ޚަބަރު

މަޖިލިސް އިންތިޚާބުގެ ވޯޓުކަރުދާސް މިމަހު 16ގައި އަތޮޅުތަކަށް ފޮނުވަނީ


  • ވޯޓު ކަރުދާސް ފޮނުވާނީ ފުލުހުންގެ އުޅަނދުތަކުގައި

  • މިއިންތިޚާބުގައި 284،663 މީހަކަށް ވޯޓުލެވޭ

  • މަޖިލިސް އިންތިޚާބުގައި 368 ކެންޑިޑޭޓުން ވާދަކުރޭ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވޯޓުލާން ބޭނުންކުރާ ކަރުދާސް މިމަހުގެ 16 ވަނަ ދުވަހު އަތޮޅުތަކަށް ފޮނުވަން ފަށާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ކޮމިޝަނުން ވިދާޅުވީ ރަށްރަށަށް ވޯޓު ކަރުދާސް ފޮނުވާނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ބެލުމުގެ ދަށުން ސަލާމަތާއި ރައްކާތެރިކަމާއެކު ކަމަށެވެ. ކުރިއަށް އޮތް މަޖިލިސް އިންތިޚާބަށް ޗާޕުކޮށްފައިވަނީ ކިހާ ކަރުދާހެއްކަމެއް އިލެކްޝަންސް ކޮމިޝަނުން އަދި ހާމަކޮށްފައެއް ނުވެއެވެ. އިންތިޚާބުތަކާ ބެހޭ ޤާނޫނުގައިވާގޮތުން ކޮންމެ ފޮށްޓަކަށް ފޮނުވާނީ، އެފޮށްޓަކަށް ވޯޓުލާ މީހުންގެ އަދަދަށްވުރެ 1 އިންސައްތަ ކަރުދާސް އިތުރުކޮށެވެ.

މިމަހުގެ 21 ވަނަ ދުވަހު އޮންނަ މަޖިލިސް އިންތިޚާބުގައި 284،663 މީހަކަށް ވޯޓުލުމުގެ ހައްޤުލިބިގެންވެއެވެ. މިފަހަރުގެ އިންތިޚާބުގައި އޮބްޒަރވަރުންނާއި މޮނިޓަރުންނާއި ޕާޓީތަކުގެ މަންދޫބުންގެ ގޮތުގައި 9000 ވުރެ ގިނަ މީހުން ހަރަކާތްތެރިވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 93 ދާއިރާއަކަށް 368 ކެންޑިޑޭޓުން ވާދަކުރެއެވެ.