ޚަބަރު

އަލްއަޒްހަރުގެ އެހީތެރިކަން އިސްލާމިކް ޔުނިވަރސިޓީއަށް


އިސްލާމިކް ޔުނިވަރސިޓީ ތަރައްޤީކުރުމުގައި އަލްއަޒްހަރު ޔުނިވަރސިޓީން އެހީތެރިކަމާއި އެއްބާރުލުން ދޭނެކަމަށް އެޔުނިވަރސިޓީން ބުނެފިއެވެ.

މިކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވީ އިސްލާމިކް ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިސްރަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އަލްއަޒްހަރު ވެރިންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. ވައިސް ޗާންސެލަރ ވަނީ އެ ޔުނިވަރސިޓީގެ އިސް އިމާމާއި، ރައީސާއި ރިސާރޗް އެކަޑަމީގެ ސެކްރެޓަރީ ޖެނެރަލާއި މިސްރުގެ ހަޔަރ އެޑިޔުކޭޝަން މިނިސްޓަރާ ބައްދަލުކުރައްވާފައެވެ.

އަޒްހަރު ޔުނިވަރސިޓީގެ އިސް އިމާމެއް ކަމުގައިވާ ޑޮކްޓަރ އަޙުމަދު އަލްތައްޔިބު އަރިހަށް ވައިސް ޗާންސެލަރ ކުރެއްވި ޒިޔާރަތުގައި އިސްލާމިކް ޔުނިވަރސިޓީ ތަރައްޤީކުރުމުގައި އަޒްހަރު ޔުނިވަރސިޓީގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާކަމުގައި ވިދާޅުވިއެވެ. މިބައްދަލުވުމުގައި ޑޮކްޓަރ އަޙުމަދު އަލް ތައްޔިބު ވަނީ ދިވެހިރާއްޖެއަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ދެއްވުމުގައި ޚާއްޞަ އަހައްމިއްޔަތުކަމެއް ދެއްވާކަމުގައި ވިދާޅުވެފައެވެ. ޔުނިވަރސިޓީގެ ރައީސް ޑޮކްޓަރ އިބްރާހީމް ސަލާޙް އަލް ހުދޫދާއެކު ބޭއްވި ބައްދަލުވުމުގައި އިސްލާމިކް ޔުނިވަރސިޓީ ތަރައްޤީކުރުމުގައި އެހީތެރިކަން ބޭނުންވާނެ ދާއިރާތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

މިސްރުގެ ހަޔަރ އެޑިޔުކޭޝަން މިނިސްޓަރ ޑޮކްޓަރ އަޝްރަފް މުޙައްމަދުގެ އަރިހަށް ކުރެއްވި ޒިޔާރަތުގައި ވައިސް ޗާންސެލަރ ޑޮކްޓަރ ޝަހީމް ވަނީ ދިވެހިރާއްޖޭގެ ތަޢުލީމީ ދާއިރާ ކުރިއެރުވުމުގައި މިސްރުން މެދުކެނޑުމެއް ނެތި ފޯރުކޮށްދެމުންދާ އެހީތަކަށް ޝުކުރުއަދާކުރައްވާފައެވެ. ހަޔަރ އެޑިޔުކޭޝަން މިނިސްޓަރ ވަނީ މިސްރު ސަރުކާރުން ރާއްޖެއަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

އިސްލާމިކް ޔުނިވަރސިޓީގެ ވައިސް ޗާންސެލަރގެ މިދަތުރުފުޅުގައި އަޒްހަރު ޔުނިވަރސިޓީގައި ކިޔަވަމުން އަންނަ ދިވެހި ދަރިވަރުންނާ ބައްދަލުކުރައްވައި، އަޒްހަރު ޔުނިވަރސިޓީގައި ކިޔެވުމުގެ ފުރުޞަތު ލިބުމަކީ ލިބިދޭ ޝަރަފެއްކަމަށާއި، އޭގެ ބޭނުން އެންމެ ރަގަޅުގޮތުގައި ބޭނުންކުރުމަށް ބާރުއަޅުއްވާފައެވެ.