ޚަބަރު

ޢަލީ ވަޙީދަށް ކުރެވެނީ ތުހުމަތުތަކެއް، ފިޔަވަޅު އެޅޭކަށް ނެތް: އެމްޑީޕީ


  • އަލީ ވަހީދުއަށް ކުރެވެނީ ތުހުމަތުތަކެއް ކަމަށް އެމްޑީޕީ ބުނޭ

  • ފިޔަވަޅު އަޅާނީ ދައުވާ ކުރެވޭ ކަމެއް ފެންމަތިވުމުންކަމަށް ބުނި

  • އެމްޑީޕީ ޓިކެޓުގައި އަލީ ވަހީދު ވާދަ ކުރާތީ ގިނަ ބަޔަކު ވަނީ ކަންބޮޑވުން ފާޅުކޮށްފައި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދުގެ މައްޗަށް ކުރާ ޖިންސީ ގޯނާގެ ތުހުމަތުތަކަށް އަދި ފިޔަވަޅު އެޅެން ނެތްކަމަށް އެމްޑީޕީން ބުނެފިއެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ) ގެ މަޖިލިސް އިންތިޚާބު ކެމްޕެއިން ތަރުޖަމާނު، ކެނދިކުޅުދޫ ދައިރާގެ މެންބަރު އަހުމަދު އީސަ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ އަލީ ވަޙީދަށް ކުރެވެނީ ތުހުމަތުތަކެއް ކަމަށެވެ. އީސަ ވިދާޅުވީ ޢަލީ ވަޙީދަށް ފިޔަވަޅު އަޅަން ޖެހޭ ހާލަތެއް އަދި ނެތްކަމަށެވެ.

ޢަލީ ވަޙީދުގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް އެމްޑީޕީން އެއްވެސް ފިޔަވަޅެއް އަޅާފައިނުވާއިރު، ކާށިދޫ ދާއިރާގެ ޓިކެޓު ލިބުނު އަދި މިހާރުވެސް އެ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރުގެ އަތުން ޓިކެޓު އަތުލި މައްސަލާގައި އީސަ ވިދާޅުވީ އެ ދެ ހާލަތަކީ ވަރަށް ތަފާތު ދެ ހާލަތެއް ކަމަށެވެ. އީސަ ވިދާޅުވީ، އަލީ ވަހީދުގެ މައްޗަށް އޮތީ ހަމައެކަނި ތުހުމަތަކާއި އެއަށް ބާރު ދޭން އެވާހަކަތައް ދައްކާފައިވާ ބަޔާންތަކެއް އެކަނި ކަމަށެވެ.

" މިސާލަކަށް އެ މައްސަލައިގަ އިތުރު ހެއްކެއް ހޯދި ތަހުޤީޤީ އިދާރާތަކުން އެ މައްސަލަ އިތުރަށް ތަހުޤީޤުކުރަން ނިންމާ، ތަހުޤީޤުކޮށް ދައުވާ ކުރެވޭނެ އެއްވެސް ކަމެއް ފެންމަތިވެގެން އަތުވެއްޖެ ހާލަތެއްގައި ދެން މި ޕާޓީން އަޅަން ޖެހޭ ފިޔަވަޅު އަޅާނެ. " އީސަ ވިދާޅުވިއެވެ.

ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދުގެ މައްޗަށް ކުރެވޭ ޖިންސީ ގޯނާގެ ތުހުމަތުތައް ކޯޓު މަރުހަލާގައި އޮތްވާ ބަޔާންތައް އަނބުރާ ނެގުމުން އެ މައްސަލަ ޕީޖީން ވަނީ އަނބުރާ ގެންގޮސްފައެވެ. އެ މައްސަލައާއި ގުޅޭ ބައެއް ލިއުންތައް ސޯޝަލް މީޑިއާއި ދާދި ފަހުން އާންމު ވުމާއެކު ޢަލީ ވަޙީދާއި އެމްޑީޕީއަށް ގިނަ ބައެއް ފާޑު ކިއުން ވަނީ އަމާޒުވެފައެވެ.

އެމްޑީޕީގެ ޕާޓީގެ ޓިކެޓުގައި އަލީ ވަހީދު ވާދަ ކުރަން ފުރުސަތުދެއްވައި އަދި ރައްޔިތުންގެ މެދުގައި އޮތް ކަންބޮޑުވުމަށް އެޕާޓީން އެއްވެސް ޖަވާބެއް ނުދޭތީ ވެރިކަން ކުރާ ޕީޕީއެމް/ޕީއެންސީންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.