ޚަބަރު

އިޖުތިމާއީ އެއްބައިވަންތަކަން ދެމެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ވަރަށްބޮޑު އިސްކަމެއްދެއްވާ: ވަޒީރު


  • އީދުގެ އަލިން ދިއްލުމަކީ ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންނެވި ވައުދެއް

  • ޢީދު އަލި ދިއްލުމުން ރައީސްގެ ވަޢުދު ފުރިހަމަކުރައްވާނެކަން ސާބިތުވާކަމަށް ވިދާޅުވި

ރާއްޖޭގެ ރައްޔިތުންގެ އިޖުތިމާޢީ އެއްބައިވަންތަކަން ދެމެހެއްޓުމަށް ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަރަށް ބޮޑު އިސްކަމެއްދެއްވާކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖޭގެ ސިޓީތަކާއި އިދާރީ ދާއިރާގެ މަރުކަޒީ ރަށްތަކުގައި އީދުއަލި ދިއްލުމާއި، ޖުމްހޫރީ މައިދާނުގެ ފައްވާރާ އަލުން އިފްތިތާހް ކުރުމަށް ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުންނެވެ.

ޖުމްޙޫރީ މައިދާނުގައި ބޭއްވި މިހަފްލާގައި ވާހަކަދައްކަވަމުން ވަޒީރު އާދަމް ޝަރީފް ވިދާޅުވީ، ރާއްޖޭގެ ހުރިހާ ސިޓީތަކާއި މަރުކަޒީ އިދާރާތައް، އީދުގެ އަލިން ދިއްލުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވައުދެއްކަމަށެވެ. އަދި ޢީދު އަލި ދިއްލުމުން ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވަޢުދާ އެއްގޮތަށް ކަންކަން ފުރިހަމަ ކުރައްވާނެކަން ރައްޔިތުންނަށް ސާބިތުވެގެންދާ ކަމަށް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މިފަދަ އިޖުތިމާޢީ ކަންކަމަށާއި ކައުންސިލްތައް ހިންގުމާއި ރައްޔިތުން ބާރުވެރިކުރުވުމުގައި ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ސިޔާސަތަކީ ވަރަށް ހަރުދަނާ އަދި ރައްޔިތުން ވަރަށްބޮޑަށް ބާރުވެރިކުރުވާ ސިޔާސަތެއް ކަމަށެވެ.

" ގައުމެއް ކުރިއަރާ ދާނީ އެގައުމެއްގައި ދިރިއުޅޭ ރައްޔިތުންގެ ފުރިހަމަ ބައިވެރިވުމާއި އެއްބައިވަންތަކަމާއި އެކަތިގަޑެއްގެ ގޮތުގައި މަސައްކަތްކޮށްގެން، ރައީސުލްޖުމްޙޫރިއްޔާ، ކައުސިލް ހިންގުމާއި ރައްޔިތުން ބާރުވެރިކުރުވުމަށް ވަރަށް ހަރުދަނާ މަސައްކަތް ކުރައްވާ " ވަޒީރު ވިދާޅުވިއެވެ.

މިރަމަޟާން މަހާދިމާކޮށް ސަރުކާރުން ރައްޔިތުންނަށް ހަދިޔާ ބެހުމާއި އަދި ޢީދު އަލި ރައްޔިތުންނަށް ފޯރުކޮށްދެވުން ފަދަކަންކަމުގައި ވަރަށް މުހިންމު ބޭނުންތަކެއް ހިމެނޭކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ މިކަންކަމަކީ ރައްޔިތުން ވަރަށް ޝުކުރުވެރި ކަމާ އެކު ބަލައިގަންނަ ކަންކަންކަމަށެވެ.
ޚާއްސަގޮތެއްގައި ރަމަޟާން މަހު ފަހުދިހައެއް ސަރުކާރުން ބަންދުކުރުން ވެގެން ދިޔައީ، ރައްޔިތުން އެކަމަށްޓަކާ ވަރަށް ބޮޑަށް އުފާކުރި އަދި އެކަމުގެ ސަބަބުން ރައްޔިތުން ދީނީ އަޅުކަމާއި ވަރަށް ބޮޑަށް ގާތްވުމުގެ ފުރުސަތު ލިބިގެންދިޔަ ކަމެއްކަން ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ މިރޭގެ އީދު އަލި ދިއްލާލުމުގެ ހަފްލާއަށް އެ ވުޒާރާއިން ވަރަށް ބުރަކޮށް މަސައްކަތްކުރައްވާ، ވަރަށް ފުރިހަމައަށް ތައްޔާރުވެފައިވާކަމަށެވެ.