ޚަބަރު

އިސްލާމިކް ފައިނޭންސްއާ ގުޅޭ މަޝްވަރާތައް ކުރިއަށްގެންދަވައިފި


މޯލްޑިވްސް ސެންޓަރ ފޮރ އިސްލާމިކް ފައިނޭންސްގެ މަސައްކަތްތަކާބެހޭ އުސޫލްތަކުގެ އޮނިގަޑު ޤާއިމްކުރެއްވުމަށް މެލޭޝިޔާ ސަރުކާރާއެކު ދިވެހި ސަރުކާރުން މަޝްވަރާކުރައްވައިފިއެވެ.

މި މަޝްވަރާތަކުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެޑައިގަތީ ފިނޭންސް މިނިސްޓަރ ޢަބްދުﷲ ޖިހާދުއެވެ. އެމަނިކުފާނު މެލޭސިޔާއަށް މި ހަފްތާގައި ކުރެއްވި ޒިޔާރަތުގައި މޯލްޑިވްސް ސެންޓަރ ފޮރ އިސްލާމިކް ފައިނޭންސް އުފެއްދެވުމަށް ބޭނުންވާ ޓެކްނިކަލް އެހީ ހޯއްދެވުމަށް މެލޭޝިޔާގެ ސެންޓްރަލް ބޭންކްގެ ގަވަނަރ މުޙަންމަދު ބިން އިބްރާހީމް، މިނިސްޓަރ އޮފް ފައިނޭންސް އަހްމަދު ހުސްނީ، އަދި މިނިސްޓަރ އޮފް އިންޓަރނޭޝަނަލް ޓްރޭޑް އެންޑް އިންޑަސްޓްރީ މުސްތަފާ މުހަންމަދާ ބައްދަލް ކުރައްވައި ވަނީ މަޝްވަރާތައް ބާއްވަވާފައެވެ. 

މި ބައްދަލުވުންތަކުގައި މޯލްޑިވްސް ސެންޓަރ ފޮރ އިސްލާމިކް ފައިނޭންސްގެ މަސައްކަތްތަކާބެހޭ އުޞޫލްތަކުގެ އޮނިގަޑު ޤާއިމްކުރުމުގެ އިތުރުން އިސްލާމިކް ފައިނޭންސް އަދި ޙަލާލް އިންޑަސްޓްރީއާބެހޭ ކަންކަން ފުރިހަމަ ކުރުމަށް މަޝްވަރާކުރައްވާފައިވެއެވެ.

ފައިނޭންސް މިނިސްޓަރ މެލޭޝިޔާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިހާރު ވަނީ ރާއްޖެ ވަޑައިގެންފައެވެ.