.0 މިލިއަން ރުފިޔާ
• އަދާލަތު ޕާޓީ: 2.5 މިލިއަން ރުފިޔާ

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ މި ޕާޓީތަކަށް ފައީސާ ކަނޑައަޅާފައިވަނީ ބޮލަކަށް 289.62 ރުފިޔާގެ މަގުންކަމަށެވެ. އެއީ ޖުމުލަ 152،266 މެންބަރުންނެވެ. ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި 10 ސިޔާސީ ޕާޓީއެއް ރަޖިސްޓްރީކޮށްފައި އެބައޮތެވެ.