ޚަބަރު

ޓާޓާ ފްލެޓްތައް ވިއްކާނީ 2 މިލިއަން ރުފިޔާއަށް- މިނިސްޓަރ


ކުރީގެ ޢަރަބިއްޔާ ސްކޫލް ހުރި ބިމާއި، ގާކޮށީގައި އެޅުއްވި ފްލެޓްތައް ވިއްކެވުމަށް ހަމަޖެހިފައިވަނީ ކޮންމެ ފްލެޓެއް 2 މިލިއަން ރުފިޔާއަށްކަމަށް ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

އިންޑިޔާގެ ޓާޓާ ކުންފުނިން ކުރީގެ ޢަރަބިއްޔާ ސްކޫލް ހުރި ބިމާއި، ގާކޮށީގައި އަޅާފައިވާ 288 ފްލެޓްގެ މަސައްކަތް އެއްކޮށް ނިމި، އެ ދެތަން މިހާރު ވަނީ ސަރުކާރާ ޙަވާލުކުރައްވާފައެވެ.

ގާކޮށްޓާއި، ކުރީގެ އަރަބިއްޔާ ސްކޫލް ހުރި ބިމުގައި ސޯޝަލް ހައުސިންގ ޔުނިޓްތަކެއް ތަރައްޤީކުރުމުގެ މަސައްކަތް ކޮށްފައިވަނީ ޓާޓާ ކުންފުނިން އުފައްދާފައިވާ ސަބްސިޑަރީ ކުންފުންޏެއްކަމަށްވާ، އެޕެކްސް ރިއަލިޓީ ޕްރައިވެޓް ލިމިޓެޑާއި، އެކުންފުނީގެ ރާއްޖޭގެ ޕާޓްނަރ ހޮޓެލްސް އެންޑް ރިސޯޓްސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޑެޓް، އެޗް.އާރ.ސީ ގުޅިގެނެވެ. އެގޮތުން އަރަބިއްޔާ ހުރި އިމާރާތުގައި 90 އެޕާޓްމަންޓް އަދި ގާކޮށި ހުރި އިމާރާތުގައި 198 އެޕާޓްމަންޓް ހިމެނޭއިރު، މިއިން ކޮންމެ އެޕާޓްމަންޓެއްވެސް ހަދާފައިވަނީ 3 ކޮޓަރިއާއި، 2 ފާޚަނާއާއި އަދި އެޓޭޗްކުރެވިފައިވާ ބަދިގެއެއް ހިމެނޭހެނެވެ.

img:http://s2.psmnews.mv/images/660x400/14619136695219.jpg|ޓާޓާއިން އަރަބިއްޔާ ކޮށީގައި ހަދާފައިވާ ފްލެޓް / ފޮޓޯ: ޕީއެސްއެމް

މި ފްލެޓްތައް ގަންނަން ބޭނުންވާ ފަރާތްތަކުން 5 އަހަރު ދުވަހުގެ ތެރޭ 2 މިލިއަން ރުފިޔާ ސަރުކާރަށް އެއްކޮށް ދައްކާ ހަލާސްކުރަންޖެހެއެވެ. އެހެންނަމަވެސް ފްލެޓްތަކުގެ އަގުތަކާއި ގުޅިގެން ބައެއް އާއްމުންގެ ހުރި ކަންބޮޑުވުންތަކައް އިޝާރާތްކުރައްވާ މިނިސްޓަރ މުޢިއްޒު ވިދާޅުވީ، ސަރުކާރުން ބޭނުންވަނީ ވީހާވެސް ހެޔޮއަގުގައި އާއްމުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްކަމަށާއި، މި އަގަގަކީ ސަރުކާރުން އެންމެ ބޭނުންވި އަގު ނޫންކަމަށެވެ. ނަމަވެސް، މިގޮތަށް ނިންމަވަންޖެހުނީ، ޓާޓާ ކުންފުންޏާއެކު އޭރުގެ ސަރުކާރުން ވެފައިވާ އެގްރީމެންޓުގެ ދަށުން، އެކުންފުނިން މަސައްކަތް ނިންމާ، ސަރުކާރާ ފްލެޓްތައް ހަވާލުކުރާތާ 90 ދުވަހުގެ ތެރޭގައި، ފުލް ޕޭމަންޓް ސަރުކާރުން ދައްކަންޖެހޭގޮތަށް އެއްބަސްވެފައިވާތީކަމަށެވެ. 

މި އެއްބަސްވުމުގެ ދަށުން 21 މިލިއަން ޑޮލަރު އެޕެކްސް ރިއަލިޓީއަށް ސަރުކާރުގެ ފަރާތުން ދައްކަންޖެހޭއިރު، މީގެ ތެރެއިން %20 ފައިސާ ސަރުކާރުން ވަނީ މީގެ ކުރިން އެކުންފުންޏާއި ހަވާލުކޮށްފައެވެ. އަދި ބާކީ %80 ފައިސާ 90 ދުވަހުގެ ތެރޭގައި ސަރުކާރުން ދައްކަންޖެހޭއިރު، މިއީ ނިސްބަތުން ބޮޑު އަދަދަކަށްވެފައި، އެއްފަހަރާއި އެހާ ގިނަ ފައިސާ ދައްކަންޖެހޭތީ، އެ ފައިސާ ހޯދޭނެ އިންތިޒާމެއް ސަރުކާރުން ހަމަޖައްސަވަންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

img:http://s4.psmnews.mv/images/660x400/14619136457784.jpg|ޓާޓާއިން އަރަބިއްޔާ ކޮށީގައި ހަދާފައިވާ ފްލެޓް / ފޮޓޯ: ޕީއެސްއެމް

ހައުސިންގ މިނިސްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވީ، ކުރީގެ ސަރުކާރުން ޓާޓާ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމަކީ ވަރަށް ބޮޑަށް ވަކި ފަރާތަކަށް ގިނަ މަންފާތަކެއް ލިބޭނެހެން ތައްޔާރުކޮށްފައިވާ އެއްބަސްވުމެއްކަމަށާއި، މިކަމަކީ ވަރަށް ގިނަ ބައެއްގެ މަސްލަހަތާއި ގުޅިފައިވާ ކަމަކަށްވެފައި، މި އެއްބަސްވުމަށް އިޙްތިރާމްކުރުމުގެ ގޮތުން ސަރުކާރުން މި މަޝްރޫޢު ކުރިއަށްގެންދެވީކަމަށެވެ. އެހެންނަމަވެސް މި އެއްބަސްވުމަށް ބަދަލުގެނެއުމަށް ސަރުކާރުން އެކި ފަހަރުމަތިން މަސައްކަތް ކުރެއްވިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ގާކޮށްޓާއި، ކުރީގެ އަރަބިއްޔާ ހުރި ބިމުގައި ހަދާ ފްލެޓްތަކުގެ މަސައްކަތް ނިމިފައިވާއިރު، އެޕެކްސް ރިއަލިޓީގެ ފަރާތުން މިހާރުދަނީ އެ ދެތަނުގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ރީޓެއިލް ފިހާރަތަކުގެ މަސައްކަތް އެއްކޮށް ނިންމާ، ކުރިއަށް އޮތް 2 މަސްދުވަސް ތެރޭ އެތަންތަން ވިޔަފާރިވެރިންނަށް ދޫކުރުމަށް ތައްޔާރުވަމުންނެވެ. މީގެ އިތުރުން ސަރުކާރު މުވައްޒަފުންގެ ނާދީ ހުރި ބިމާއި، މާފަންނު އޯޑިއޯން ފިހާރަ ހުރި ބިމުގައި އެޅުމަށް ހަމަޖެހިފައިވާ 120 ފްލެޓްގެ މަސައްކަތް އަންނަ މަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ.