ޚަބަރު

ބިން ނުހިއްކާ ތަންތަނުން ގޯތި ލިބުނު މީހުންނަށް ލިޔުން ދީފި


  • މިއީ ގޯތި ލިބުނުކަމުގެ ޔަޤީންކަން ދިނުމަށް ދޫކުރާ ލިޔުމެއް

  • ޕޯޓެލް މެދުވެރިކޮށް އެލިޔުން ފެންނާނެ

  • މިހާރު ކުރިއަށްދަނީ ބިން ހިއްކުމުގެ މަސައްކަތް

ނިމިދިޔަ ސަރުކާރުގައި ބިން ނުހިއްކާ ތަންތަނުން ދޫކޮށްފައިހުރި ގޯތިތައް ލިބުނު މީހުންނަށް، ގޯތި ލިބިފައިވާކަން ކަށަވަރުކުރުމުގެ ގޮތުން ވަގުރީ ލިޔުން ދޫކޮށްފިއެވެ.

ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤިއާ ބެހޭ ވުޒާރާއިން ވިދާޅުވީ، "ބިންވެރިޔާ ސްކީމް" ދަށުން ގޯތި ލިބިފައިވާ ފަރާތްތަކަށް ބިން ދޫކުރާނެ ކަމުގެ ޔަޤީންކަން ފޯރުކޮށްދިނުމުގެ ގޮތުން ވަޒީރު ޑރ. ޢަލީ ހައިދަރުގެ ނަމުގައި ބިން ލިބުނު ފަރާތްތަކަށް ލިޔުމެއް ފޯރުކޮށްދީފައިވާކަމަށެވެ. މި ލިޔުން ހިޔާވެހި ޕޯޓަލް މެދުވެރިކޮށް ފެންނާނެކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.

ގުޅިފަޅާއި ގިރާވަރު ފަޅުން ގޯތި ލިބުނު މީހުންނަށް ގޯތީގެ ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ކުރިއަށް ގެންގޮސްފައެވެ. މިދިޔަ ސަރުކާރުގައި ބިން ނުހިއްކާ ތަންތަނުންވެސް ބައެއް މީހުންނަށް ގޯތި ދޫކޮށްފައިވާތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައި ވަނީ، ބިން ނުހިއްކާ ސަރަޙައްދުތަކުން ގޯތި ލިބުނު ފަރާތްތަކަށްވެސް ގޯތި ލިބުނުކަމުގެ ވަގުތީ ލިޔުމެއް ސަރުކާރުން ދެއްވާނެކަމަށެވެ.

ކުރީ ސަރުކާރުން ކުރިއަށް ގެންދިޔަ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން މާލެއިން 9101 މީހަކަށް ވަނީ ގޯތި ލިބިފައެވެ. ނަމަވެސް އެ ސަރުކާރު ނިމުނުއިރުވެސް ގޯތީގެ ރަޖިސްޓްރީއައި ބިން ހަވާލުކޮށްފައި ނުވާ މީހުން އެބަތިއްބެވެ.

ބިންވެރިޔާ ސްކީމްގައި ގޯތި ދޫކުރަނީ، ހުޅުމާލެ، ގުޅިފަޅު އަދި ގިރާވަރުފަޅުންނެވެ. އެގޮތުން ހުޅުމާލެއިން 1351 ގޯތި، ގުޅީފަޅުން 2218 ބިން އަދި ގިރާވަރު ފަޅުން 5432 ގޯތި ދޫކުރުމަށް އޮތީ ނިންމާފައެވެ. ގޯތި ދޫކުރުމަށްޓަކައި އެތަންތަން ހިއްކުމުގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނައިރު، އެތަންތަން ހިއްކަމުން ދަނީ ކުރިން ކަނޑައަޅާފައި އޮތް މިންވަރަށްވުރެ ބޮޑުކޮށެވެ.